ވިޔަފާރި

ރާއްޖޭގެ ހިތްގައިމުކަން އެރެބިއަން ޓްރެވަލް މާކެޓްގައި

Apr 25, 2017
1
  • ޕްރޮމޯޓް ކުރަން ގިނަ މަސައްކަތްތަކެއް
  • އެރެބިއަން ޓްރެވަލް ފެއާ އޮތީ ދުބާއީގައި
  • މި އަހަރުގެ ސްޓޯލް ހިތް ގައިމު

ރާއްޖޭގެ ހިތްގައިމުކަން ފެންނަ ގޮތަށް ހެދިފައިވާ ބޮޑު ސްޓޭންޑަކާއެކު، އެރެބިއަން ޓްރެވަލް މާކެޓު (އޭޓީއެމް) ގައި ރާއްޖެ އިން ބައިވެރިވަމުން އެބަދެ އެވެ.

ދުބާއީގައި މި މަހުގެ 27 ގެ ނިޔަލަށް ކުރިއަށްދާ އޭޓީއެމް ފެއާގައި ރާއްޖެއިން ބައިވެރިވި ވަފުދުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ލިރާރު އާއި ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ހުސެއިން ނިޔާޒު އެވެ. މީގެ އިތުރުން މި ވަފުދުގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވެސް ބައިވެރިވެ ވަޑައިގަތެވެ.

މި އަހަރު އޭޓީއެމް ފެއާގައި ރާއްޖޭގެ 59 ކުންފުންޏަކުން 125 މީހުން ބައިވެރިވި އެވެ. މި އަހަރު ރާއްޖޭގެ ސްޓޭންޑު ތައްޔާރުކޮށްފައިވަނީ ރާއްޖޭގެ ރީތިކަން ފެންނާނެ ހިތްގައިމު ފޮޓޯތަކާއި ހިތް ދަމައިގަންނާނެ ރީތި ކުލަތައް ހިމަނައިގެންނެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި ރާއްޖެ އަށް މީހުން ހިތް ޖެއްސުމުގެ ގޮތުން މި އަހަރު ގިނަ ކަންތައްތަކެއް ރޭވިފައިވެ އެވެ. މިގޮތުން މި އަހަރު ކުރާ ބައެއް ކަންތައްތަކުގެ ތެރޭގައި ސޯޝަލް މީޑިޔާ ބޭނުންކުރާ މީހުންނަށް ހާއްސަކޮށްގެން ގިނަ ހަރަކާތަކެއް ހިންގާނެ އެވެ. މި ހަރަކާތްތަކުގެ ތެރޭގައި "ހޭޝްޓެކް އޭޓީއެމް" ދުބާއީ އާއި "ހޭޝްޓެކް ވިޒިޓް މޯލްޑިވްސް" ޖަހައިގެން ހިންގާ ސޯޝަލް މީޑިޔާ ކެމްޕޭންތައް ހިމެނޭ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

މީގެ އިތުރުން މި އަހަރު އެންމެ އިސްކަމެއް ދޭނީ ރާއްޖެ އަށް ދަތުރުކުރާ އެއާލައިންތަކާ ބައްދަލުކޮށް ދެ ފަރާތަށް ފައިދާ ހުރި ގޮތުގައި ގުޅިގެން މާކެޓިން ހަރަކާތްއް ކުރިއަށް ގެންދިއުމަށް ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެ އެވެ.

އެރެބިއަން ޓްރެވަލް މާކެޓު އެންމެ ފުރަތަމަ ބާއްވާފައިވަނީ 1994 ވަނަ އަހަރު އެވެ. އަދި މިހާރު މި ފެއާގައި މެދުއިރުމަތީގައި ބާއްވާ ޓްރެވަލް އެންޑް ޓްރޭޑް އެންމެ ބޮޑު ފެއާ އެވެ. މިގޮތުން ކޮންމެ އަހަރަކު ވެސް މި ފެއާއަށް މިހާރު 30،000 މީހުން ޒިޔާރަތް ކުރެ އެވެ.

މެދުއިރުމައްޗަށް ބަލާއިރު ރާއްޖޭގެ ޓޫރިޒަމަށް އެންމެ އުންމީދީ ދެ ގައުމަކީ ޔޫއޭއީ އާއި ސައޫދީ އަރަބިއްޔާ އެވެ. މި ސަރަހައްދުން މިދިޔަ އަހަރު 51،330 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. މި އަދަދަކީ 2015 އަހަރާ އަޅާބަލާއިރު 2.3 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހު އެކަނި ވެސް 7،350 މީހުން މި ސަރަހައްދުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.9 ޕަސެންޓުގެ އިތުރުވުމެކެވެ.