ބުރޫނާއީގައި ފެށި ސުކޫކް މޮޑެލް ލޯ ޕްރޮޖެކްޓްގެ ސަރަހައްދީ ބައްދަލުވުމުގައި މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) އިން ބައިވެރި ވެއްޖެ އެވެ.
ދެ ދުވަހުގެ މުއްދަތަށް ބުރޫނާއީގައި ކުރިއަށްދާ މި ބައްދަލުވުމަކީ އިސްލާމިކް ޑިވެލޮޕްމެންޓް ބެންކް (އައިޑީބީ) އާއި އިސްލާމިކް ޓްރެއިނިން އެންޑް ރިސާޗް އިންސްޓިޓިއުޓާއި ބުރޫނާއީ މަނިޓަރީ އޮތޯރިޓީން ކުރިއަށްގެންދާ ބައްދަލުވުމެކެވެ. މިއަދު ފެށި ބައްދަލުވުމުގައި އެމްސީއައިއެފްގެ ފަރާތުން ބައިވެރިރިވެ ވަޑައިގެންނެވީ މެނޭޖިން ޑިރެކްޓާ އިބްރާހިމް ދީދީ އާއި ޗެއާޕާސަން ޑރ. އައިޝަތު މުނީޒާ އެވެ.
މި ބައްދަލުވުމުގައި ސުކޫކާބެހޭ އެންމެ ފަހުގެ މައުލޫމާތުތަކާއި، ސުކޫކް އިޝޫ ކުރުމުގައި އެކި ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ބެހޭގޮތުން ވާހަކަ ދެއްކާނެ އެވެ. މުނީޒާ ވިދާޅުވީ، ސުކޫކް އިޝޫ ކުރުމުގައި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހެހުމަކީ، ކަމާބެހޭ ހާއްސަ މުއައްސަސާ އެއް ނެތުން ކަމަށާއި މި ބައްދަލުވުމުގައި އެކަމަށް ވާހަކަ ދައްކާނެ ކަމަށެވެ.
ދެކުނު އޭޝިއާގެ ގިނަ ގައުމުތަކެއް ބައިވެރިވާ މި ބައްދަލުވުމުގައި އެމްސީއައިއެފް ގެ އިތުރުން ރާއްޖޭގެ ސުކޫކާގުޅޭ އިތުރު މުއައްސަސާތަކުގެ ވަފްދެއް ވެސް ބައިވެރި ވެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ސުކޫކްއެއް އިޝޫ ކުރީ 2013 ވަނަ އަހަރު އެވެ. ރާއްޖެއަކީ، ދެކުނު އޭޝިއާގެ ސަރަހައްދެއްގައި ފުރަތަމަ ފަހަރަށް އިސްލާމިކް ޓްރެޝަރީ އިންސްޓްރުމެންޓެއް ތައާރަފްކުރި ގައުމެވެ. ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ދަނީ މިއަހަރުގެ ތެރޭ ރާއްޖޭގެ ދެވަނަ ކޯޕަރޭޓް ސުކޫކު އިޝޫ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.