އާސަންދަ

އާސަންދައަށް ކުރާ ހަރަދުކުޑަކުރަން ޓެލަމެޑިސިން ފުޅާކުރަނީ

ދައުލަތުގެ ބަޖެޓުން އާސަންދައަށް ކުރާ ހަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ބަލި މީހާ ކޮންމެ ފަހަރަކު ރާއްޖެއިން ބޭރަށް ފޮނުވުމުގެ ބަދަލުގައި ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ބޭނުންވާ ފަރުވާތައް ވީހާވެސް ބޮޑަކަށް ޓެލަމެޑިސިން ވަސީލަތްތަކުން ހޯދުމަށް ސަރުކާރުން މަސައްކަތް ފަށައިފި އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި އާސަންދައަށް ދައުލަތުން ކުރާ ހަރަދުތައް ކުޑަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމާފަ އެވެ. އެ ފިޔަވަޅުތައް އަޅަނީ އާސަންދަ ސްކީމުގެ ހަރަދުތައް ދެމެހެއްޓެނިވި މިންވަރަކަށް ގެނައުމަށާއި ސްކީމު ހިންގުމުގައި ބޭކާރު ހަރަދުތައް ކުޑަކޮށް އެފިޝަންސީ އިތުރުކޮށް ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް އާސަންދަ ހިންގުމަށް ކަމަށް ބަޖެޓް ފޮތުގައިވެ އެވެ.

އަވަސް އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު ވިދާޅުވީ ޓެލަމެޑިސިން އަކީ ކޮންމެ ބައްޔެއްގައި އަދި ބަލިވާ ކޮންމެ ފަހަރަކު ރާއްޖެއިން ބޭރަށް ނުގޮސް، އެކަމަކު ބޭރުގެ ސްޕެޝަލިސްޓް ޑޮކްޓަރުން މެދުވެރިކޮށް ފަރުވާ ކުރެވޭނެ ނިޒާމަކަށް ވާތީ އެގޮތަށް ފަރުވާ ދެވޭނެ ގޮތްތަކެއް ބަލަމުންދާ ކަމަށެވެ.

ބަލިވާ ކޮންމެ ފަހަރަކު ޑޮކްޓަރެއްގެ ކައިރިއަށް ނުގޮސް ހިދުމަތް ހޯދުމަކީ އާންމުން ބަލައިގެންފައިވާ ހިދުމަތެއްކަން ކޮވިޑް ތެރޭގައި އާސަންދަ އިން ތައާރަފުކުރި ޓެލެ ކޮންސަލްޓޭޝަން ޕްރޮގްރާމުން އެނގިގެން ދިޔަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ބައެއް ކަހަލަ ފަރުވާ ތަކަކީ ސީދާ ޑޮކްޓަރެއްގެ ކައިރިއަށް ގޮސްގެން ނޫނީ ނުވާނެ ކަންކަަމަށް ވާތީ ޓެލަމެޑިސިން ހިދުމަތް ދިނަސް ކޮންމެހެން ޑޮކްޓަރަކަށް ދައްކަންޖެހޭ ހާލަތުގައި ޑޮކްޓަރަށް ދެއްކޭނެ ގޮތް ހަދައިދޭނެ ކަމަށެވެ.

"މިސާލަކަށް ޑެންޓަލް ކަހަލަ ކަމަކީ އަދި ޓެލެ ކޮންސަލްޓޭޝަނަކުން ނިންމޭނެ ކަހަލަ ކަންތައްތަކެއް ނޫން. ބައެއް ފަހަރު ކުރަންޖެހޭ ޕްރޮސީޖާސް، ލޮލުގެ ކަންތައްތައް މިކަހަލަ ކަންތައްތަކަކީ ހަމައެކަނި ޓެލެ ކޮންސަލްޓޭޝަނަކުން ނުވަތަ ޓެލެ ކޮމިއުނިކޭޝަނަކުން ވެސް ނުވެދާނެ ކަންތައްތަކެއް،"

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ވެސް ޓެލެމެޑިސިންގެ ހިދުމަތް ތައާރަފްކޮށް މާލެއާއި އަތޮޅު ތެރޭގެ ބައެއް ހޮސްޕިޓަލްތައް ގުޅާލި އެވެ. އޭރު އެ މަސައްކަތް ކުރީ ހެލްތު މިނިސްޓްރީންނެވެ. އެކަމަކު ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ފަހުން ޓެލެމެޑިސިންގެ ހިދުމަތް އިތުރަށް ފުޅާކުރަން އިސްކަން ދީފައެއް ނުވެ އެވެ.

މަރިޔަމް ޝަފީގު ވިދާޅުވީ ޓެލެމެޑިސިންގެ ހިދުމަތް އަލުން ތަރައްގީކޮށް އެ ނިޒާމުގެ ތެރެއިން ހިދުމަތް ދިނުމަށާއި އެ ހިދުމަތަށް ފައިސާ ދައްކަން ސަރުކާރުން އެންގުމުން ތާޑް ޕާޓީ އެޑްމިނިސްޓްރޭޓާއެއް ގޮތަށް އާސަންދަ އިން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި ޓެލެމެޑިސިންގެ ހިދުމަތުގެ ތެރެއިން ބޭރުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމުތަކެއް ހަމަޖައްސަމުންދާ ކަމަށެވެ.

އާސަންދަ އާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން އެ ހޮސްޕިޓަލްގައި މިހާރު ވެސް ޓެލެމެޑިސިންއާ ގުޅޭ ޔުނިޓެއް ހަދައި ކެންސަރު ބަލީގެ މީހުންނަށާއި ހަމައެކަނި ކޮންސަލްޓޭޝަން އަށް ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ބައެއް މީހުންނަށް އެޕޮއިންޓްމަންޓް ހަމަޖައްސައިދީގެން ބޭރުގެ ސްޕެޝަލިސްޓުން ބައެއް ހިދުމަތް ދެއެވެ.

އޭނާ ވިދާޅުވި ގޮތުގައި އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ދިވެހިން އެންމެ ގިނައިން ފަރުވާ ހޯދަނީ ކެންސަރު ބަލީގެ ކަންކަމުގަ އެވެ. މީގެއިތުރުން ނިއުރޯސާޖަރީއާއި، ކުޑަކުދިންގެ ކޮންޖެނިޓަލް ބައެއް ސާޖަރީތަކާއި، ކިޑްނީ ޓްރާންސްޕްލާންޓް ކުރުމާއި، ހިތަށް ލައްވަންޖެހޭ އެކި ކަހަލަ ޑިވައިސްތައް ލެއްވުމާ ގުޅޭ ސާޖަރީތަކަށް ވެސް ގިނަ ބަޔަކު ފޮނުވަންޖެހެ އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި އާސަންދަ އަށް ކަނޑައަޅާފައިވަނީ 731 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އާސަންދަ އަށް ކަނޑައެޅި ބަޖެޓް އެންމެ ކުޑަކުރި އަހަރެވެ. ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ބަހުސްގައި ބައެއް މެންބަރުން ވަނީ އެކަން ފާހަގަކުރައްވާ ކަންބޮޑުވުން ވެސް ފާޅުކުރައްވާފަ އެވެ.