ޔާމީން ރަޝީދުގެ މަރު

ޔާމީންގެ މަރުގެ ތަހުގީގުގައި ބޭރު ތަޖުރިބާކާރުން ބައިވެރިކުރަން އެދެފި

Apr 25, 2017
5

މިދިއަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އަނިޔާވެރި ގޮތަކަށް މަރާލި ޔާމީން ރަޝީދު މަރުގެ މައްސަލައިގައި އިތުބާރު ހިފޭ ތަހުގީހެއް ހިންގޭނީ ބައިނަލްއަގުވާމީ ފެންވަރުގެ ތަހުގީގީ ތަޖުރިބާކާރުންގެ ބައިވެރިވުމާއެކުގައި ކަމުގައި ގަބޫލު ކުރާ ކަމަށާއި އެފަދަ ފަރާތެއް ތަހުގީގުގައި ބައިވެރިކުރަން ޔާމީންގެ މަންމަ އާއި ބައްޕަ ގޮވާލައިފި އެވެ.

ޔާމީންގެ ބައްޕަ ހުސައިން ރަޝީދާއި މަންމަ މަރިޔަމް ޝަފީގާ، ނޫސްބަޔާނެއް މެދުވެރިކޮށް ބުނީ އެފަދަ ފަރާތެއް ތަހުގީގުގައި ބައިވެރި ކޮށްދިނުމަށް ފުލުހުންނާއި ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދޭ ކަމަށާއި ޔާމީންގެ ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެންދަން ދައުލަތުގެ އެންމެހައި ވަސީލަތްތައް ބޭނުން ކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދެއްވާފައިވާތީ އެކަމަށް މަރުހަބާކިޔާ ކަމަށެވެ.

އެ ބަޔާނުގައި ބުނަނީ ޔާމީނަކީ ނާއިންސާފާއި އަނިޔާ އާއި ފިއްތުންތަކާ ދެކޮޅަށް ތޫނުފިލި ކަމާއެކު ތެދުވި އޯގާތެރި ހިތްވަރުހުރި ޒުވާނެއް ކަމަށާއި އަނިޔާވެރި، ރަހުމްކުޑަ ގަތުލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"... ޔާމިންގެ ޤަތުލަށް 48 ގަޑިއިރު ހަމަވާން ގާތްވާއިރު، މައްސަލައިގައި ތުހުމަތުކުރެވޭ އެއްވެސް ފަރާތެއް އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައި ނުވާއިރު، މި މައްސަލައިގައި އެކަށީގެންވާ އަވަސް މިނެއްގައި ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވާނެ ކަމުގައި އުއްމީދު ކުރަަމެވެ." ބަޔާނުގައި ވެއެވެ. "އަޅުގަނޑުމެންގެ ދަރިފުޅު ދިރިދުނިޔޭގައި ހުރިހިނދު، އޭނާއަށް ލިބެމުން އައި އިންޒާރުތައް ފުރިހަމަ ގޮތުގައި ތަހުގީގު ކުރެވިފައިނުވާކަން ފާހަގަ ކުރަމެވެ. އޮންލައިންކޮށް އަދި އޮފްލައިންކޮށް ޔާމިނަށް އިންޒާރެއް ލިބޭ ކޮންމެ ފަހަރަކު އެކަން އޭނާ ފުލުހުންނަށް ދިޔައީ އަންގަމުންނެވެ. 2016 ޑިސެމްބަރު 22 ވަނަ ދުވަހު މިދެންނެވި ބާވަތުގެ މައްސަލައެއް ރަސްމީގޮތުން ފުލުހުންނަށް އޭނާ ހުށަހެޅި އެވެ. އަޅުގަނޑުގެ ދަރިފުޅަށް މިބާވަތުގެ އިންޒާރު ދެމުން ދިޔައީ ނުހަނު ފާޅުކަން ބޮޑު ގޮތެއްގަަ އެވެ. ބައެއްފަހަރު އަމިއްލަ ނަމުގައިވެސް މެއެވެ."

ބަޔާނުގައި ބުނެފައި ވަނީ ޔާމީން ދިރިހުރި ހިނދު އޭނާއަށް ހިމާޔަތްނުދެވުނު ނަމަވެސް، އޭނާގެ މަރަށް އިންސާފު ހޯދުމުގައި ފުލުހުން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށާއި ރާއްޖޭގައި އަނިޔާވެރި އަމަލުތަކަށް ހިތްވަރުދީ، ގޮވައި، ސީދާ އެބާވަތުގެ ކަންކަން ހިންގާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ނުގެނެވޭކަމީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"... އަދި ވަގަށް ނަގާ ހޯދާ ނުފެނިފައިވާ، ޔާމީންގެ ރަޙްމަތްތެރިޔާ އަހުމަދު ރިލްވާނުގެ މައްސަލައިގަ އާއި، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ އަފްރާޝީމް ޢަލީގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކާއި މިނޫންވެސް ބޮޑެތި ކުށްތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް ވަނީ ވީއްލި މިނިވަންވެފަ އެވެ."