ހަބަރު

ފަނޑިޔާރެއްގެ ވާހަކަ ޒައިދު ސިއްރުން އަޑުހައި ރެކޯޑްކުރި: ދައުލަތް

މާލޭ ސިޓީ ކައުންސިލް މެންބަރު ޒައިދުލް އަމީންއަށް ދައުވާ ކުރަނީ ފަނޑިޔާރެއް ދެއްކެވި ވާހަކަތަކެއް ސިއްރު އަޑުއަހައި، ރެކޯޑްކޮށް، އެއިން ވީޑިއޯ ހަދާ ވިއްކަން އުޅުނު ކަމުގެ ތުހުމަތަށް ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ. މީގެ ތަފުސީލުތަކެއް ހާމައެއް ނުކުރެ އެވެ.

ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒައިދުގެ މައްޗަށް އުފުލާފައި ވަނީ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަ ކުރަން އުޅުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި ގާނޫނީ ބާރު ހިންގުމަށް ދަތިކުރަން އުޅުމުގެ ދައުވާ އެވެ.

ސިއްރުކޮށްގެން ކުރިއަށް ގެންދާ ޒައިދުލް އަމީންގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި އޭނާ ވަނީ އޭނާއަށް ކުރާ ދައުވާތަކަށް އިންކާރު ކޮށްފަ އެވެ. އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ބަލާއިރު މި ތިން ދައުވާގެ އަދަބަކީ ވެސް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

ޝަރީއަތް ނިމެންދެން ޒައިދުލް އަމީން ބަންދުކުރުމަށް ދައުލަތުން މިއަދު އެދުމުން މައްސަލަ ބައްލަވާ ގާޒީ އެގޮތަށް އަމުރު ނެރެދެއްވާފައިވާއިރު ދައުވާތަކަށް ޖަވާބުދާރީވުމަށް އޭނާއަށް ވަނީ ފުރުސަތު ދީފަ އެވެ. އެކަމަށް އަޑުއެހުމެއް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ރެއަށެވެ.