ހަބަރު

ޔާމިން މަރާލި މީހުން ހޯދިއްޖެ، ހައްޔަރުކުރަން މަސައްކަތް ފަށައިފިން: ފުލުހުން

Apr 25, 2017
23

މަޝްހޫރު ބްލޮގަރު އަދި ސޯސަލް މީޑިއާ އެކްޓިވިސްޓް ޔާމިން ރަޝީދު މަރާލި މީހުން ސީސީޓީވީ ފްޓޭޖްތަކުގެ އެހީގަިއ މިހާރު ދެނެގަނެވިފައިވާ ކަމަށާއި އެ މީހުން ހައްޔަރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އޭނާގެ މަރުގެ ތަހުގީގާ ގުޅޭ ގޮތުން ފުލުހުންގެ ކްރައިމް ކޮމާންޑްގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ނަވާޒު ވިދާޅުވީ ޔާމިން މަރާލާފައި އޮއްވާ ފެނުނު، މއ. ސްޕެޓިއުލާގެ ގޭގެ ސިޑި ކައިރިން ތަހުގީގަށް ބޭނުންވާ ހެކިވެސް ހޯދިފައިވާ ކަމަށާއި އެ އަމަލު ހިންގި މީހުން އެ ސަރަހައްދުގައި ހުރި ސީސީޓިވީ ފްޓޭޖްތަކުން ދެނެގަނެވިފައިވާ ކަމަށެވެ.

"ކުށް ހިންގުމުގައި ބައިވެރިވި ކަމަށް ބެލޭވޭ ބަޔަކު ބަޔަކު ސީސީޓީވީ ފުޓޭޖްއިން އަޅުގަނޑުމެންނަށް ވަނީ އެނގިފައި. ހާއްސަކޮށް އެ އަމަލު ހިންގި ކަމަށް ބެލެވޭ ދެ ފަރާތެއްގެ މައުލޫމާތުވެސް ވަނީ އެނގިފައި،" ނަވާޒް ވިދާޅުވި އެވެ. "މި ލިބުނު މައުލޫމާތުތަކުގެ އަލީގައި މި މައްސަލަ ކާމިޔާބުކޮށް ކުށްކުރި ފަރާތް އިންސާފުގެ ކުރިމައްޗައް ގެނެވޭނެ. އެ ކުށްކުރި ފަރާތްތައް ވަނީ ފެނިފައި. މިހާރު ބޭނުން ވަނީ އެ ފަރާތްތައް ހިފާ ހައްޔަރު ކުރަން،"

އެ މީހުން ހައްޔަރު ކުރުމުގެ މަސައްކަތް ވެސް ފުލުހުން މިހާރު ފަށާފައިވާ ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ޖަރީމާ ހިންގި މީހުން ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ. ފުލުހުން ވަނީ ސީސީޓީވީ ފްޓޭޖްތައް މީޑިއާޔާ އާންމުކޮށްފަ އެވެ. ނަވާޒު ވިދާޅުވީ އެ ޖަރީމާ ހިންގި މީހުން ހައްޔަރު ކުރުމުގައި އާންމުންނަށް ދެވެން ހުރި އެއްބާރުލުމެއް ދޭން އެދޭ ކަމަށެވެ.