ދުނިޔެ

އެންމެ ބަރުމީހާ ނުހިކޭ، ހޮސްޕިޓަލުން ހަދަނީ ދޮގު: އާއިލާ

Apr 25, 2017
3

ދުނިޔޭގައި ހުރި އެންމެ ބަރުމީހާ ކަމަށް ކުރިން ދައުވާ ކުރި އީމާން ޢަބުދުލް ޢަތީގެ ބަރުދަން ލުއިކުރަން އިންޑިއާގެ މުމްބާއީގެ ހޮސްޕިޓަލެއްގައި ކުރި އޮޕަރޭޝަނަށް ފަހު ވެސް އޭނާ ލުއިވެފައި ނުވާ ކަމަށް އޭނާގެ ދައްތަ ޝާއިމާ ސަލީމް ބުނެފި އެވެ.

ޝާއިމާ ބުނެފައި ވަނީ އޭނާގެ ބަރުދަން ލުއިވި ކަމަށް ބުނެ ހޮސްޕިޓަލުން ދޮގު ހަދާފައިވާއިރު އޭނާގެ ހާލަތު ވެސް ނާޒުކު ކަމަށެވެ. ސޯޝަލް މީޑިއާގައި ކުރު ވީޑިއޯއެއް އާއްމު ކުރުމަށް ފަހު އޭނާ ބުނެފައި ވަނީ އީމާންއަށް ވާހަކަ ވެސް ނުދެއްކޭ ކަމަށާއި ހަރަކާތް ވެސް ނުކުރެވޭ ކަމަށެވެ.

އޭނާގެ ވާހަކަތައް ދޮގުކޮށް ހޮސްޕިޓަލުން ބުނެފައި ވަނީ އިއްޔެ ވެސް އީމާންގެ ބަރުދަން ބަލާފައިވާ ކަމަށާއި މިހާރު އޭނާ ގައިގައި ހުރީ 172 ކިލޯ ކަމަށެވެ.

އުމުރުން 11 އަހަރުގައި ސްޓްރޯކެއް ވެސް ޖެހިފައިވާ އީމާންގެ ބަރުދަން ލުއި ކުރުމަށް އޮޕަރޭޝަން ކުރި އިރު އޭނާގެ ގައިގައި ހުރީ 500 ކިލޯއެވެ. އޮޕަރޭޝަން ކުރުމަށް އޭނާ އިންޑިއާއަށް ގެންދިއުމާ ހަމައަށް އޭނާ ގެއިން ނުނިކުންނަތާ 25 އަހަރު ވަނީ ވެފައެވެ. މާޗްމަހު އީމާން އިންޑިއާގެ މުމްބާއީއަށް ގެންގޮސް އޮޕަރޭޝަން ކުރުމަށް ފަހު ފަރުވާ ދެމުން އަންނަނީ ޝާފިއީ ހޮސްޕިޓަލް ނަމަކަށް ކިޔާ ހޮސްޕިޓަލެއްގަ އެވެ. އޭނާގެ އޮޕަރޭޝަން ކުރީ ޑރ. މުފައްޒަލް ލަކްޑަވަލާ އިސްކޮށް ހުންނަވައިގެން ޑޮކްޓަރުންގެ ޓީމަކުންނެވެ.

އީމާންގެ ބަރުދަން ލުއިކުރުމަށް ކޮށްފައި ވަނީ ބެރިއެޓްރިކް ސާޖަރީ އެވެ. ބެރިއެޓްރިކް ސާޖަރީއަކީ ނުރައްކާތެރި މިންވަރަށް ފަލަވެފައިވާ މީހުން ހިއްކުމަށް އެހެން ގޮތެއް ނެތުމުން ދޭ ފަރުވާއެކެވެ.