ހަބަރު

ޕާޓީ ހިންގަން ގާސިމާ ބައްދަލުކުރުމުގެ ފުރުސަތު ދޭން އެދެފި

ޖުމްހޫރީ ޕާޓީ ހިންގުމާ ގުޅޭ ކަންކަމާ މަޝްވަރާ ކުރުމަށް ކޮންމެ ދުވަހަކު ގާސިމާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށް ފުލުހުން ކިބައިން އެ ޕާޓީ އެދެފި އެވެ.

ސަރުކާރު ވައްޓާލަން ރާވާކަމުގެ ތުހުމަތުގަ އާއި ނުފޫޒު ފޯރުވަން އުޅުނު ކަމުގެ ތުހުމަތަށް ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފައިވާ ގާސިމާ ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް ޖޭޕީއިން އެދެފައިވަނީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފަށް ފޮނުއްވި ސިޓީއެއްގަ އެވެ.

ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު ފޮނުއްވި އެ ސިޓީގައި ބުނެފައިވަނީ، ޕާޓީ ހިންގަނީ ގާސިމްގެ އިރުޝާދުގެ ދަށުން ކަމަށެވެ. އެހެންކަމުން ކޮންމެ ދުވަހަކު ވެސް އޭނާއާ ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް އެދޭ ކަމަށެވެ.

މީގެ ކުރިން ޕާޓީތަކުގެ ލީޑަރުން ބަންދުކޮށްފައި ތިބިއިރު އެ ޕާޓީތަކަށް ބައްދަލުކުރަން ފުރުސަތު ލިބުނު ކަމަށާއި ނަމަވެސް ޖޭޕީއަށް އެ ފުރުސަތު ނުލިބޭތީ އެކަން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ.

އެ ކޮމިޝަންގެ ރައީސާ އައިމިނަތު އީނާސަށް ޖޭޕީއިން ފޮނުއްވި ސިޓީގައި ވަނީ ގާސިމް ބަހައްޓާފައިހުރި ގޮޅިއާމެދު ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ގޮޅިއަކީ ވައި ދައުރު ނުވާ ގޮޅިއެއް ކަމަށް ބުނެފައި ވެސް ވެއެވެ. ކުރިން ކޯޓުން ވަނީ ވައި ދައުރުވާ ތަނެއްގައި ގާސިމް ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. އެހެންކަމުން އެކަން އެޗްއާރްސީއެމްއިން ބަލައިދިނުމަށް ވަނީ އެދިފަ އެވެ.

ގާސިމް ހައްޔަރުކޮށްފައި ހުންނެވިއިރު އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލައި ޝަރީއަތް ވެސް ވަނީ ފަށާފަ އެވެ. އެ ދައުވާތައް ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ދިމާކޮށް މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވަން އުޅުއްވި ކަމަށް ތުހުމަތުކޮށެވެ.