މެނޭޖްމަންޓުގެ ދާއިރާގައި ދުނިޔޭގެ ބޮޑެތި ގައުމުތަކާ އެއް ފެންވަރުގައި ގޮތްކިޔޭ ބަޔަކަށް ދިވެހިން ވާންޖެހޭ ކަމަށާއި އެކަން ކުރުމުގެ ގާބިލްކަން ދިވެހިންގެ ކިބައުގައި ހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން މިއަދު ކުރުނބާގައި ފެށި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ދުނިޔޭގެ ބޮޑެތި ނިންމުންތަކާއި ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ބައެއް ކުދި ގައުމުތަކުން ހަރަކާތްތެރިވާ އިރު ރާއްޖެއަކީ ވެސް ލެޝާ ޓޫރިޒަމް އާއި ހޮސްޕިޓަލިޓީ މެނޭޖްމަންޓުގެ ދާއިރާގައި ދުނިޔޭ ފެންވަރުގައި ބަސްވިކޭނެ ގައުމެއް ކަމަށެވެ. އެހެންކަމުން ދުނިޔޭގެ މެނޭޖްމަންޓު ދާއިރާގައި ދިވެހިން އިސް ސަފުތަކުގައި ނުތިބެވޭންވީ ސަބަބެއް ނެތް ކަމަށާއި އެ ފެންވަރަށް ދިވެހިންގެ ވިސްނުން ކުރިއަރައި ނުގަނެވޭންވީ ވެސް ސަބަބެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެންގެ ދަރިން ސްކޫލުތައް ނިމޭއިރު އެ އުޅޭ ބެޗަކުން އެއްވަނަ ހޯދާ. އަދި ދުނިޔޭ ފެންވަރުގައި ވެސް އެންމެ މޮޅު ކުދިންގެ ގޮތުގައި އެ ކުދިން ކިޔަވާ ނިންމާލާ. އެންމެ ކުރިއަރާފައިވާ ސިކުންޑިތަކެއްގެ ގޮތުގައި ދެން އޮތް މަރުހަލާއަށް ފަށަނީ. އެހެންވެއްޖިއްޔާ އަޅުގަނޑޫމެންނަށް ދުނިޔޭގެ މެނޭޖްމަންޓުގައި ލީޑް ނުުރެވޭންވީ ކީއްވެތޯ؟" ސައީދު ސުވާލު ކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ބައިނަލްއަގުއާމީ ދުނިޔޭގައި ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ބާރަށް ކުރިއަރަމުންދާ ގައުމުތަކު ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށާއި ރާއްޖޭގައި ހިނގާ ކުދިކުދި ކަންކަން ބޭރުގެ މީޑިއާތަކުގައި ގަދައަށް ދެކެވޭ ކަމަށެވެ. އެހެންކަމުން ލެޝާ މެނޭޖްމަންޓާއި ހޮސްޕިޓަލިޓީ ދާއިރާއަށް ދުނިޔެއަށް ގޮތް ކިޔަން ނުކުތުމަކީ ހަޑިކަމަކަށް ނުވަތަ ބީރައްޓެހި ކަމަކަށް ނުވާނެ ކަމަށެވެ.