ރިޕޯޓް

ޔާމީންގެ ގަތުލުގައި ދެ މީހުން، 32 ހަމަލާ، ތިން މިނެޓް!

Apr 27, 2017
21
  • ޔާމިން މަރާލީ އެންމެ އަނިޔާވެރިކޮށް
  • ސީސީޓީވީތަކަށް މަންޒަރު އަރާނެ
  • މައްސަލައާ ގުޅިގެން މީހަކު ހައްޔަރެއްނުކުރޭ

މަޝްހޫރު ބްލޮގަރު އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދަށް ބަޔަކު ހަމަލާދީ ރަހުމް ކުޑަކޮށް ގަތުލުކޮށް މަރައި ވައްޓާލީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އޮފީސް ނިންމާލާފައި ގެއަށް އައި ވަގުތު އޭނާ ދިރިއުޅެމުން ދިޔަ މއ. ސުޕެޓިއުލާގެ ސިޑި ކައިރިއަށެވެ. އެގޭ ސިޑިކައިރިއަށް ޔާމީންގެ ފުރާނަ ނެތް މަސްގަނޑު ވެއްޓިފައި އޮތީ އެތައް ޒަހަމްތަކަކާ އެކު ލޭކޯރު ދެމި ދެމި އެވެ. އެ ރަހުމް ކުޑަ ގޮތެއް ފޮތެއް ނެތް ޖަރީމާ ހިންގި މީހުން ފަހައި ފުލުހުންގެ ތަހުގީގު ޓީމް މިވަގުތު ވެސް ދުވަމުން އަންނަ އިރު އެމަރު ނިއުޅިގެން އައި ގޮތާއި މިވަގުތަށް ތިލަވެފައި ހުރި ހެކިތަކުން ޔާމީން ގަޔަށް ތޫނުއެއްޗަކުން ހަމަލަދީ ޒަހަމްކޮށްލި ގޮތް ދެނެގަނެވިދާނެ އެވެ.

އެންމެން ނިދައި މަގުތައް އަމާންވެފައި ވަނިކޮށް ހިންގި މި ގަތުލުގައި އެންމެ މުހިންމު އެއް ހެއްކަކީ އެ ސަރަހައްދުގެ ވަށައިގެން ހުރި ސީސީޓީވީ ކެމެރާތަކެވެ. ހަމަ ގައިމުވެސް ކެމެރާތަކުގެ ލޮލަށް ފިލައިގެން އެއްވެސް ކަމެއް ނުކުރެވޭނެ އެވެ. އެމަރު ހިންގި ގޮތުގެ ފުރިހަމަ މަންޒަރު ސީސީޓީވީ ފްޓޭޖްތަކަށް ހުންނާނީ ރެކޯޑްވެފަ އެވެ.

ސީސީޓީވީގެ ލޮލަށް ސިރެއް ނުވާނެ

ޔާމިން މަރާލާފައި އޮތް އޭނާ ދިރިއުޅޭގޭގެ ވަށައިގެންވާ ސަރަހައްދުގައި ޖުމްލަ 24 ސީސީޓީވީ ކެމެރާއެއް އެބަ ހުއްޓެވެ. އެއީ އެގޭގެ ލިފްޓް ކައިރީގައި ހުރި ކެމެރާ ވެސް ހިމެނޭ ގޮތަށެވެ. އޭގެ ތެރެއިން ބައެއް ކެމެރާތައް މަސައްކަތް ނުކުރި ނަމަވެސް މުހިންމު ދިމާތަކުގައި ހުރި ކެމެރާތަކުގެ ސީސީޓީވީ ފްޓޭޖްތައް ލިބެން އެބަ ހުއްޓެވެ. ފުލުހުންގެ ދެ ކެމެރާއެއް ހުރީ ތަންކޮޅެއް ދުރުގަ އެވެ. ސުޕެޓިއުލާގެ އަރާގޮތަށް އިސްކަންދަރު މަގުގައި ހުރި މުހިންމު ދެ ކެމެރާއެއްގެ ސީސީޓީވީ ފްޓޭޖްތައް ދިރާސާކުރި އިރު، ޔާމީން އަށް ހަމަލާދިން ވަގުތާއި އެ ހަމަލާގައި ބައިވެރިވީ ކިތައް މީހުން ކަމާއި އެ މީހުންނަކީ ކޮންބައެއްކަން ދެނެގަނެވޭ ވަރަށް އެ މަންޒަރުތައް ވަނީ ރިކޯޑްވެފަ އެވެ.

ފުލުހުންގެ ތަހުގީގަށް އަދި މިއަށް ވުރެވެސް ގިނަ ސީސީޓީވީ ފްޓޭޖްތައް ލިބިފައި ހުންނާނެ އެވެ. އެހެން ކަމުން ޔާމީންއަށް ދިން މުޅި ހަމަލަ ސީސީޓީވީއަށް ރިކޯޑްވެފައި އޮތުމަކީ ގާތްކަމެކެވެ. އެއީ އެ ގޭގެ ސިޑި ކައިރީގައި ހުރި ސީސީޓީވީ ކެމެރާ ވެސް އެވަގުތު މަސައްކަތް ކުރާކަން ކަށަވަރުވެފައި ވާތީ އެވެ. ބޮކި ނިންވާލާފައި ހުރި ނަމަވެސް، ފްޓޭޖްތައް އެންހޭސްކޮށްގެން ބަލައިފި ނަމަ ޔާމިނަށް ހަމަލާ ދޭ މަންޒަރު ވެސް ފެންނަށް އޮންނާނެ އެވެ.

ހަމަލާ ދިނުމަށް ނެގީ ހިނދުކޮޅެއް، ދުރާލާ ފާރަލީ

ސީސީޓީވީ ފްޓޭޖަތަށް އިތުރަށް ފީނައި ދިރާސާ ކުރާއިރު އާދަޔާ ހިލާފު ކަމަކަށް އެންމެ ފުރަތަމަ ވެސް ފާހަގަވަނީ ރިޔާސީ ހިނގުމުން އައިސް އިސްކަންދަރު މަގަށް ފައިމަގުގައި އައި ދެ ޒުވާނަކު ސުޕެޓިއުލާގެ ތެރެއަށް މެންދަމު 2:27ގަ ވަންނަ މަންޒަރެވެ. އޭގެ ތެރެއިން އެކަކު ހުންނަނީ އަތް ދިގު ގޮޅި ޖެހި ގަމީހެއް ލައިގެންނެވެ. އަދި އަނެއް މީހާގެ އިސްތަށިގަނޑު ދިގެވެ.

ޔާމީން އެރޭ އޮފީހުން ނުކުތީ ދަންވަރު 2:00 ގެފަހުން ކަން އޭނާގެ އޮފީސް ކުއްޖަކަށް ފޮނުވި މެސެޖަކުން ކަށަވަރުވެ އެވެ. އެހެން ކަމުން 2:28 ގައި އެގޭގެ ތެރެއަށް ވަންނަނީ ޔާމީން ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އަދި ޔާމީން އަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވެނީ އޭގެކުރިން ސުޕެޓިއުލާގެއަށް ވަތް ދެ މީހުންނަށެވެ. އެ ދެ މީހުން އެ ގޭގެ ތެރެއިން ނުކުމެގެން ސައިކަލްތަކެއްގައި އިސްކަންދަރު މަގުން ކުރިއަށް ނައްޓާލަނީ އޭގެ ތިން މިނިޓް ފަހުން 2:31ގަ އެވެ. އެމަގުގައި ހުރި އެހެން ކެމެރާއެއްގެ ފްޓޭޖުން ފެންނަ ގޮތުގައި ހަމަލާދިން ކަމަށް ބެލެވޭ މީހުން ސައިކަލެއްގައި އެ މަގުން ވަރަށް ބާރު ސްޕީޑްގައި ފަހަތް ބަލަމުން ދުއްވާފައިދާ މަންޒަރު ފެނެ އެވެ.

ޔާމީން އެގެއަށް ވަތް ވަގުތާ ދިމާކޮށް، އިސްކަންދަރު މަގާއި ރިޔާސީ ހިނގުމާއި ގުޅޭ ކަންމަތީގައި މީހަކު ހިނގާލަ ހިނގާލަ ހުންނަތަން ފެނެ އެވެ. ބެލެވޭ ގޮތުގައި އޭނާ އަކީ އެ ހަމަލާ ދެމުން ދިޔަ ވަގުތު މީހަކު އާދޭތޯ އެ ސަރަހައްދުގައި ފާރަލާން ހުރި މީހެކެވެ. އަދި ޔާމީން ގެއަށް ވަންނަތާ ކުޑައިރުކޮޅެއްގެ ތެރޭ އެގެއާ އިންވެގެން ހުންނަ ކެފޭއެއްގެ ކުނި ހުސްކުރަން ޕިކަޕެއް އައިސް މަޑުކުރެ އެވެ. އަދި ޔާމިނަށް ހަމަލަދިން މީހުން އެގެއިން ނުކުމެގެން ދަނީ އެ ޕިކަޕަށް ކުނިއަރުވަމުން ދަނިކޮށެވެ. އެހެން ކަމުން ޕިކަޕްގައި ތިބި މީހުންނަށް އެ މީހުން ފެނިފައި އޮތުން ގާތެވެ. އަދި ކުނިއުފުލާ ޕިކަޕާއި ޔާމިނަށް ހަމަލަދިން ކަމަށް ބުނާ ދެމީހުން އެތަނުން ނައްޓާލިތަނާހެން އެ ގެ އާ އިންވެގެން ހުރި ކެފޭއިން މީހަކު ނިކުމެ ކެފޭގެ ދޮރުމަތި ސާފުކުރާތަން ފެނިގެންދެ އެވެ.

ޔާމީން މަރުވިކަން ޔަގީން ކުރި

ސީސީޓީވީ ފްޓޭޖުން ފެންނަ ގޮތުގައި ޔާމީންއަށް ހަމަލާދިން މީހުން ސުޕެޓިއުލާގެއިން ނުކުމެގެން ދިޔަ ފަހުން އިތުރު މީހަކު 2:38 ގައި އެގެއަށް ވަދެ އެވެ. އަދި އިރުކޮޅެއްނުވެ އެމީހާ ނުކުމެގެންދެ އެވެ. ބެލެވޭ ގޮތުގައި އެމީހާއަކީ ޔަމީން މަރުވިތޯ ޔަގީން ކުރުމަށް އެގެއަށް ވަތް މީހާ އެވެ. އެމީހާ ނުކުމެގެންދާތާ ފަސް ވަރަކަށް މިނެޓް ފަހުން ސުޕެޓިއުލާގެއަށް އިތުރު މީހަކު ވަދެ އެވެ. އޭނާ ނުކުމެ ފުލުހަށް ރިޕޯޓުކުރާ މަންޒަރުފެނެ އެވެ. އަދި 2:49 ގައި ފުލުހުންގެ ސައިކަލެއް ސުޕެޓިއުލާގެ ކައިރިއަށް މަޑުކޮށް އިތުރު ފުލުހުންނަށް އަންގަ އެވެ. އޭގެ ކުޑައިރުކޮޅެއް ތެރޭގައި ފުލުހުންގެ ކާރެއް އެގެ ކައިރިއަށް ގޮސް ޔާމީން އަރުވައިގެން ގެންދާ މަންޒަރުފެނެ އެވެ.

  • 2:27 -- ދެ މީހަކު ރިޔާސީ ހިނގުމުން އައިސް އިސްކަންދަރު މަގުގައި ހުންނަ ސްޕެޓިއުލާ ގެއަށްވަދޭ.
  • 2:28 -- ޔާމީން އައިސް ސްޕެޓިއުލާގެއަށް ވަދޭ.
  • 2:29 -- އިތުރު މީހަކު އިސްކަންދަރު މަގުގައި ހިނގާލަ ހިނގާލަ ހުރޭ.
  • 2:30 -- ސްޕެޓިއުލާ ގެއާއިންވެގެން ހުރި ކެފޭއިން ކުނި ތަކެއް ޕިކަޕަކަށް އަރުވާ.
  • 2:31 -- ކުނިތައް އަރުވަނިކޮށް ދެމީހަކު ސްޕެޓިއުލާގެއިން ނުކުމެ ސައިކަލުގައި ނައްޓާލާ.
  • 2:38 -- އިތުރު މީހަކު ސްޕެޓިއުލާގެއަށް ވަދެފައި އަނެއްކާ ވެސް ނުކުމެގެންދޭ.
  • 2:43 -- އެހެން މީހަކު އަނެއްކާ ވެސް ސްޕެޓިއުލާ ގެއަށްވަދެ ނުކުމެ، ފުުލުހުންނަށް ރިޕޯޓް ކުރޭ.

މި ހުރިހާ ކަމަކަށް ބަލާއިރު ޔާމިން އޮފީހުން ނުކިތީއްސުރެ ގެޔަށް ވަނުމާ ހަމަޔަށް ބަޔަކު އޭނާއަށް ފާރަލަ އެވެ. ބެލެވޭ ގޮތުގައި އޭނާގެ ފަސްފަހަތުން ފާރަލީ ހަމަލާ ދިނުމަށް އެގެޔަށް ވަތް ދެ މީހުން ކަމަށްވުން އެކަށީގެންވެ އެވެ. އެއީ އެ މީހުން އެ ގެޔަށް އައިސް ވަނީ ޔާމީން ގެޔަށް ވަނުމުގެ މިނެޓެއް ކުރިން ކަމަށްވުމެވެ. އަނެއް ސިނާރިއޯ އަކީ އިތުރު ބަޔަކު އޭނާއަށް ފާރަލުމެވެ. ކޮންމެ ސިނާރިއޯއެއް ކަމުގައި ވިޔަސް ޔާމީންއަށް ހަމަލާ ދިނުމުގެ މުޅި ޖަރީމާގައި އަމަލީ ގޮތުން ފަސް ވަރަކަށް މީހަކު ބައިވެރިވެފައިވާނެ އެވެ. ނަމަވެސް ޔާމީން ގަޔަށް ވަޅި ހަރައި "ކޮށާލީ" ހަމަގައިމު ވެސް ދެ މީހެއްކަން ގައިގައި ހުރި ކަމަށް ބުނާ ޒަހަމްތަކާއި ސީސީޓީވީ ފޫޓޭޖް ތަކުން ދޭހަވެ އެވެ. ދެން ހޯދަން ޖެހެނީ އެމަރު ހިންގީ ކޮން މަގުސަދެއްގައިތޯ އާއި އޭގެ އެންމެ އަޑީގައި ތިބި މީހުންނެވެ.

ޔާމީން މަރާލީ އެންމެ އަނިޔާވެރިކޮށް

އައިޖީއެމްއެޗްގެ ރިޕޯޓްތައް ދައްކާ ގޮތުން ޔާމީންގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާން ދޭން ފެށީ ދަންވަރު 3:15 ހާއިރު އެވެ. ޔާމީންގެ މަރު ސާބިތު ކުރިކަމަށް ރިޕޯޓްކޮށްފައި ވަނީ 3:48 ހާއިރު އެވެ. އެހެން ކަމުން ޔާމީން މަރުވީ ހޮސްޕިޓަލަށް ގެންދިޔަތާ މާގިނައިރުތަކެއް ނުވަނީހެވެ. ޔާމީންގެ ހަށިގަނޑުގައި ހުރި ކަމަށް ބުނާ ޒަހަމްތަކަށް ބަލާއިރު އޭނާއަށް ދެ މީހަކު ވަޅިން ހަމަލާދީފާނެ ކަމަށް ބެލެވޭ ގޮތްތައް ދެނެގަނެވިދާނެ އެވެ. އެގޮތުން ޔާމީންގެ ބޮލުގެ ފުއްކިބަޔާއި ނިތްކުރި މަތީގައި ވެސް ފުން ޒަހަމުތަކެއް ހުރިކަން އެނގޭ އިރު، އެންމެ ފުރަތަމަ ހަމަލާދިނީ އޭނާގެ ބޮލަށް ކަމަށް ބެލެވިދާނެ އެވެ. އަދި ބޮލަށް އެނބުރުން އެރި ވަގުތު އޭނާ އިދިފުށަށް ވެއްޓުމުން، މޭގެ އެތައް މިތަނަށް ވަޅި ހަރައި ޔާމީންގެ ދުވަސް ދުއްވާލީ ކަމަށްވުން ކައިރި އެވެ. އެއީ އޭނާގެ މޭ މަތީގައި 14 ޒަހަމެއް ހުރިކަމަށް ޔާމީންގެ ހަށިގަނޑު ފެނުން މީހުންގެ ބަހުންހާޟވެ އެވެ. މި ހުރިހާ ކަމެއް ކަށަވަރު ކުރެވޭނީ ފުލުހުންގެ މުޅި ތަހުގީގު ނިމުމުންނެވެ. މިއީ އަދި ލަފާކުރުންތަކެކެވެ.

ގާތިލުން އަތުލައިގަތުން! އެންމެ ބޮޑު ޗެލެންޖް

ރާއްޖޭގައި މިހާތަަށް ރާވައިގެން ހިންގާފައިވާ ބޮޑެތި ގަތުލުތަކުގައި ބައިވެރިވި މީހުން އެކަން ކުރަނީ ވެސް ރާއްޖެއިން ފިލައިގެން ދެވޭނެ ގޮތްތައް ދުރާލައި ހޯދައި އެކަމަށް ތައްޔާރުވެފަ އެވެ. ޔާމީން މަރާލީ ކޮންބައެއްކަން ފުލުހުންގެ ތަހުގީގުން މިހާރު ދެނެގަނެވިފައިވާ އިރު އަދި މީހަކު ހައްޔަރު ކުރެވިފައިވާ ކަމަށް ފުލުހުން ނުބުނެ އެވެ. އެހެން ކަމުން އަފްރާޝީމް އާއި ރިލްވާން ގެއްލުވާލުން ފަދަ މިފަހުން ހިންގި އެންމެ ބޮޑެތި ޖަރީމާތަކުގައި ބައިވެރިވި ކަމަށް ބެލެވޭ ގިނަ ބަޔަކު ފުލުހުންގެ އަތުން ދޫވެގެން ރާއްޖެ ދޫކޮށް ވަނީ ގޮސްފަ އެވެ. އެހެން ކަމުން މި މަރުގެ ތަހުގީގު ކޮޅެއްގައި ޖެއްސުމަށް ފުލުހުންގެ ތަހުގީގަށް އޮތް ބިރަކަށް ވާނީ ވެސް މި މީހުން ރާއްޖެއިން ފިލައިގެން ގޮސްފާނެތީ އެވެ. ދެން އޮތް މަރުހަލާ އަކީ މިއީ ކޮން މަގުސަދެއްގައި ކޮން ބަޔަކު އަޑީގައި ތިބެގެން ހިންގި ކަމެއްތޯ ބެލުމެވެ. އެއީ ކޮންމެހެން ވެސް ފުލުހުން ޖަވާބު ހޯދަން ޖެހޭ ސުވާލެކެވެ. ކޮންމެ ގޮތެއް ވިޔަސް އާއިލާއިން ބޭނުން ވަނީ މި މަރަށް އިންސާފު ހޯދާށެވެ. ކިތަންމެ ދަތީގައި ކިތަންމެ ދުވަހަކު ގަނަ ތެޅެން ޖެހުނަސް ޔާމީންގެ އާއިލާއިން އިންސާފު ނޫން ދެވަނަ ދެކަމެއް ބޭނުމެއް ނުވާނެ އެވެ.