ރާއްޖޭގައި ތަފާތު ދީންތައް އިހުތިޔާރު ކުރުމުގެ މިނިވަންކަން އޮތުމަށް ވަކާލާތު ކުރާ ފިކުރަކާއި އިސްލާމް ދީނުގެ ނަމުގައި ސީދާ ބޭރުގެ ޓެރަރިސްޓް ޖަމާއަތްތަކަށް ހަނގުރާމައަށް ފޮނުވާ، ހަރުކަށި ފިކުރެއްގެ އަޑުތައް ކުއްލިއަކަށް ގަދަވާން ފެށީ 2010 އާއި 2011 އެހާ ހިސާބެއްގަ އެވެ. އެއީ ސަރުކާރާ ދެކޮޅަށް އައިސިސްގެ ދައުލަތެއް ރާއްޖޭގައި ގާއިމް ކުރުމަށް ބޭނުންވާ ފަރާތްތަކުން ދިދަ ހިފައިގެން މާލޭގައި މުޒާހަރާ ކުރުމާއި ގާނޫނުއަސާސީގައި "ހަމައެކަނި އިސްލާމް ދީން" ކަމަށް ބުނެފައި އޮތުމާ ދެކޮޅަށް ހިމޭން މުޒާހަރާތައް އަޓިފިޝަލް ބީޗުގައި ހިނގި ދުވަސްވަރެވެ.
އެކަންކަން އެންމެ ބޮޑަށް ފެށިގެން އައި އޮކްޓޫބަރު 1، 2012 ގައެވެ. އެއީ ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް ގަތުލުކޮށްލި ދުވަހެވެ. އެއީ ފަހުގެ ތާރީހެއްގައި އެންމެ ކޮންޓްރަވާޝަލް އަދި އެންމެ ގިނަ ދުވަހު ހަގީގަތް ނޭނގި ދެމި އޮތް މައްސަލަ އެވެ. އަދި އެއީ އެފަދަ ގިނަ ހަމަލާތަކުގެ ވެސް ފެށުމެވެ. އޭގެ ތެރޭ އަހުމަދު ރިލްވާން ރަހީނު ކުރުމާއި އޭނާގެ ސާކަލްގައި ހިމެނޭ ޔާމީން ރަޝީދު ވެސް މަރާލުން ހިމެނެ އެވެ.
މި ވާހަކަތަކަކީ އެކި އިރު އެކި ގޮތްގޮތަށް ދައްކާ އެކި ފަންތީގައި އަނބުރާ ތުހުމަތު ކުރެވޭ މީހުންގެ ސްކޯޕް ބޮޑުވަމުންދާ މައްސަލަތަކެކޭ ބުންޏަަސް ދޮގަކަށް ނުވާނެ އެވެ. މިދިޔަ ހަތް އަހަރު ނުހިނދި "ފުރޮޅާލަ ފުރޮޅާލައި" އޮވެ، އިއްޔެ ވަނީ ރިލްވާންގެ މަރުގެ ފަހަަތުގައިވާ ހަގީގަތް ކަމަށް ބުނެ ގިނަ ވާހަކަތަކެއް އެއްފަހަރާ ބަންޑުންކޮށްލާފަ އެވެ. އެ ވާހަކަތަކަށް ދިޔުމުގެ ކުރިން އެ މައްސަލާގައި ސްޕެކިއުލޭޓް ކުރެވުނު ކަންކަން އަލުން ބަލައިލަންވެސް ޖެހެ އެވެ.
ރިލްވާން ގެއްލުނު ދުވަސްވަރު ސަރުކާރުގެ ބާރުގަދަ ފަރާތްތަކުގެ އަމަލު ހުރި ގޮތުންނާއި އޭނާ ގެއްލުމުގެ ކުރިން އިންޒާރުތަކެއްގެ ވާހަކަ ގާތް އެކުވެރިއެއް ގާތު އާއި ޓްވިޓާގައި ލިޔެފައިވާތީ އޭނާގެ ރަހީނު ކުރި ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވުނެވެ. އަދި އޭރު ވެސް އޭގެ ފަހަތުގައި ހަރުކަށި ބަޔަކާއި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ އަތެއްވާ ކަމަށް ތުހުމަތު ކުރި އެވެ.
ދެކެވުނު ބައެއް ވާހަކަތަކަކީ އަދީބާއި ދިއްގަރު ދާއިރާގެ އޭރުގެ މެންބަރު އަހުމަދު ނާޒިމް ދެމެދު ވާދަވެރިކަން ބޮޑުވެ އެ މީހުންނާ ބެހޭ މައުލޫމާތުތަކެއް ރިލްވާންއަށް އެނގުނީ އެވެ. ޑިމޮކްރަސީ ނެޓްވޯކުން އޭރު ނެރުނު ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ގޮތުން އެ ދުވަސްވަރު އަދީބުގެ ޕާސަނަލް ލެޕްޓޮޕެއް ގެއްލުނެވެ. އަނެއްކޮޅުން އޭނާގެ ކޮރަޕްޝަންގެ، ބޮޑު މައްސަލައެއްގެ މައުލޫމާތު ނޫސްވެރިއެއްގެ އަތަށް އެރި އެވެ. އެ ނޫސްވެރިޔަކީ ރިލްވާން އެވެ. -- ރިލްވާން ވަނީ މަރުވެފަ އެވެ. ޑިންގީއަކަށް އަރުވައިގެން ގޮސް ކަނޑުފައްތައިފަ އެވެ. މިއީ އެއްވެސް އަސާސެއް ނެތި އޭރު ދެކެވުނު ވާހަކަތަކެވެ. --
މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަން އިން އިއްޔެ ވަނީ އެ ވާހަކަތަކުގައި ގާތްގަނޑަކަށް އެއްކޮށް މަތި އަޅައިފަ އެވެ. މުޅި މައްސަލަ އެކީ ގެންގޮސް ލާފައި ވަނީ ހަރުކަށި ފިކުރުގެ "ގޮޅިއަށެވެ." އޭގައި ސިޔާސީ މީހުންގެ މާ ބޮޑު ރޭވުންތަކެއް އަދި އެ މީހުންގެ މޯޓިވް ނުވަތަ ރިލްވާން މަރާލުމުގެ ނިޔަތެއް އޮންނަން ޖެހޭ ކަމަކަށް ނުފެނުނެވެ. އެ ބައިތައް ކެނޑުމަށް ފަހު ހަމައެކަނި އޮތީ ހަރުކަށި ފިކުރުގެ ބައެވެ. މައްސަލާގެ މޯޓިވް ވެސް އަދި މަރާލުމުގެ މިޝަން ވެސް ގުޅެނީ ހަރުކަށި ފިކުރުގެ ޖަމާއަތަކަށެވެ. ސިޔާސީ ވާހަކަތައް ގާތްގަނޑަކަށް އޮބިއްޖެ އެވެ. -- އެކަމަކު އިއްޔެ މި ދެކެވުނު ވާހަކަތަކަކީ ގައުމީ ސަލާމަތަށާއި ރާއްޖޭގެ ޓޫރިޒަމަށް އޮތް ނުރައްކަލާއި ދެރަ ކުޑަ ވަހަކަތަކަކަށް ގާއިމުވެސް ނުވާނެ އެވެ.
ރިލްވާން މަރާ ގުޅިގެން ދެއްކި އެނގޭ ވާހަކަތައް
އޮގަސްޓު 8، 2014 ގައި މާލޭގައި ވަޒީފާ އަދާކޮށްފައި ނިދަން ހުޅުމާލެއަށް ދިޔަ މަގުމަތީ ބަޔަކު ދިޔައީ ރިލްވާންއަށް ފާރަލަމުންނެވެ. ރިލްވާން ގެއްލުނު ކަމަށް ބުނާ ދުވަހުގެ ރޭ އޭނާގެ ހުޅުމާލޭ ފްލެޓުން މީހަކު ގަދަކަމުން ނެރެ ކާރަކަށް އެރުވި އެވެ. ރިލްވާން ރޮއިގަތް އަޑު ކައިރީ ތިބި ފްލެޓުގެ އެހެން ބަޔަކަށް ވެސް އިވި ބޯދިއްކޮށްލައި ބަލައިލި އެވެ. ކާރަކަށް އަރުވައިގެން ރިލްވާން ގެންގޮސް ޑިންގީއަކަށް އެރުވި އެވެ. އަދި ޑިންގީއެއްގައި އެހެން ބޯޓަކަށް ގެންގޮސް އޭނާ މަރާލި އެވެ.
މިއީ ރިލްވާންގެ މަރުގެ ހާދިސާ ހިނގި ގޮތާ ބެހޭ ގޮތުން ގާނޫނީ ބާރު އޮތް މަރު ކޮމިޝަނުން އިއްޔެ ހާމަ ކުރި ވާހަކަތަކެވެ. އެހެން ނަމަވެސް މީގެ ފަސް އަހަރު ކުރިންނާއި އޭގެ ފަހުން ވެސް އެކި ދިމަ ދިމާލުން ރިލްވާންއަށް ވީ ގޮތުގެ ވާހަކަ ދައްކަމުން އައި ހަމަ މި ގޮތަށެވެ.
ރިލްވާންގެ މަރާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މެންނަށް އެނގިފައިވާ ވާހަކަތަކެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޖަލުގައި އޮވެގެން ކާނަލް ނާޒިމާއި ރައީސް މުހައްމަދު ނަޝީދަށް ހަދާލި ގޮތާ ބެހޭ ގޮތުން އަހުމަދު އަދީބު ބަޔާނެއް ނެރުއްވި ދުވަސްވަރު ސޯޝަލް މީޑިއާގައި ފޭކް އެކައުންޓުތަކަކުން އަދީބުގެ ކުށެއް ނެތް ގޮތަށް ބަޔަކު ދައުރު ކުރި ބަޔާނެއްގައި ވެސް ވަނީ މި ވާހަކަތައް މިގޮތަށް ކިޔާ ދީފަ އެވެ. މިފަހަރު ތަފާތަކަށްވީ ރަސްމީ ޕްލެޓްފޯމްއަކުން އެ ވާހަކަ ދެއްކުމެވެ. އަދި އެވެސް ގާނޫނީ ބާރާއެކު އެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވާ ގޮތުގައި މަރު ކޮމިޝަން އިން ހާމަކޮށްފައި ވަނީ ރިލްވާންއާ ގުޅޭ ގޮތުން ފުލުހުން ހޯދާ ނިންމާފައި ހުރި ވާހަކަތަކެވެ. އޭގައި އާ އެއްވެސް ވާހަކައެއް ހާމަކޮށްފައި ނުވާ ކަމަށް އުމަރު ވިދާޅުވެ އެވެ.
އުމަރު ވިދާޅުވި ގޮތުގައި އޭނާ މިނިސްޓަރު ކަމުގައި ހުންނެވިއިރު އެ މައުލޫމާތުތައް ހާމަ ނުކުރެއްވީ ދައުލަތެއްގެ ފަރާތުން މީހަކު މަރުވި ކަމަށް ބުނެވޭނެ ދެ ހާލަތް ވެސް ކަށަވަރު ނުވާތީ އެވެ. އެ ދެ ހާލަތަކީ މަރުވި މީހާގެ ހަށިގަނޑު ފެނުން ނުވަތަ މަރާލި މީހާގެ ބަހުން ނުވަތަ އެހެން ބައެއްގެ ބަހުން ޝަރުއީ ކޯޓެއްގައި ސާބިތުވުމެވެ.
އެހެން ނަމަވެސް 2015 ވަނަ އަހަރު އަދީބު ޖަލަށް ލެވުމާ ގުޅިގެންނާއި އޭގެ ފަހުން އެތައް ފަހަރަކު ވެސް ރިލްވާންގެ އާއިލާއާ ބައްދަލުކޮށް މިއިން އެއްވެސް މައުލޫމާތެއް އެނގިފައިވާ ކަމެއް ނުބުނެ އެވެ. އަދި އެ މައްސަލަ ޝަރީއަތަށް ހުށަހެޅިގެން މައްސަލަ ކުރިޔަށް ދިޔައިރު ވެސް މުޅި ޝަރީއަތުގައި ފުލުހުންގެ ހެއްކަކީ "ރަތް ކާރުން ފެނުނު އިސްތައްޓެކެ"ވެ. އެ ނޫން އެހެން ކަމެއް ނެތެވެ.
އޭގެ އިތުރުން ރިލްވާނަށް ފާރަލަމުންދާ ކަމާއި ރިލްވާން ޓާގެޓަކަށްވެފައިވާ ކަން ފުލުހުންގެ އިންޓެލިޖަންސްއަށް މާ ކުރިން އޮތީ އެނގިފަ އެވެ. އޭނާގެ ދުވަސް ދުއްވާލި އިރު ވެސް އެ މައުލޫމާތުތައް އޮތީ ރަނގަޅަށް ފައިލްކޮށްފައި ޕާކުކޮށްލާފަ އެވެ. އެ ވާހަކަ ނުވެސް ދައްކަ އެވެ.
އަޑީ ދައުލަަތުގެ ވާހަކަ ރަނގަޅަށް ހަރުލައިފި!
ރިލްވާންގެ މަރުގެ ހަގީގަތް ހާމަ ކުރަން އިއްޔެ ގާތްގަނޑަކަށް އެއް ގަޑިއިރާއި 10 މިނެޓަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ޓައިމްލައިންއެއް ހަދާލާނަމަ އެއް ކަމެއް ފާހަގަވާނެ އެވެ. އެއީ ނޫސްވެރިންގެ ބައްދަލުވުމުގެ ފުރަތަމަ 40 މިނެޓު ހޭދަވީ ބެކްގްރައުންޑް މައުލޫމާތަކަށެވެ. ސީދާ ރިލްވާން މަރާލި ގޮތުގެ ވާހަކަ ދެއްކީ 15 މިނެޓަށެވެ. ބާކީ އޮތީ ސުވާލު ވަގުތެވެ.
ޕްރެސްގައި މައިގަނޑު ގޮތެއްގައި އަމާޒުވި ވާހަކަތަކުގެ ތެރެއިން ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުން ތިބޭ ކަމާއި އެ މީހުންގެ އަމަލުތައް ހުރި ގޮތުގެ ޕެޓާންތައް ހާމަ ކުރި އެވެ. އެކި ސްޓޭޖުތަކުގައި މީހުންގެ ތުނބުޅި އާއި ފައިކުރި ހުންނާނެ މިންވަރަށް ދަންދެން އެހާ ޑީޓެއިލްކޮށް ވާހަކަތައް ހާމަ ކުރެއްވި އެވެ. ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު އުފެދުނު ފަހުން ސިފައިން މުޅި ރާއްޖޭގައި ބޮޑު ދިރާސާތަކެއް ހެދުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ހާމަ ނުކުރާ ވަރަށް އަދި އޭރު ނުދައްކާ ނޭނގޭ ވާހަކަތަކާއި އޭރު ދެއްކި ބައެއް ވާހަކަތަކާ ފުށު އަރާ މައުލޫމާތުތައް ވެސް ކޮމިޝަން އިން "ދިރާސާކޮށް ހޯދައި" އެކަން ހާމަ ކުރި އެވެ.
މަރު ކޮމިޝަންގެ އިތުރުން ދެން ރާއްޖެ "ޓެރަރިސްޓުންގެ ހާއްޔަކަށް" ހަދައިގެން ދެން ވާހަކަ ދައްކާފައި ވަނީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ރާއްޖެއިން މީހުން ރެކްރޫޓު ކުރާ މިންވަރާއި މިސްކިތްތަކުގައި އެކަން ކުރާ ގޮތާއި އެކަމުގެ ބޮޑު މިނާއި ބިރުވެރިކަން ހަމަ އެއް ޒާތަކަށް ދައްކާ ފިޔަވަޅު އަޅަން ބާރު އަޅުއްވަނީ އެމަނިކުފާނެވެ.
ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ ރޮނގު ކޮބާ؟
މަރުގެ ކޮމިޝަން އިން އާންމުންނަށް ތިލަކޮށްދިން ވާހަކަތަކަށް ބަލައިލާނަަމެވެ. 2009 ނުވަތަ 2010 ހިސާބުގައި ބޭރުގެ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އަލްގައިދާއާ ރާއްޖެ ގުޅުނެވެ. އަބޫ ބަކުރު އަލް ބަޣުދާދީ އިސްލާމިކް ސްޓޭޓު އިއުލާން ކުރުމާ ގުޅިގެން ރާއްޖޭގައި ހިނގަމުން ދިޔަ އަލްގައިދާ ޖަމާއަތުގެ ލީޑާޝިޕް ދެބައިވެ އެ ޖަމާއަތް ދެ ބަޔަކަށް ބެހިގެން ދިޔަ އެވެ.
އޭގެ ފަހުން ވަރުގަދަ ދެ ޖަމާއަތެއް ރާއްޖޭގައި ހަރަކާތްތެރިވެ ރެކްރޫޓު ކުރަމުން ދިޔަ އެވެ. އާންމު ގޮތެއްގައި ރެކްރޫޓު ކުރަނީ އެކަނިވެރިހެން ހީވާ ޅަފުރައިގެ ކުދިން ހޯދައިގެނެވެ. ފުރުގާން މިސްކިތާއި ނޫރު މިސްކިތަކީ ރާއްޖޭގެ ދެ "ހެޑްކުއާޓަރެކެވެ." ގިނަ ސެލްތަކަކަށް ބަހާލައިގެން ފުލުހުންނަށް ނުހޯދޭނެ ފަދަ ގޮތަކަށް ރޭވިގެން ބޮޑެތި ކުށްތައް ކުރަމުން އެބަދެ އެވެ. ބޮޑެތި ފައިސާ ފޭރިގަނެ ސީދާ ބޭރުގެ ޓެރަރިސްޓު ޖަމާއަތްތަކަށް ފޮނުވަ އެވެ. އަދި ދިވެހި ވިޔަފާރިތަކުގައި ބައިވެރިވެ އޭގެން އެ ޖަމާއަތްތައް ވަރުގަދަ ކުރެ އެވެ.
ހެކިވެރިންތަކެއްގެ ބަޔާންތަކެއްގެ މައްޗަށް ބިނާކޮށް ދެއްކެވި އެ ހުރިހާ ވާހަކަތަކެއް ހަމަ ހަގީގަތަކަށް ވެދާނެ އެވެ. ގިނަ ބައެއް ވާހަކަތަކަކީ މިހާރު ވެސް އެނގޭ ކަންކަމެވެ. އެކަމަކު ކަންބޮޑުވެ އުފެދޭ ސުވާލަކީ އާންމު މަސްލަހަތަށް ބުރޫ އަރާފާނެ ހެއްޔެވެ؟ ގައުމީ ސަަލާމަތަށް ނުރައްކާވެދާނެ ރޮނގު ދަމާލަން ޖެހޭ ހިސާބު ކޮބާ ހެއްޔެވެ؟
"އައިސިސް އިން ރާއްޖޭގައި ބޮޑެތި ޖަރީމާ ހިންގާ މީހުން މަރާ ވާހަކަތައް ސިޔާސީ މީހުންތަކެއް އަރައި މީޑިއާގައި އެހާ ހާމަކަން ބޮޑު ގޮތެއްގައި ދެއްކުމަކީ ގައުމީ ސަލާމަތަށް ވަރަށް ބޮޑަށް ނުރައްކާވާނެ ކަމެއް. އެފަދަ ކަންކަމަށް ފިޔަވަޅު އެޅެން ޖެހޭ. އެކަމަކު މަޝްވަރާތައްކޮށް ވާހަކަތައް ބާއްވަން ޖެހޭނީ އެތެރޭގައި. އެމްއެންޑީއެފް އާއި ކައުންޓާ ޓެރަރިޒަމް އަދި ފުލުހުން ވެސް އެ ވާހަކަތައް ނުދައްކަނީ އެހެންވެ،" މި މައްސަލަަތަކުގެ މައުލޫމާތު އެނގޭ އިސް ބޭފުޅަކު "އަވަސް" އަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނުގެ އެތައް މާއްދާއެއްގައި ގައުމީ ސަލާމަތަށް ނުރައްކާތެރިވާ ވާހަކަ އާއި އާންމު މަސްލަހަތު ގެއްލިދާނެ ފަދަ ވާހަކަތައް ދެއްކުން ވަނީ މަނާކޮށްފަ އެވެ. ރައްޔިތުންގެ މަޖިލީހުގައި ގައުމީ ސަލާމަތާ ބެހޭ ސިއްރު ކޮމިޓީތައް ހިނގަނީ މިފަދަ މައްސަލަަތައް ގެންގޮސް ހައްލު ކުރާށެވެ. އާންމުކޮށް އިއުލާން ނުކޮށް އުސޫލުން ކަންތައް ކުރުމުން ނަތީޖާއަށް އަވަހަށް ވާސިލުވާނެތީ އެވެ.
އޭގެ އިތުރުން އާންމު ބައެއް ބާވަތްތަކުގެ ވިޔަފާރިތައް ލޭބަލްވެފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. ހަރުކަށި ފިކުރުގެ މީހުން ކަންނެލި ދޯނި ދުއްވުމާއި ތަރުކާރި އާއި ފޮތި ފިހާރަތައް ހިންގާ ކަަމަށް ބުނުމުން އާންމު މަސްލަހަތު ވަރަށް ބޮޑަށް ގެއްލިގެން ދާނެ އެވެ. އޭގެ ކޮޅުމަތި މިހާރު ވެސް ފެންނަން ފަށައިފި އެވެ. މިސްކިތްތަކަށް ކުޑަ ކުދިން ނުފޮނުވުމަށާއި ބައެއް ފިހާރައެއްގެ ސޭޓު ތުނބުޅިއެއްލާފައި ހުރެއްޖެ ނަމަ ބޮއިކޮޓު ކުރަން ގޮވާލާ އަޑުތައް ސޯޝަލް މީޑިއާ ތެރޭގައި ގަދަ އެބަވެ އެވެ. މިއީ މުޅިން އާ ކަމެއްގެ ފެށުން ހެއްޔެވެ؟
އެމްޑީޕީގެ ބޮޑު ސަރުކާރު އިންގިލާބުކޮށްލާފައި ވަނިކޮށް އަފްރާޝީމް އަވަހާރަ ކޮށްލުމާއި އެއަށް ފަހު ހިނގައިދިޔަ ބޮޑެތި ކޮންޓްރަވާޝަލް ކަންކަމަށް ފަހު މިއަދު އަލުން އެ ޕާޓީގެ ވެރިކަން މި އޮތީ އެނބުރި އައިސްފަ އެވެ. ހުރިހާ މަރެއްގެ މިސްރާބު ގަނޑުކޮށް އެނބުރިފައި މިވަނީ އެއް ދިމާލަކަށެވެ. "ހަރުކަށި" ގޮޅިއަށް ފެތިފަ އެވެ. ސުވާލަކީ އާ ވާހަކަތަކާއެކު ފެންމަތިވަމުން އަންނަ އާ މައްސަލަތަކަށް ސަރުކާރުން ހައްލު ހޯދާނީ ކިހިިނެތް ހެއްޔެވެ؟