ހަބަރު

ރިލްވާން ރިޕޯޓް ދިރާސާ ނުކޮށް 241 ކޮމިޓީ ޗުއްޓީއަށް ނުދާނެ

ރައްޔިތުންގެ މަޖިލީހުގެ މިއަަދުގެ ޖަލްސާއަށްފަހު، މަޖިލީހުގެ މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވި ނަމަވެސް ޗުއްޓީގެ ތެރޭގައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މެންބަރުން ނިންމެވި ގޮތުގެ މަތިން މިއަދުގެ ޖަލްސާއަށް ފަހު މި ހިނގާ ދައުރު ނިމިގެން މަޖިލީހުގެ މެންބަރުން ޗުއްޓީއަށް ވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް 241 ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ޗުއްޓީ ދުވަސްވަރު ކުރިއަށް ދާނީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާލި މައްސަލާގައި، މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ތަހުގީގުކޮށް އެކުލަވައިލި ރިޕޯޓް ދިރާސާ ކުރުމުގެ މަސައްކަތެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއަދު އެ ރިޕޯޓަށް ވޯޓަށް އަހައި، އެ ކޮމިޓީއަށް ފޮނުވޭނެ އެވެ.

"މިއަަދުގެ ޖަލްސާގައި އެޖެންޑާގައިވޭ ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަންގެ ރިޕޯޓަށް ބަހުސް ކުރުން، އެ ބަހުސް ނިންމައި މިއަދު ވޯޓަށް އެހޭނެ، އަދި ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ މަސައްކަތްތައް ޗުއްޓީގައި ވެސް ކުރިއަށް ދިއުން، އެއީ ކޮމިޝަންގެ ރިޕޯޓް އެ ކޮމިޓީއަށް މިއަދު ފޮނުވޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އޭގެ އިތުރުން ގައުމުގައި ކުއްލި ހާލަތެއް ދިމާވެއްޖެނަމަ މަޖިލީހުގެ ޖަލްސާ ބާއްވާނެ ކަމަށާއި އެފަދަ ހަލާތެއް ދިމާވެދާނެތީ ވެސް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ދާން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އޮގަސްޓް 8، 2014 ގައި ގެއްލުނު ނޫސްވެރިޔާ ރިލްވާންގެ މައްސަލަ ތަހުގީގުކޮށް ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތަކުން ރިލްވާން މަރާލީ ކަމަށެވެ. އަދި ރިލްވާން ބޯ ކަނޑާލުމަށް ފަހު އޭނާގެ ހަށިގަނޑު ކަނޑު ފައްތާފައިވާ ކަމަށް ސިއްރު ހެކިވެރިޔަކު ބުނެފައިވާ ކަމަށް އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވެއެވެ.

ރިލްވާންގެ މައްސަލާގައި ފުލުހުން އެއްވެސް އިހުމާލެއްވެފައިވޭތޯ ވެސް މަޖިލީހުގެ 241 ކޮމިޓީން ދަނީ ބަލަމުންނެވެ. އެނގިފައިވާ ގޮތުގައި ފުލުހުންގެ އިހުމާލުތަކުގެ މައްސަލައިގެ ކޮމިޓީގެ ރިޕޯޓް ނިންމުމުގެ ގޮތުން އިއްޔެ ކޮމިޓީެގ ބައްދަލުވުމެއް އިއްޔެ ވަނީ ބާއްވައިފަ އެވެ. ރިލްވާންގެ މައްސަލާގައި 241 ކޮމިޓީން ބާއްވާ ބައްދަލުވުންތައް ކުރިއަށް ގެންދަނީ މީޑިއާއަށް ނުވަދެވޭ ގޮތަށް ސިއްރުންނެވެ.