ހަބަރު

ރިލްވާންގެ ދައްތައާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި

މަރާލާފައިވާ އަހުމަދު ރިލްވާންގެ ދައްތަ ފާތުމަތު ޝެހެނާޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައްދަލު ކުރައްވައިފި އެވެ.

ޝެހެނާޒާ ރައީސް ނަޝީދު ބައްދަލު ކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގަ އެވެ. އެ ބައްދަލުވުމުގެ އިތުރު ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ގެއްލިފައިވާ ރިލްވާންގެ މައްސަލާގައި އެ ކޮމިޝަނުން ކުރި ތަހުގީގުން ހޯދުނު މައުލޫމާތުތައް ހާމަކޮށްފަ އެވެ. އެ ގޮތުން ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތަކުން އޭނާ މަރާލާފައިވާ ކަމަށް ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު އިއްޔެ ވިދާޅުވި އެވެ.

ރިލްވާން މަރުވިކަން ކޮމިޝަނުން ޔަގީން ކޮށްދިނުމާއެކު، އޭނާގެ އާއިލާއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ވަނީ އޭނާ މަރާލުމުގައި ޝާމިލުވާ އެންމެނަށް ލަސްނުކޮށް ފިޔަވަޅު އަޅައި، އެ ކަން ރާވައި ހަރަދު ކުރި ފަރާތްތަކަށް ފިލައިގެން ދެވެން އޮތް އޮތް ހުރިހާ ދޮރުތަކެއް ބަންދުކޮށް، ފުރިހަމަ ޖިނާއީ ތަހުގީގަކަށްފަހު އިންސާފުގެ ކުރިމައްޗަށް ގެންނަން ގޮވާލައިފަ އެވެ.