- ގެއްލުނީ އަގުހުރި ބަސްއަހާ ދަރިއެއް، ބޭނުމީ އިންސާފު
- އެންމެ އަނިޔާވެރިކޮށް ދަރިފުޅުން މަރަން ޖެހޭ ސަބަބެއް ނެތް
- އިންސާފު ހޯދަން ކޮންމެ މަސައްކަތެއް ކުރަން ތައްޔާރު
ފާޅުކުރާ ހިޔާލުތަކުގެ ސަބަބުން މަރުގެ އެތައް އިންޒާރެއް ލިބުމުންދާތީއެކު ކަންކަމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އެހާ ބޮޑަށް ވާހަކަ ދައްކައި ނޫޅެން މަންމަ އަބަދުވެސް ޔާމިން ރަޝީދަށް ނަސޭހަތް ދެއެެވެ. އެއިން ކޮންމެ ފަހަރަކުވެސް ޔާމީން ދެނީ އެއް ޖަވާބެކެވެ: "މަންމާ! އަނިޔާކުރާ މީހަކު އަނިޔާ ކުރާނެ! އަނިޔާވެރިން އަނިޔާ ކުރަން އަންނާނެ ގޭގައި ހުއްޓަސް. އެކަމަކު ކޮންމެވެސް މީހަކު ޖެހޭނެއެއްނު ކަންކަމާ ވަކާލާތު ކުރަން ވެސް، ފެންނަ ގޯސް ކަންތައްތަކުގެ ވާހަކަ ދައްކަން ވެސް،"
މިއީ ކިހާ ބޮޑު އިއްތިފާގެއް ހެއްޔެވެ؟ ޔާމީންގެ ފުރާނަ ދުއްވާލައި މި ދުނިޔެއާ ވަކިކުރި ރަހުމް ކުޑަ ހަމަލާ ދޭން އަނިޔާވެރިން ގާތިލުން ވަނީ އޭނާ ދިރިއުޅޭ ގޭގެ ތެރައަށެވެ. ޔާމީން ބުނަމުން އައި ފަދައިން ގޭގައި ހުއްޓާ ރަހުމެއް ނެތް އަނިޔާވެރިން އޭނާއާ ހަމައަށް އައިސް ދިޔައީ އޭނާ ގަތުލުކޮށް ކުދިކުދިކޮށް ކޮށާލާފަ އެވެ.
ޔާމީންގެ މަންމަ މަރިޔަމް ޝަފީގާގެ އަބަދުވެސް އޮތް ކަން ބޮޑުވުމަކީ ދަރިފުޅަށް ދީފާނެ ގެއްލުމެކެވެ. ދިރިއުޅެމުން އައީ އެ ވިސްނުމުގެ ތެރޭގަ އެވެ. ޔާމީން ގެއިން ބޭރަށް ހިނގައްޖެނަމަ އޭނާއާމެދު ވިސްނޭވެރުން ހިތެއް ހަމައެއް ނުޖެހެ އެވެ. ރޭ ވެއްޖެނަމަ ގޭގައި އުޅޭތޯ ބެލެ އެވެ. ގެއަށް ނައިސް ދަންވާ ނަމަ ފޯނުން ގުޅައި ކޮބައިތޯ ބެލެ އެވެ. ސޯޝަލް މީޑިއާގައި އެކި ކަންކަމާބެހޭ ގޮތުން ވާހަކަ ނުދެއްކުމަށް އަބަދުމެ އާދޭސް ކުރެވުނެވެ. ބަޔަކު މީގެ ކުރިން ވެސް ޔާމީނަށް އިންޒާރުތައް ދެމުން ދާތީ އެވެ. ނަމަވެސް މަންމަގެ އެ ޝަކުވާތަކަށް ޔާމީން ދެމުން އައީ ކުރިން ވެސް ދޭ ޖަވާބެވެ. އެއީ "ކޮންމެ ތަނެއްގައި ހުއްޓަސް އަނިޔާވެރިން އަންނާނެއޭ" އެވެ.
"އަޅުގަނޑު ވަރަށް ބުނަން ތިހެން ވާހަކަ ނުދައްކާށޭ، މާ ގިނައިން ސުވާލު ކުރަންޏާ މަންމާއޭ ކިޔާފަ ފައިގަ މޮޑެލާފައި ބުނާނެ އެ ވާހަކަ ދެން ނުދައްކާށޭ، މާ ވާހަކައެއް ގިނައެއް ނުކުރާނެ! އަޅުގަނޑު ވަރަށް ކަންބޮޑުވެގެން ވާހަކަ ދެއްކިޔަސް ފައި މޮޑެލަ މޮޑެލައި އިންނާނީ. ކުރިމަތީގައި ބަހެއް ނުބުނާނެ،" ޔާމީންގެ މަރަށް ފަހު އިއްޔެ ހަވީރު އަވަސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ޝަފީގާ ކިޔައިދިނެވެ. ޔާމީންގެ ހަނދާންތައް އޭނާއަށް އާކޮށް ދެވުނީ އަސަރާއެކު އުނދަގުލުންނެވެ. ލޮލުން ކަރުނަ ހިލޭތީ އެވެ.
ސޯޝަލް މީޑިއާ އާއި އަމިއްލަ ބްލޮގް، "ޑެއިލީ ޕެނިކް" ގައި ޔާމީންގެ ވާހަކަ ހިއްސާކުރަމުން އައި ނަމަވެސް އޭނާއަކީ އާންމު ދިރިއުޅުމުގައި އެހާ ބަސް ގިނަ މީހެއް ނޫނެވެ. އުމުރުން މިހާރު 29 އަހަރުވެފައި ވީނަމަވެސް ޔާމީނަކީ މަންމައާ އެކުގައި އުޅެމުން އައި ކިޔަމަންތެރި ޒުވާނެކެވެ.
"ކުޑަ އިރުން ފެށިގެން ވެސް ވަރަށް ބަސް އަހާ މަޑުމައިތިރި ކުއްޖެއް އެއީ، ވަރަށް އޯގާތެރި ވާނެ! ބާރަށް ވާހަކަ ވެސް ނުދައްކާނެ! އަހަރެމެން ދެމަފިރިންގެ ކުރިމަތީގައި ދުވަހަކުވެސް އެއްޗެއް ނުބުނޭ. ގޭތެރޭގައި ވެސް އުޅެނީ އޭނާގެ ފޯނާ ކުޅެން ނޫނީ ފޮތެއް ކިޔަން،" މަންމަ ބުންޏެވެ. "އެވަރުގެ ބަސް އަހާ ބޮޑު ދަރިއެއް މީހެއްގެ ނުވެސް ހުންނާނެ... މިއީ އަޅުގަނޑުގެ ދަރިފުޅު ވީމަ ބުނި ވާހަކައެއް ނޫން، އެއްވެސް ވިޔާނުދާ ކަމެއް ކުރާ ކުއްޖެއް ވެސް ނޫން އެއީ، އޮފީހުގަ ނޫނިއްޔާ އުޅޭނީ ގޭގަ، ބޭރުގަ އުޅޭ ކުއްޖެއް ނޫން އެއީ،"
ޔާމީންގެ އުމުރުން ދެ އަހަރު ނުފުރެނީސް އާއިލާ އެކުގައި އިންޑިއާއަށް ބަދަލުވުމަށް ފަހު ޕްރީސްކޫލް ތައުލީމުން ފެށިގެން ކޮމްޕިއުޓާ ސައިންސުން ޑިގްރީ ވެސް ޔާމީން ހާސިލު ކުރީ އިންޑިއާއިންނެވެ. ރާއްޖެ އައީ ކިޔަވައި ނިމުމާއެކު ދިރާގުން ލިބުނު ވަޒީފާއަށް ނިކުތުމަށެވެ. ދިރާގުގައި މަސައްކަތް ކުރުމަށްފަހު މީގެ އަހަރެއްހާ ދުވަސް ކުރިން އެ ވަޒީފާ ދޫކޮށް ބަދަލުވީ ސްޓޮކް އެސްޖޭންޖްގެ ވަޒީފާއަކަށެވެ.
ދެހާސް ދިހަވަނަ އަހަރުން ފެށިގެން ޔާމީން ރާއްޖޭގައި އުޅެމުންދިޔައިރު އޭނާއަކީ ގިނައިން ގޭގައި އުޅޭ މީހެކެވެ. ބޭރަށް ނުކުމެ ކަންކަމުގައި ބައިވެރިވާން ވެސް ފެށީ އޭނާގެ ގާތް އެކުވެރިޔާ އަހުމަދު ރިލްވާން (މޮޔަމީހާ) ގެއްލުމާ ގުޅިގެންނެވެ. އެހިސާބުން ފެށިގެން ރިލްވާނަށް އިންސާފު ހޯދައިދިނުމަށް އޭނާ ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ. އޭނާއަށް އިންޒާރުތައް ލިބެން ފެށީ ރިލްވާންގެ މައްސަލާގައި ވަރަށް ފާޅުގައި ޔާމީން މަސައްކަތް ފެށި ހިސާބުން ފެށިގެނެވެ. އިންޒާރުތަކާއެކު ވެސް ރިލްވާންގެ ހައްގުގައި ޔާމީން ފެށި އެއްވެސް މަސައްކަތެއް އޭނާ ކަތިލައި ވައްޓާލަން ދެން ވެސް ހުއްޓައެއް ނުލަ އެވެ.
ޔާމީންގެ ޝެޑިއުލު އޮންނަ ގޮތުން އޭނާއަކީ އަބަދުވެސް ވަރަށް ލަސްވަންދެން މަސައްކަތުގައި އުޅޭ ޒުވާނެކެވެ. މަސައްކަތް ކުރަން ފަސޭހައީ ރޭގަނޑު ކަމަށް ބުނެ އޭނާ ރޭގަނޑު ގެއަށް އަންނަނީ ވެސް ވަރަށް ލަސްވާ ފަހުންނެވެ. އޮފީހުން ގެއަށް ނުވަތަ ގެއިން އޮފީހަށް ނޫނީ ނުދާ ޔާމީންއަށް އެކި ކަހަލަ އިންޒާރުތައް ލިބޭތީ އޭނާގެ މަންމަ އޮތީ އޮފީހުގައި އިނދެފައި ދަންވަރު އެކަނި ގެއަށް ނައުމަށް ވެސް އަންގާފަ އެވެ. އެހެންވެ ދަންވަރު 1:00 ގެ ފަހުން މަސައްކަތް ނިމިއްޖެނަމަ އޭނާ ގެއަށް އަންނަނީ ފަތިސް ވުމުން ރައްޓެއްސަކާއެކު ނުވަތަ ޓެކްސީގަ އެވެ. ޔާމީނަކީ އެއްގޮތަކަށް ވެސް ސައިކަލް ދުއްވި މީހެއް ނޫނެވެ. އޭނާގެ މަންމަ ބުނި ގޮތުގައި ސައިކަލް ދުއްވުމަކީ ޔާމީން އެއް އިރެއްގައިވެސް އެހާ ގަޔާވާ ކަމެއް ނޫނެވެ.
އަނިޔާވެރި ގާތިލުންގެ ރަހްމު ކުޑަ ހަމަލާ ޔާމީނަށް އަމާޒު ކުރި ދުވަހުގެ ކުރިން ހުކުރު ދުވަހު ހުކުރުން ފައިބައިގެން އައިސް ގެއަށް ވަތް ފަހުން އޭނާ ބޭރަކަށް ނުދެ އެވެ. ޖެހިގެން އައި ހޮނިހިރު ދުވަހު ވެސް އުޅުނީ ގޭގަ އެވެ.
ޝަފީގާ ބުނި ގޮތުގައި ހޮނިހިރު ދުވަހު އިރިއޮއްސި 6:30 އެހާކަންހާއިރު ގެއިން އޭނާ ނިކުތްއިރު ވެސް ގޭގެ ސިޓިން ރޫމްގެ ސޯފާގައި ޔާމީން އޮތެވެ. އެއީ މަންމައަށް ދިރިހުއްޓާ ޔާމީން ފެނުނު އެންމެ ފަހު ވަގުތުކޮޅެވެ. ސޯފާގައި އޮތްއިރު އޮތީ، އޮފީހަށް ދާން ތައްޔާރުވެގެން ނޫނެވެ. އެ ރޭ ޝަފީފާ ގެއަށް އައީ 10:00 ޖަހާ އެހާކަންހާއިރު އެވެ. އޭރު ސިޓިން ރޫމުގައި ޔާމީނެއް ނެތެވެ. ޝަފީގާއަށް ހީކުރެވުނީ އާދައިގެ މަތިން ޔާމީން ކޮޓަރިއަށް ވަނީ ކަމަށެވެ. އެއީ ބަދުނަސީބުގެ ރެއެކެވެ.
ނަސީބު ދިމާކުރި ގޮތުން އެރެއަކީ ޔާމީން ގޭގައި އުޅޭތޯ ބަލައި ކަށަވަރު ނުކޮށް ދޫކޮށްލެވުނު ހަމައެކެނި ރެއެވެ. އޭނާއަށް ފޯނުން ވެސް ނުގުޅަ އެވެ. އަދި އެއީ ޝަފީގާ ފޯނުން ވެސް ޔާމީނަށް ނުގުޅާ ދޫކޮށްލި ހަމައެކަނި ރެ އެވެ. އެރޭގެ ބަދު ނަސީބު ކަމުން ލިބުނީ ޔާމީން ކަތިލައި މަރާލި ހިތާމަވެރި ހަބަރެވެ. އެ ހަބަރުވީ ޝަފީގާގެ މުޅި ދުނިޔެ އެނބުރިގެން ދިޔަ ހަބަރަކަށެވެ. ހުރެވުނު ތަނާއި ވީގޮތެއް ވެސް ބުނެދޭކަށް ނޭނގުނެވެ.
"އެރޭ ހިތަށް އެރީ އޭރު [ޔާމީން] ހުރީ ރީތިވެގެން ވެސް ނޫންވީމަ ނުދާނޭ އޮފީހަކަށް، އެގޮތަށް ދެން ހިތުން ނިންމާލެވިގެން ޗެކް ނުކޮށްލެވި ނިދުނު ހަމަ އެންމެ ރެއެއް، ހަމަ ވަރަށް ދެރަވި، އެހެން ނޫނީ ބަލަން އެ ކުއްޖާ އުޅޭ ތަން..." ޝަފީގާއަށް ރޮވެން ފެށި އެވެ.
އެ ރޭ ޔާމީން އޮފީހަށް ދާން ނުކުތް ގަޑި އެނގޭ މީހަކު ނެތެވެ. އަދި ގޭގެ ތެރޭގައި ޔާމީން މަރާލި ނަމަވެސް އެ ހަބަރު އެ އާއިލާއަށް ލިބުނީ ވަރަށް ގިނަ އިރުވެގެން ދިޔަ ފަހުންނެވެ. ފުލުހުން އެންމެ ފުރަތަމަ އެ ހަބަރު ދިނީ އައްޑު އަތޮޅުގައި ހުރި އޭނާގެ ބައްޕައަށެވެ. އޭރު ފަތިހު 4:30 ވާން ދަނީ އެވެ. ޝަފީގާއަށް އެ ހަބަރު ލިބުނީ އޭގެ ފަހުންނެވެ. ދަރިފުޅުގެ ގަޔަށް ވަޅި ޖެހި ހަބަރު ލިބުމާއެކު ވެސް ފުރަތަމަ ބެލީ ކޮޓަރި އެވެ. އެއަށްފަހު ގެއިން ނުކުންނަން ދޮރު ހުޅުވިއިރު ސަރަހައްދު އޮތީ ބަންދުކޮށްފަ އެވެ.
"އެ ވަގުތު އަޅުގަނޑަށް ބުނެވުނީ، މި ތަނުގައި ހެއްޔޭ އެ ކުއްޖާ ގަޔަށް ވަޅި ހެރީ، އަޅުގަނޑު ދުވަހަކު ވެސް އެކްސްޕެކްޓެއް ނުކުރަން ގޭތެރޭގަ އެ ކުއްޖާއަށް ހަމަލާދީފާނެ ކަމަކަށް،" ކަރުނަތައް ފޮހެމުން ޝަފީގާ ބުންޏެވެ. ވާހަކަ ނުދެއްކިގެން އިރުކޮޅަކަށް އިންޓަވިއު ކުރުން ހުއްޓާލީ އެވެ.
ދަރިފުޅުގެ މަރާލި ހަބަރު ލިބުމާއެކު ޝަފީގާގެ މުޅި ގައިން ބާރު ދިޔަ އެވެ. ހޮސްޕިޓަލަށް ވެސް ދެވުނީ ވެސް ވަަރަށް ލަސްވި ފަހުންނެވެ. އަނިޔާވެރިން ކަތިލާފައިވާ ދަރިފުޅުގެ ހަށިގަނޑުން ވެސް ފެނުނީ ކަރުން މައްޗެވެ. އޭރު ޔާމީންގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ސާފު ކޮށްފަ އެވެ.
ޔާމީންގެ ބައްޕަ ހުސައިން ރަޝީދު ބުނި ގޮތުގައި ދަރިފުޅުގެ މޭމަތިން 14 ތަނަކަށް ފުންކޮށް ވަޅި ޖަހާފަ ހުއްޓެވެ. ބޮލާއި ކަރުގައި ވެސް ބޮޑެތި ޒަހަމްތައް ހުއްޓެވެ.
"އަޅުގަނޑަށް މިހާރު މައުލޫމާތު ލިބޭ ގޮތުގައި ރާއްޖޭގައި އެންމެ އަނިޔާވެރިކޮށް މަރާލީ މި ކުއްޖާ، ޑރ. އަފްރާޝީމަށް ދީފައިވާ ހަމަލާތަކަށް ވުރެ ވެސް ގިނަ އަޅުގަނޑުގެ މި ކުއްޖާއަށް ދީފައިވާ ހަމަލާތައް،" ރަޝީދު ބުންޏެވެ. އޭނާ ވާހަކައާ ޝަފީގާ ބައިވެރި ވިއެވެ. އެކަމަކު ބުނެވުނީ ހަމައެކެނި މިހެނެވެ. ދެން އިރުކޮޅަކަށް ބަސް ހުއްޓުނީ އެވެ: "މީހުން ބުނޭ އަޅުގަނޑުގެ ދަރިފުޅުގެ ބޮލުގެ އެއް ފަޅި ނެތޭ ވެސް،"
ޔާމީން މަރާލި ރޭ އޭނާ އޮފީހުން ނުކުތް ގަޑިއެއް އަދި އެނބުރި ގެއަށް އައި ގަޑިއެއް ވެސް ނޭނގެ އެވެ. އެނގޭ އެއްޗަކީ އޭނާ ގެއަށް އައީ ހިނގާފައި ކަމެވެ. މަންމަ މަނާ ކޮށްފައި ވަނިކޮށް އަދި އާންމުކޮށް އޭނާ އެ ގަޑީގައި ހިނގާފައި ގެއަށް ނާންނައިރު އެ ރޭ އެގޮތަށް ކަންތައް ކުރީ ކީއްވެ ކަމެއް ނޭނގެ އެވެ.
ޝަފީގާ ބުނި ގޮތުގައި އޭނާއަށް ހީކުރެވުނީ ޔާމީންގެ އަތުގައި ކާރަށް ދޭނެ ފައިސާ ނެތީ ކަމަށެވެ. ސަބަބަކީ ޔާމީނަކީ ވޮލެޓްގައި މާގައިން ފައިސާ ގެންގުޅޭ މީހެއް ނޫނެވެ. ނަމަވެސް ފަހުން ފުލުހުން ވަނީ ޔާމީންގެ ވޮލެޓް ޝަފީގާއާ ހަވާލުކޮށްފަ އެވެ. އެ ވޮލެޓްގައި ފައިސާ ހުއްޓެވެ. އެހެންކަމުން އޭނާ އެ ރޭ ހިނގާފައި ގެއަށް ދާން ނިންމީ ކީއްވެގެން ކަމެއް ނޭނގެ އެވެ.
"އަބަދުވެސް ބުނަން ދަރިފުޅާއޭ ހިނގާފަ ނާންނާށޭ، ލަސްވަންޏާ އޮފީހުގަ މަޑުކޮށްލާށޭ، އެ ރޭ އެ ކުއްޖާ ވަކިވެގެން އެ ދިޔައީ ވަރަށް ނިކަމެތި ގޮތަކަށް، އިންސާނަކަށް ލިބޭނެ އެންމެ ބޮޑެތި އަނިޔާތައް ލިބިގެން އެ ކުއްޖާ އެ ދިޔައީ،"
ރަހުމް ކުޑަ އަނިޔާވެރި ބައެއްގެ ހަންޖަރުރައް ދަށުވެ، ކަތިލެވިގެން ޔާމީން މި ދުނިޔެ ދޫކުރީ، އިތުރަށް ކިޔަވަން ބޭރަށް ދާން ވިސްނައިގެން ހުއްޓަ އެވެ. އޭނާ އިތުރަށް ކިޔަވަން ނިންމީ ވެސް މަންމަ އެކަމަށް އެދޭތީ ނޫނެކޭ ނުބުނަން ވެގެން އެވެ. އަދާ ކުރަމުން ދިޔަ ސްޓޮކް އެކްސްޖޭންޖްގެ ވަޒީފާގެ ކޮންޓްރެކްޓް ވެސް އޮތީ އެއް އަހަރަށް ކަމަށްވުމުން އެވެ.
"އަޅުގަނޑު މިދިޔަ އަހަރު ވެސް ބުނިން ދެން ދާށޭ ކޮންމެ ވެސް ގައުމަކަށް... ބޭރަށް އިތުރަށް ކިޔަވަން ދާށޭ، އޭނާއަށް ލިބުނު ކޮންމެވެސް އެމްބަސީއަކުން ވެސް ވަޒީފާ، މި ޖޮބަށް [ސްޓޮކް އެކްސްޖޭންޖްގެ ވަޒީފާ] ޖޮއިން ކުރަން އުޅެނިކޮށް، އެއީ މި ތްރެޓްސްތަކާ ހެދި އަޅުގަނޑު އެހެން ބުނީ، އެކަމަކު މިހެން ވާން ވެގެން ކަންނޭނގެ ނުގޮސް އެ ހުރީ،"
ޒިންމާދާރު ވަޒީފާއެއްގައި ވަރަށް ބުރަ މަސައްކަތް ކުރަމުން ދަނިކޮށް އެހާ އަނިޔާވެރި ގޮތަކަށް ދަރިފުޅު މަރާލަންޖެހޭ ސަބަބެއް ޝަފީގާއަށް ނުވިސްނެ އެވެ. އެފަދަ ޒާތީ ކަމެއް ވެސް މީހަކާމެދު ޔާމީންގެ ނެތެވެ. އޭނާއަކީ އެއަށްވުރެ އަހުލާގު ރަނގަޅު ކުއްޖެކެވެ. އޭނާ ފާޅުކުރާ ހިޔާލުތަކުގައި ވެސް ޒާތީވެގެން މީހަކާ ދިމާކޮށްފައި ނުވާކަން ވެސް މަންމަ ބުންޏެވެ.
"އެއްވެސް ޒާތީ ކަމެއް މިހަކާމެދު އޭނާގެ ނޯންނާނެ، އަޅުގަނޑަށް ޔަގީންކަމާއެކު ބުނެވިދާނެ، އޭނާ އެއްޗެހި ލިޔެފައި ހުންނަނީ އިޝޫއަށް. ވަކި މީހަކަށް އޭނާ ޓާގެޓްކޮށްފައެއް ނުހުރޭ، އެ ހިނގާ ކަމަކާ ގުޅިގެން އެ ކަމަކަށް އޭނާ އެއްޗެއް ބުނަނީ، އެ ކުއްޖާ މަރާލަން ޖެހޭ ޒާތީ ކަމެއް ނުވަތަ ހަސަދައެއް އެއްވެސް މީހެއްގެ އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރަން،" ޝަފީގާ ބުންޏެވެ.
އެއްވެސް އިންސާފެއް ނެތި އަނިޔާވެރި ބަޔަކު ޔާމީން މި ދުނިޔެއާ ވަކި ކުރި އިރު އޭނާއަކީ އިންސާފަށް ލޯބިކުރި އިންސާނީ ހައްގުތަކަށް ވަރަށް ބޮޑަށް ވާކާލާތު ކުރި ޒުވާނެކެވެ. ރިލްވާނަށް ހައްގު ހޯދައިދިނުމަށް ފާޅުގައި މަސައްކަތް ފެށުމާއެކު އޭނާއަށް އިންޒާރުތައް ލިބުނު ނަމަވެސް ރިލްވާންއަށްޓަކައި ޔާމީންގެ ކުރި މަސައްކަތްތަކީ އޭނާގެ މަންމަ ވަރަށް އުފާވާ މަސައްކަތްތަކެކެވެ.
"ރިލްވާން ގެއްލުމަކީ ޔާމީން ވަރަށް ދެރަވެ ހިތާމަކުރި ކަމެއް އެ، އަޅުގަނޑު އެއްވެސް ވަރަކަށް ދެރައެއް ނުވޭ އޭނާ ރިލްވާން ހައްގުގައި މަސައްކަތް ކުރުމަކުން، އެއީ އޭނާގެ ރައްޓެއްސެއް، ރައްޓެއްސަކަަށްޓަކައި އޭނާ ކުރި ކަމަކީ އެއީ ހަމަ އެންމެ ރަނގަޅު ކަމެއް، ރިލްވާންގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުއްޖާ ކުރި މަސައްކަތް އަޅުގަނޑު ހެޔޮ ހިތުން ގަބޫލު ކުރަން، އެ ކުއްޖާ ނިމިގެން ދިޔައަސް. އަޅުގަނޑު އުއްމީދުކުރަން މި ކުއްޖާގެ ހައްގުގައި އެހެން ބަޔަކު މަސައްކަތް ކޮށްދޭނެ ކަމަށް،" ޝަފީގާ ބުންޏެވެ.
"އެ ކުއްޖާއަކީ މީހަކަށް އިންސާފު ހޯދައިދިނުމަށް މަސައްކަތްކޮށްކޮށް އެކަމުގައި އިންޒާރުތައް ލިބި، ނިމިގެން ދިޔަ ކުއްޖެއް، އަޅުގަނޑުމެން ބޭނުންވޭ އިންސާފު ލިބެން، އެ ކުއްޖާ ފުރާނަ ދޫކޮށްލީ އެ އިންސާފު ހޯދަން މަސައްކަތް ކުރަމުން ދަނިކޮށް، އެހެންވީމަ އެ ކުއްޖާއަށް އިންސާފު ހޯދުމަށް ވެސް އަޅުގަނޑުމެން މަސައްކަތް ކުރާނަން،"
މަންމަ ދެރަވަނީ އެންމެ ކަމަކާއެވެ. އެ އިންޒާރުތައް ލިބި، އެކަން ސީރިއަސް ކަމެއްގެ ގޮތުގައި ފުލުހަށް ހުށަހެޅުމުން ވެސް ފިޔަވަޅެއް އަޅާފައި ނެތުމުންނެވެ. މަންމަ ގަބޫލުކުރާ ގޮތުގައި އެކަށީގެންވާ ފިޔަވަޅެއް އެޅުނުނަމަ ޔާމީނަށް އެ ހަމަލާ ދިނުމަކީ ފަސޭހަ ކަމަކަށް ނުވީހެވެ. އެވާހަކަ ނިމުނީ އެވެ. މިހާރު އޮތީ ޔާމީންގެ ގާތިލުން ހޯދުމެވެ. އެކަމަށް ފުލުހުންނަށް ދޭން ޖެހެނު އެއްބާރުލުމެއް ދިނުމަށް އާއިލާ އޮތީ ތައްޔާރަށެވެ. ފުރިހަމަ ތަހުގީގަކަށް ބޭރުގެ ތަޖުރިބާކާރުން ތަހުގީގުގައި ބައިވެރިކުރުމަކީ ވެސް އެ އާއިލާގެ އެދުމެކެވެ.