ހަބަރު

އިންތިހާބާ ގުޅޭ ޝަކުވާތައް އިލެކްޝަންސްއިން ބަލައިގަންނަން ފަށައިފި

އަންނަ މަހު ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޝަކުވާތައް ހުށަހެޅުމަށް އަތޮޅުތަކާއި މާލޭގައި ކޮމްޕްލައިންސް ބިޔުރޯތައް މިއަދު ގާއިމްކޮށްފި އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ މިއަދުން ފެށިގެން އަންނަ މަހު 13 ވަނަ ދުވަހުގެ ނިޔަލަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުން އެ ބިއުރޯތަކުން ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ބިއުރޯތަކުން ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 3:00 އަށެވެ. އަދި ހުކުރު ދުވަސް ދުވަހު ޝަކުވާ ބަލައިގަންނާނީ މެންދުރުފަހު 2:30 އިން ހަވީރު 5:30 އަށެވެ. އަދި ހޮނިހިރު ދުވަހު ޝަކުވާ ބަލައިގަންނާނީ ހެނދުނު 10:00 އިން 3:00 އަށެވެ.

ޝަކުވާ ހުށަހަޅާ ފޯމު އަތޮޅު ކޮމްޕްލެއިންސް ބިޔުރޯތަކުންނާއި ކައުންސިލް އިދާރާތަކުން އަދި އިލެކްޝަންސް ކޮމިޝަންގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށް ކޮމިޝަނުން ބުންޏެވެ.