ކުޅިވަރު

މާޒިޔާއަށް ލުއިކޮށް ނުދިނުމުން ކޯޗް ރަތަށް

Apr 27, 2017

އޭއެފްސީ ކަޕްގެ އިންޑިއާގެ މޯހަންބަގާންއާ ދެކޮޅަށް މިއަންނަ ބުދަ ދުވަހު ކުޅެން ހަމަޖެހިފައިވާ މެޗަށް، ތައްޔާރުވުމަށް، މާލޭ ލީގްގައި ހޮނިހިރު ދުވަހު ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗު ފަސް ކޮށްދިނުމަށް މާޒިޔާއިން އެފްއޭއެމްގައި އެދުނު ނަމަވެސް، މެޗު ފަސް ކޮށް ނުދިނުމުން މާޒިޔާގެ ކޯޗް މަރުޔަން ސެކްލޮސްކީގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ އެވެ.

ޔޫވީއާ ދެކޮޅަށް ކުޅޭ މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން، ސެކްލޮސްކީ ބުނީ ރާއްޖެއިން އިންޓަނޭޝަނަލް މުބާރަތުގައި ވާދަ ކުރަނީ މާޒިޔާ ކަމަށާއި އެހެންވެ ހުރިހާ ފަރާތްތަކުން ވެސް މާޒިޔާއަށް އިހްތިރާމް ކުރަން ޖެހޭ ކަމަށެވެ.

އެހެން ކުލަބުތައް ކުޅެނީ ހަފަުތާއަކު މެޗެއް ކަމަށާއި ނަމަވެސް މާޒިޔާ ކޮންމެ ފަސް ދުވަހަކުން މެޗެއް ކުޅެން ޖެހޭތީ، ޝެޑިއުލް އޮތް ގޮތުން ސެކޮލޮސްކީ ވަނީ ވަރަށް ބޯޑަށް ހިތްހަމަ ނުޖެހުން ފާޅު ކޮށްފަ އެވެ.

"އިއްޔަ އަހަރެމެން ވާނީ ފުޓްބޯޅަ އެސޯސިއޭޝަނަށް ރިކްއެސްޓް ކޮށްފައި ޔުނައިޓެޑް ވިކްޓަރީ މެޗު ފަސް ކޮށްދިނުމަށް، އަހަރެމެން މިކުޅެނީ މާޒިޔާ އަދި ރާއްޖޭގެ ފުޓްބޯޅައަށް އެންމެ މުހިންމު މެޗު، އިންޓަނޭޝަނަލް ލެވަލްގައި ރާއްޖެ ތަމްސީލު ކުރަނީ މާޒިޔާ އެކަނި، އަހަރުމެން މޯހަންބަގާން އަތުން މޮޅުވެއްޖެއްޔާ އަހަންނަށް ހީވަނީ ތާވަލުގެ އެއް ވަނަ މަގާމު ކަށަވަރު ވާނީ ބެންގަލޫރުގައި ކުޅޭ ފަހު މެޗުން ހެން، އެހެންވެ އަހަރުމެން ރިކްއެސްޓް ކުރީ، އެކަމަކު އެފްއޭއެމުން ބުނީ ޝެޑިއުލް އޮތް ގޮތުން މެޗު ފަސް ކުރެވޭކަށް ނެތޭ،"

"އަހަރެން ބޭނުމީ އެންމެ އެއްޗެއް ބުނަލަން އަހަރެން މިތަނަށް [ރާއްޖެ] އައިއިރު ޖަނަވަރީ ފެށިއްޖެ އަހަންނަށް ފުރަތަމަ ލިބުނު މެޗް ޝެޑިއުލްގައި މި ހަފުތާގައި މާލޭ ލީގް ފުރަތަމަ ބުރު ނިމޭނެ، ނަމަވެސް އޭގެ ފަހުން ހަތަރު ފަހަރަށް ޝެޑިއުލް ބަދަލު ވެއްޖެ އެއްފަހަރު ނެޝަނަލް ޓީމަށް އަނެއް ފަހަރު (އޫރު) ރޯގާއަށް، އަނެއްފަހަރު އެވެނި ކަމަކަށް މިވެނި ކަމަކަށް އަހަންނަކަށް ނޭނގެ،" ހިތްހަމަ ނުޖެހި ހުރެ ސެކްލޮސްކީ ބުންޏެވެ.

އޭނާ ބުނީ މާޒިޔާއިން މެޗު ފަސްކޮށް ދިނުމަށް އެދުނީ، އޭގެ ފަހުން މާޒިޔާ ކުޅެން އޮތް މެޗަކީ ދިވެހި ފުޓްބޯޅައިގެ އުންމިދާ ގުޅިފައިވާ މެޗަކަށް ވާތީ ކަމަށެވެ.

"މިއީ އަހަރެންގެ މަސްލަހަތާ ގުޅިފައިވާ މެޗެއް ނޫން، ހަމައެކަނި މާޒިޔާއާ ގުޅިފައިވާ މެޗެއް ނޫން، މިއީ ދިވެހި ފުޓްބޯޅައިގެ މަސްލަހަތާ ވެސް ގުޅިފައިވާ މެޗެއް، އެކަމަކު މެޗު ފަސްކޮށް ނުދެވުނު،"

ގައުމީ ޓީމު ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މާޒިޔާއަށް އޮތް ބުރަ ޝެޑިއުލް ހިއްސާ ކުރުމަށްފަހު އޭނާ ވަނީ، ހިތްހަމަ ނުޖެހިގެން އޭނާ އަތުގައި އޮތް ކަރުދާސް ގަނޑު ބިންމައްޗަށް ޖަހާފަ އެވެ.

"މާޒިޔާ އެކަންޏެއް ނޫން ޕްރިމިއާ ލީގް ޓީމުތަކަށް ވެސް މިފަދަ ޝެޑިއުލްއެއްގައި ނުކުޅެވޭނެ، އެކަމަކު އަހަރެން މިބުނަނީ އަހަރެމެން ހޮނިހިރު ދުވަހު ކުޅެން ގޮސް މެޗުން މޮޅުވެސް ވާނަން، އަދި މަރުވެގެން ނަމަވެސް މޯހަންބަގާން އަތުން މޮޅުވަން މަސައްކަތް ކުރާނަން." ސެކްލޮސްކީ ބުންޏެވެ.