ކުޅިވަރު

ޓީސީ މެޗަށް ސާންތީ ބޮޑު ރިސްކެއް ނަގައިފި

Apr 27, 2017

މާދަމާ ޓީސީއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗު އޮއްވައި، މިހާރު ކުރިއަށްދާ ކުލަބު މޯލްޑިވްސް ފުޓްސަލް މުބާރާތުގެ މުހިންމު މެޗުތަކެއް އޮތުމުން، އެ މުބާރާތުގައި ކުޅޭ އީގަލްސްގެ ކުޅުންތެރިން، އެ މުބާރާތުގައި ކުޅޭ ޓީމުތަކަށް ދޫކުރުމަށް އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ނިންމައިފި އެވެ.

އިގަލްސްއަށް އޮތީ ފުޓްސަލަ ކުޅެން ކުޅުންތެރިން ދޫކުރަން ޖެހުމުގެ މައްސަލަ އެކަންޏެއް ނޫނެވެ. މުހިންމު ކުޅުންތެރިންނަށް ކުރިމަތިވެފައިވާ އަނިޔާގެ މައްސަލަވެސް ސާންތީ ހުރީ ކޮނޑު އަޅައިގެން ނެވެ. މިސީޒަންގައި އީގަލްސްއާ ގުޅުނު އިތުބާރު އެޓޭކިން މިޑްފީލްޑާ އަހްމަދު ނާޝިދު (ނާއްޓޭ) އަށް ވެސް ގްރިން ސްޓްރިޓް މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން މާދަމާ ޓީސީއާ ދެކޮޅަށް ނުކުޅެވޭނެކަން ވަނީ ޔަގީން ވެފަ އެވެ. މީގެ އިތުރުން، މިދިޔަ އަހަރު އީގަލްސްގެ ޑިފެންސުން ފެނުނު ޝިފާން ހަސަން (ޝިފާންޓޭ) އަށްވެސް ލިބުނު އަނިޔާ ގުޅިގެން އޭނާ ސާޖަރީއަކަށް ދާން ޖެހިފައިވާކަން ސާންތީ ފާހަގަ ކުރި އެވެ.

އެ އިންޖަރީ ތަކާއެކުވެސް ސާންތީ ހުރީ އިތުރު ރިސްކެއް ނަގާށެވެ. ކުލަބު މޯލްޑިވްސްގައި ކުޅޭ މެޗުތަކަށް، މާދަމާ އީގަލްސްގެ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެ މުބާރާތުގައި ކުޅޭ ކުޅުންތެރިން، އޮފީހުގެ ޓީމަށް ދޫކުރަން ސާންތީ ހުރީ ތައްޔާރު ވެގެންނެވެ.

މިހާރު ކުރިއަށް ދަނީ ކުލަބު މޯލްޑިވްސް ދެ ވަނަ ބުރު މެޗުތަކެވެ. އެހެންވެ ކްއާޓާ ފައިނަލުން ޖާގަ ހޯދުމަށް ޓީމުތަކުން ވަނީ ވަރަށް ބޮޑަށް ސީރިއަސް ވެފަ އެވެ. ދެ ވަނަ ބުރު މެޗުތައް އޮތީ ހޮނިހިރު ދުވަހު އެވެ. ނަމަވެސް ހޮނިހިރު ދުވަހު އޮތް މެޗުތަކަށް، ހުކުރު ދުވަހު ކުޅޭ އީގަލްސް މެޗުން ރީލީސް ދޭން ސާންތީ ނިންމީ، މިދިޔަ ހަފުތާގައި އޭނަ އަށް ކުރެވުނު ހިތި ތަޖުރިބާ އަކުން ނެވެ.

"ކުރިން އަޅުގަނޑަށް ހިތި ތަޖުރިބާތަކެއް ކުރެވިއްޖެ، އެއީ 22 ވަނަ ދުވަހު، އެ ކުޅުންތެރިން އޮފީހު (ޓީމަށް) ކުޅެފައި 23 ވަނަ ދުވަހު އީގަލްސް އަށް ކުޅުނީ (އެގޮތަށް ވުމުން ކުޅުންތެރިނަށް ރަނގަޅަށް ޕާފޯމެއް ނުކުރެވޭ) އެ ހިތި ތަޖުރިބާ އަޅުގަނޑަށް ކުރެއްވިއްޖެ،"

"މިފަހަރު އަޅުގަނޑު ކުރާނެ ކަމަކީ އެ ކުޅުންތެރިން އޮފީހަށް، ކުޅޭ މެޗު މިއޮތީ 29 ގައި، އަޅުގަނޑުމެން މިކުޅެނީ 28 ވަނަ ދުވަހު، އެހެންވެ މިފަހަރު އަޅުގަނޑުމެން ކުރާނެ ކަމަކީ، އެ ކުޅުންތެރިން އެއްކޮށް އޮފީހަށް މި ދޫކޮށްލަނީ އެއްކޮށް، އެއީ އޮފިސްވެސް މުހިންމު އެއަކަށް ނެތް އަޅުގަނޑުމެންނަށް ގެނެވޭނެ ހައްލެއް،"

ސާންތީ ވަނީ ފުޓްސަލް މުބާރާތައް އީގަލްސްގެ ހަތަރު ކުޅުންތެރިން ދޫކޮށްލަން ނިންމާފަ އެވެ.

އެންމެ ފަހުން ކުޅުނު މެޗުން ބަލިވުމުން، ޓީސީއާ ދެކޮޅަށް ކުޅެން ޖެހޭ މެޗު އީގަލްސްއަށް ވަރަށް މުހިންމެވެ. މުހިންމު މެޗެއް އޮއްވައި، ކުޅުންތެރިންނަށް ދޫކޮށްލަނީ ކީއްވެގެންތޯ ސުވާލު ކުރުމުން، ސާންތީ ބުނީ ކުޅުންތެރިން އޮފީހު ޓީމަށް ދޫނުކޮށް ހިފެހެއްޓޭނެ ފެންވަރެއް އީގަލްސްގެ މެނޭޖްމެންޓްގެ ކިބައިގައި ނެތް ކަމަށާއި އަދި މުހިންމު ދެ މެޗެއް ކުޅެފައި ކުޅުންތެރިންނަށް ލިބިދާނެ އިންޖަރީއަކާ މެދު ސަމާލުވެ ކުރިއަށް އޮތް ބުރަށް ފޯކަސް ކުރުން މާ މުހިންމު ކަމަށެވެ.

"މުޅިން ތަފާތު ދެ އެއްޗެއް ދެއްތޯ ފުޓްސަލް އާއި ފުޓްބޯޅައާ މިއީ، އަޅުގަނޑު ބޭނުމެއް ނޫން، މިސާލަކަށް އަޅުގަނޑުމެންގެ ބޮބީ ކަހަލަ ކުޅުންތެރިން އިތުރަށް ހަލާކުވެގެންވެސް ދާކަށް، ފުްޓަސަލް މުބާރަތުގައި އޮތީ ނޮކައުޓް މެޗެއް އެހެންވެ ނޮކައުޓް މެޗެއް ކުލެން ޖެހޭތީ ކުޅުންތެރިންނަށް އޮތް ޕްރެޝަރާވެސް އަޅުގަނޑަށް އެބަ އެނގޭ... ޓީސީއާ ދެކޮޅަށް ކުޅެން އޮތް މެޗު ވަރަށް ވާދަވެރި މެޗެއް، ނަަމަވެސް ކުރިއަށް އޮތް ބުރުވެސް އެބައޮތް، އީގަލްސް އޮތީ ގަދަ ހަތަރަކަށް ނުވަދެވޭ ހިސާބަކު ނޫން، އެހެންވެ އަޅުގަނޑު ވިސްނީ އެކުޅުންތެރިން ސަލާމަތުން ބައިތިއްބައިގެން އަންނަ ބުރަށް ކޮންސަންޓްރޭޓް ކުރެވޭތޯ،" ސާންތީ ބުންޏެވެ.

ވެލެންސިއާގެ ކޯޗް އަހްމަދު މުޖުތޮބާ (ފެސްކޯ) ވެސް ވަނީ ވެލެންސިއާގެ ކުޅުންތެރިންވެސް ފުޓްސަލް ކުޅެން ދާން ޖެހޭތީ އެކަމާ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އޭނާ ބުނީ ފުޓްބޯޅަ އަށް ވުރެ ފުޓްސަލްގައި ކުޅުންތެރިންނަށް އަނިޔާ ލިބޭލެވެސް މާ އަވަސް ކަމަށެވެ.