ޔާމީން ރަޝީދުގެ މަރު

ޔާމީންގެ މަރުގެ ފުރިހަމަ ތަހުގީގެއް ކުރަން ސޯކޯ ނޯޑާ އެދިއްޖެ

Apr 27, 2017
3

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލަ ވަކި ކޮޅަކަށް ނުޖުހޭ ފުރިހަމަ ތަހުގީގެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ފުލުހުންގެ ކިބައިން އދ. ގެ ޔޫއެންޑީޕީ އާއި ޔޫއެންއެފްޕީއޭގެ ފަރާތުން ރާއްޖޭގައި ހުންނަވާ ރެޕްރެޒެންޓެޓިވް ޝޯކޯ ނޯޑާ އެދިލައްވައިފި އެވެ.

ޝޯކޯ ނޯޑާ މިގޮތަށް ފުލުހުން ކިބައިން އެދިލައްވާފައިވަނީ މިއަދު ފުލުހުންނާ ބައްދަލުކުރައްވަ އެވެ. ޝޯކޯ ނޯޑާ ވަނީ މީހުންނަށް ލިބޭ އިންޒާރުތަކާ ގުޅޭ ގޮތުން ފިޔަވަޅު އެޅުން އަވަސްކުރުމާ ގުޅޭ ގޮތުން ވެސް ފުލުހުންނާ މަޝްވަރާކުރައްވާފަ އެވެ.

ޝޯކޯ ނޯޑާ މިހެން އެދިލައްވާފައިވާއިރު، ޔާމީންގެ މަރުގެ މައްސަލަ ބައިނަލް އަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ތަހުގީގުކުރުމަށް އދ. ގެ އިންސާނީ ހައްގުތަކާބެހޭ ހައިކޮމިޝަނަރު ޒައިދު ރާއިދު ހުސައިން ވަނީ ގޮވާލައްވާފަ އެވެ.

ޔާމީން މަރާލާފައިވަނީ ގައިގެ 14 ތަނަކަށް ވަޅި ހަރައިގެންނެވެ. ޔާމީންގެ ގައިގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި އޮއްވާ ފެނުނީ، އޭނާ ދިރިއުޅޭ ގޭގެ ސިޑި ގޮޅި ކައިރިން މިދިއަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 2:59 އެހާކަން ހާއިރު އެވެ. އޭނާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މާގިނައިރުތަކެއް ނުވެ ވަނީ މަރުވެފަ އެވެ.

އެހާދިސާ ތަހުގީގުކުރުމުގައި ބައިނަލް އަގުވާމީ ފަރާތްތައް ބައިވެރިކުރަން އޭނާގެ އާއިލާއިން ވެސް ވަނީ އެދިފަ އެވެ.