- ސެންޓްރަލް ޕާކްގައި ހަތަރު ސަރަހައްދެއް
- ގިނަ ބަޔަކު ހިދުމަތް ހޯދަނީ އުފަލުން
- ހުސް ޖާގަ، އަރާމުކޮށްލަން ފުރިހަމަ މާހައުލެއް
ވަށައިގެން ބަލައިލުމުން ފެންނަ މަންޒަރު ހިތް ގައިމެވެ. ހުސްކޮށްލާފައިވާ ސަރާސަރު ބޮޑު ސަރަހައްދުގެ ތަނަވަސްކަން ބޮޑެވެ. މި ތަނަވަސް ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ މިތަން ފަރުމާ ކުރުމުގެ މޮޅު ކަމެވެ. ބައިބޯ ތޮއްޖެހިފައިވާ މާލޭގައި ހަލަބޮލިކަމުން ނުކުމެ، މި ރަށަށް އައުމަކީ ހާދަހާވާ ހިތް އުފާކުރުވާ ކަމެވެ. މިއީ މުސްތަގުބަލުގެ ޒުވާނުންގެ ސަހަރު ނުވަތަ 'ޔޫތު ސިޓީ" ގެ މެދުތެރޭގައި ހަދާފައިވާ ސެންޓްރަލް ޕާކެވެ.
"މިތަން ތައްޔާރު ކޮށްފައި މިވަނީ ހިތް އުފާކޮށްލަން މަޑުކޮށްލެވޭ ގޮތަށް. ތަފާތު ގިނަ ވަސީލަތްތަކާއެކު،" ހުޅުމާލެ ތަރައްގީގެ މަޝްހޫރު ކުރިއަށް ގެންދާ، ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވި އެވެ. މީހުން މަޑުކޮށްލައި ހިތް އުފާކޮށްލެވޭ ގޮތަށް މިހާރު ސެންޓްރަލް ޕާކް ފެނުނު ނަމަވެސް 2014 ގެ ކުރިއަށް ބަލާއިރު މިތަނަކީ ހުޅުމާލެ މެދުން ބައިކޮށްލާފައިވާ މަގެކެވެ. އޭރު ހުޅުމާލެ އަށް އަންނަ މީހުން ހަމައެކަނި ދާނެ ތަނެއްގެ ގޮތުގައި އޮތީ ހުޅުމާލެ ބާބެކިއު ސަރަހައްދެކެވެ.
ނަމަވެސް މިއަދު މަންޒަރު މުޅިން ބަދަލުކޮށްލައިފި އެވެ. ކުރިން މަގެއްގެ ގޮތުގައި އޮތް ސަރަހައްދަށް ބޮޑު ބަދަލެއް ގެނެސް "ސެންޓްރަލް ޕާކް" ހުޅުވައި ހިދުމަތް ދެމުންދާއިރު މިތަން ފަރުމާކޮށްފައިވަނީ ހަތަރު ޒޯން ނުވަތަ ސަރަހަދެއްގެ މައްޗަށެވެ. މީހުންނަށް ބޭނުންވާނެ ވަސީލަތްތަކާއެކުގަ އެވެ.
ސެންޓްރަލް ޕާކްގައި ކަޝްރަތު ކުރުމަށް، ދުވާ މީހުންނަށް ހާއްސަ ސަރަހައްދެއް އޮވެ އެވެ. އަދި ސްކޭޓް ކުރާ ޒުވާނުންނަށް ހާއްސަ ސަރަހައްދެއް ވެސް ހުރެ އެވެ. މީގެ އިތުރުން ސެންޓްރަލް ޕާކްގައި މިހާރު ވަނީ އައުޓްޑޯ ޖިމެއްގެ އިތުރުން ޔޯގާ ފަދަ ކަޝްރަތުތައް ކުރެވޭ ގޮތަށް ހިޔާކޮށްފައިވާ ސަރަހައްދެއްގެ ހިދުމަތް ވެސް ދޭން ފަށާނެ އެވެ. އަދި މިތަނުގައި ފެހިކޮށް ބާއްވާ ހާއްސަ އޯޕަން އޭރިޔާއެއް އޮވެ އެވެ. މިސަރައްހަދަށް ފުރިހަމަކަން ގެނެސްދެނީ މިތަނުގައި ހަދާފައިވާ މަސްނޫއީ ކޯރެވެ. މި ތަނަށް ދާ މީހަކަށް ތަފާތު ތަޖުރިބާއެއް ކުރެވޭނެއޭ ބުނެވިދާނެ އެވެ.
ސެންޓްރަލް ޕާކްއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ހިތް ގައިމު އެއް ތަނަށްވާނެ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އާ ކަންތައްތަކެއް ސެންޓްރަލް ޕާކުން ފެނިގެންދާނެ އެވެ. ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި މި ސަރަހައްދުގައި ކްލެމްބިން ވޯލްއެއް ވެސް ފެނިގެންދާނެ އެވެ.
ކޮންމެއަކަސް ރާއްޖޭގެ އެންމެ ހިތް ގައިމު ސަރަހައްދު ކަމަށްވާ ހުޅުމާލެ ސެންޓްރަލް ޕާކުން ލިބެނީ ހިތްހަމަ ޖެހުމެވެ. އެކަން މި ފޮޓޯތަކުން ވެސް އެނގޭނެ އެވެ.