"މިއީ ކޯޗެއް. މިއަށް ރޯމަސް އަޅާފައި ހުރެ ދާނެ! ކާކަށް ނުކެރޭނެ!" މިއީ ޖަޕަނީޒް ފުޑް ނުވަތަ ޖަޕާނުގެ ކެއުމެއް ތައްޔާރުކޮށްލައިގެން އާންމު ދިވެއްސެއްގެ ކުރިމައްޗައް ގެނެސްފި ނަމަ، އެމީހާގެ ހިތަށް ފުރަތަމަ އަރާފާނެ އެއްޗެކެވެ. ސަބަބަކީ ގިނަ ދިވެހިންނަށް ޖަޕަނީޒް ފުޑް ސިފަވެފައި އޮންނަނީ ވެސް އެފަދަ ގޮތަކަށެވެ. ޖަޕަނީޒް ފުޑަކީ ދިވެހިންގެ ރަހަތަކާ ދުރު، ދިވެހިންނާ ނުގުޅޭ ފަދަ ކެއުންތަކެއް ގޮތުގަ އެވެ. އާންމު ގޮތެއްގައި ފްރެންޗައިޒްތަކާއި ބޭރުގެ ކެއުންތަކަށް ލޯބި ދިވެހިން ވެސް ޖަޕަނީޒް ރެސްޓޯރަންޓަކުން މަދު ފަހަރަކު ނޫނީ ނުފެންނަނީ ވެސް މިހެންވެ އެވެ.
ނަމަވެސް އެ ވިސްނުން ބަދަލުކޮށްލާނެ ވަގުތު އައިސް މި އޮތީ ޖެހިފަ އެވެ. ޖަޕަނީޒް ފުޑާ މެދު މިހާތަނަށް ދެކެމުންއައި ގޮތް ބަދަލުކޮށްލާ، ދިވެހިންގެ ދުލަށް ޖަޕަނީޒް ކެއުންތަކުގެ ރަހަ ހެޔޮވަރުކޮށްލައި ދިނުމުގެ މަސައްކަތް ފަށާފައި ވަނީ ދިވެހި ރަހަތަކަށް އެންމެ ފަރިތަ ރާއްޖޭގެ އެންމެ މޮޅު ޝެފް، އަހުމަދު ފަތީން އެވެ. ފަތީންއަކީ ދިވެހިންނަށް އާ މޫނެއް ނޫނެވެ. އޭނާ ވަނީ ހޮޓެލް އޭޝިއާ އިންޓަނޭޝަލް ކަލިނަރީ ޗެލެންޖްގައި އެންމެ މޮޅި ދިވެހި ކައްކާގެ ޝަރަފު ތިން ފަހަރަށް ހޯދާފައި އެވެ.
ކެއްކުމުގެ ދާއިރާއިން ލިބިފައިވާ 12 އަހަރުގެ ތަޖުރިބާގެ އަލީގައި ފަތީން މިހާރު ވަނީ "އޮއިޝީ"ގެ ނަމުގައި އަމިއްލަ ރެސްޓޯރަންޓެއް ހުޅުވައި، ދިވެހިންނަށް އެންމެ ކަަމުދާ ފެންވަރުގައި ޖަޕަނީޒް ފުޑް ލިބޭނެ މަގުފަހިކޮށްދީފަ އެވެ. އޮއިޝީއަށް ކާން ވަންނަ ކޮންމެ މީހަކުވެސް ނިކުންނަނީ އެތަނުގެ ހާއްސަ ރެސިޕީތަކުގެ ތަފާތު ރަހަތަކުން އާޝޯހު ވެގެނެވެ. އަލަށް ޖަޕަނީޒް ފުޑް ކާ ދިވެހިން ވެސް ތައުރީފުގެ ބަސްތައް އޮއިޝީއަށް ބަނޑުން ޖަހާ ނުލާ ނުދާނެ އެވެ.
"މީހުން ބުނެގެން ގޮތް ބަލާލަން އޮއިޝީއަށް އަންނަ، ކުރިން ޖަޕަނީޒް ފުޑް ނުކާ މީހުންވެސް ނިކުމެގެން ދާއިރު ބުނޭ މިތަނަކީ އެ މީހުން މިހާތަނަށް ކޭ އެންމެ ތަފާތު އަދި އެންމެ މީރު ތަކެތި ހުންނަ ތަން ކަމަށް. އެއް ފަހަރު ކައިފިއްޔާ ދެވަނަ ފަހަރަށް ވެސް އޮއިޝީއަށް އަންނާނެ ކަން ޔަގީން. ގިނަ ފަހަރަށް މިތަނުން ކާފައި ތިބި މީހުން ދެވަނަ ފަހަރަށް އަންނާނީ ރައްޓެހިން ގޮވައިގެން ގްރޫޕް ހަދާފަ ރަހަ ދައްކަން. އެގޮތުން ވަރަށް ތަރުހީބު ލިބޭ އޮއިޝީގެ ކެއުންތަކަށް،" ފަތީން ވިދާޅުވި އެވެ. "ގިނަ ދިވެހިންނަށް ހީވެފައި އޮންނަނީ ޖަޕަނީޒް ފުޑަކީ ރޯމަސް ކަމަށް. ހަގީގަތުގައި ޖަޕަނީޒްގެ ހުރިހާ އެއްޗަކީ ރޯމަހެއް ނޫން. ގިނަ ރެސިޕީތައް ހުންނާނީ ކައްކައިގެން ހަދާ އެއްޗެހި. ދެން ބައެއް އެއްޗެއްސަށް ރޯމަސް އަޅާ. ނަމަވެސް އޭގެވެސް ވަކި ގޮތަކަށް ހަދާފަ އަޅާތީ އެ ރަހައެއް ނުހުންނާނެ. ކާލީ މަ މުޅިން އެހެން ތަފާތު ރަހައެއް ދޭނީ.
އޮއިޝީއަކީ ޖަޕާނު ބަހުން "މީރު" އެވެ. އެ ނަމުގައި ހުޅުމާލޭގައި ހުޅުވި ޖަޕަނީޒް ރެސްޓޯރަންޓުގެ ރަހަތަށް ދިވެހިންނަށް މީރުކޮށްލުމަށް ފަތީން ވަނީ ވަރަށް ބަލައިގެން ދިވެހިންނަށް އެންމެ ކަމުދާ ފަދަ ރަހަތަށް ހިމެނޭ ރެސިޕީތައް ނަގާ މެނޫ ތައްޔާރުކޮށްފަ އެވެ. ނަމަވެސް އެ ކެއުންތަކުން ޖަޕާނުގެ ރަހަތަކަށް ވެސް ފަނޑުކަމެއް ނާދެ އެވެ. އެ ގައުމުގެ އެންމެ މަޝްހޫރު ކެއުންތައް ވެސް އޮއިޝީން ލިބެ އެވެ. އަދި އެތަނުގެ ހުރިހާ ކާނާތައް ތައްޔާރު ކުރަނީ ބޭރުން ގެންނަ ތަކެތި ބޭނުންކޮށްގެނެވެ. އެއީ އެންމެ މަތީ ފެންވަރުގެ ކޮލަޓީގެ ކާނާ ރަނގަޅު އަގެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށެވެ.
"މެނޫ ހެދި އިރު ބޮޑަށް ވިސްނީ އަޅުގަނޑު 12 އަހަރު ދުވަހު ކެއްކުމުގެ ދާއިރާގައި އުޅުން އިރުގައި ލިބުން ތަޖުރިބާ ބޭނުން ކުރަން. ކަސްޓަމަރުކު ވަދެފައި ކަމު ނުގޮސް ނޫޅޭނެ ވަރު ބަލާފައި އަޅުގަނޑުމެން ހުރިހާ އެއްޗެއް ތައްޔާރު ކުރަނީ ވެސް. އެއީ އަޅުގަނޑު ގަބޫލު ކުރަނީ ދިވެހިންނަށް މި ކެއުންތައް ނުބައި ނުވަންޏާ އެ ހުރީ މަގްސަދު ހާސިލްވެފަ ކަމަށް ދިވެހިންނަށް ބޭނުންވާ ރަހަތަށް ހަދާލެވިފަ ތައްޔާރުވެފައި ކަމަށް. ދިވެހިން ހަމަ ގައިމުވެސް ނުދާނެ މީތި ދޫކޮށްފަ އެއް،" ފަތީން ވިދާޅުވި އެވެ.
މީރު ޑިޝްތައް ހިމެނޭ އޮއިޝީގެ މެނޫ
އޮޝިމީގެ ސްޓާޓާގެ ގޮތުގައި ހުންނަނީ ސޫޝީ ރޯލް އެވެ. ސީފުޑަށް ލޯބި ކުރާ ފަރާތްތަކަށް ވަރަށް ކަމުދާނެ އެވެ. އެގޮތުން އޮއިޝީގެ ހާއްސަ ޑިޝްތަކު ތެރޭގައި ކެލިފޯނިޔާ ބްރިޓޯޒްއާއި އެވަކާޑޯ އެންޑް ކްރެބް ބްރިޓޯޒް އާއި ސްޕައިސީ ޓޫނާ ބްރިޓޯޒް ހިމެނެ އެވެ. މިއީ މިހާތަނަށް އޮއިޝީއަށް އައި ދިވެހިންނަށް އެންމެ ކަމުދިޔަ ޑިޝްތަކެވެ.
"ކަކުނިތައް ވެސް ހަދާފައި ހުންނަނީ ކައްކާފަ ފުދޭވަރަކަށް ކްރިސްޕީކޮށް ހަދާފައި. އެއީ ސީދާ ޖަޕާނުން ގެންނަ ސޮފްޓް ޝެލް ކްރެބް ބޭނުންކޮށްގެން. ދެން އޭތި ޓެންޕޫރާކޮށްގެން ފިލިން އަޅަނީ. ދެން އިން ސްޕައިސީ ޓޫނާ ބްރީޓޯޒް އަޅުގަނޑުމެން ހަދާފައި ހުންނާނީ ދިވެހިންނަށް ކަމުދާ ފަދަ ގޮތަކަށް ލޯކަލް ސްޓައިލަކަށް. ސްމޯކް ސަލްމަންއާއި ކްރީމް ޗީޒް ބްރިޓޯޒް ވެސް އެއީ ވަރަށް ހިނގާ ދެ ޑިޝް. މުޅި އެތި ބަދަލުވާނެ މިއާ އެއްކޮށް ޖައްސައިގެން ކާ ސޯސްތަކުން. އޭގެ އަސްލުވަންތަކަން ގެއްލުވާނުލާ އަޅުގަނޑުމެން އިންނާނީ ދިވެހި ސްޓައިލަކަށް ހަދާފައި،" ފަތީން ވިދާޅުވި އެވެ.
މެނޫގައި މެއިން ކޯސްގެ ގޮތުގައި ހުންނަ އެންމެ ފާހަގަކޮށްލެވޭ އެކަށްޗަކީ "ކަރެރައިސޫ" ނުވަތަ ދިވެހި ބަހުން ބުނާނަމަ ބަތާއި ރިހަ އެވެ. ދެން ހުރީ ރޯސްޓަޑް ޗިކަން އެންޑް ރައީސް އެވެ. ދެން ފާހަގަކޮށްލެވޭ ޑިޝްތަކު ތެރޭގައި ޗިކަން ގިއޯޒާ ހިމެނެ އެވެ. އެއީ ތަފާތު ގޮތަކަށް ހަދާފައި ހުންނަ ނޫޑްލްސް އެވެ. ދެން ހުންނަނީ ސީފުޑް ޑަމްޕްލިން އުޑޯންވެސް ހިމެނެ އެވެ.
"އާންމު ގޮތެއްގައި މިތަކެއްޗަކީ ކުޅިކޮށް ހަދާއެއްޗެއް ނޫން. އެކަމަކު އަސްލު ރަހަތައް ނުގެއްލޭ ވަރަށް ކުޅިކޮށްފައި މިދެނީ ދިވެހިންނަށް. އެއީ ގިނަ ފަހަރަށް ޑިމާންޑު ކުރަނީ ވެސް އެގޮތަށް،"
ޑެޒާޓްގެ ގޮތުގައި ހުންނަ އެއްޗެހިވެސް ވަރަށް ތަފާތެވެ. އެގޮތުން އެންމެ މީރު އެކައްޗަކީ ދޮރިއާކީ އެވެ. އެއީ ޕޭންކޭކަށް ޖަޕާނުގެ ރެޑް ބީން ޕޭސްޓު އަޅައިގެން ހަދާފައި ހުންނަ އެއްޗެކެވެ. އޭތި ތައްޔާރުކޮށްފައި ކަސްޓަމަރުންނަށް ދެނީ އައިސްކްރީމްއާ އެކުގަ އެވެ. ދެން ހުންނަނީ ސިއްހަތަށް ވަރަށް ފައިދާ ހުރި ގިނަ މޭވާތަކެއް ހިމެނޭ އަމިޓްސޫ ނަމަކަށް ކިޔާ ޑިޝްއެކެވެ. އަދި ސްޕްރިން ރޯލް ބަނާނާއާއި ވެފްލަސް ސޭންޑްވިޗް އެވެ.
ކޮންމެހެން ވެސް ކުރަން ޖެހޭ ތަފާތު ތަޖުރިބާ އެއް!
އޮއިޝީގެ މީރު ކަމާއި ތަފާތު ރަހަތަކުގެ ވާހަކަ ވަރަށް ދެއްކިއްޖެ އެވެ. ނަމަވެސް އެހާ ހިސާބުން ނިންމާލެވޭކަށް ނެތެވެ. އެތަނުގެ ފެންވަރު އެ ބުނާ ވަރުތޯ ބެލުމަށް "އަވަސް" އަށް ފަތީން ދެއްވި ފުރުސަތުގައި އެ ރަހަތަށް ތަޖުރިބާކޮށްލީމެވެ. އޮއިޝީގެ ހިތްގައިމު މާހައުލުގައި މޭޒެއް ކައިރީ އިންދާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ފުރަތަމަ ޑިޝް ގެނައެވެ. އެއީ ސޫޝީގެ ބާވަތެއް ކަމަށްވާ މިކްސް ސަޝަމީ އާއި އެވަކާޑޯ އެންޑް ކްރެބް ބްރިޓޯޒް އެވެ. ކާން ފެށުމުގެ ކުރިންވެސް ކުޅު ދިޔާވި އެވެ. އެއީ ޑިޝް އަތުރާލާފައި ހުރިލެ ފަރިކަމުންނެވެ.
ކާން ނުފަށާ ޗޮޕް ސްޓިކަށް ބަލަހައްޓައިގެން އިރުކޮޅަކު އިންދާ އެތަނުގެ ދިވެހި ޝެފެއް އައިސް ޗޮޕް ސްޓިކް ބޭނުން ކުރާ ގޮތާއި ކާ އެއްޗެއްސާ ބެހޭ ގޮތުން ވާހަކަދައްކަން ފެށިއެވެ.
ފަތީން ބުނި ގޮތުގައި އޮއިޝީއަށްދާ ކޮންމެ ކަސްޓަމަރެއް ވެސް ބޭނުންވެއްޖެ ނަމަ ޝެފުން ގޮސް ރެސިޕީއާ ބެހޭ ގޮތުން ކިޔާދޭނެ އެވެ. ދައްކާ ވާހަކަތައް އަޑުއަހަން އިނދެ ޝެފް ކިޔާދިން ގޮތަށް ޗޮޕް ސްޓިކުގައި ހިފައި އެވަކާޑޯ އެންޑް ކްރެބް ބްރިޓޯ ނަގާ ސޯސްގަނޑު ތެރެއަށް ގަންބާލައިފީ މެވެ. އަދި ލޯ މަރާލާފައި ފުރަތަމަ ފަހަރަށް ޖަޕަނީޒް ފުޑް ރަހަ ބަލައިލީމެވެ.
ހަމަ ވަރަށް މީރެވެ! އޮއިޝީގެ ނަން އެތަނަށް ކިޔަނީ ސަބަބަކާ ނުލައެއް ނޫނެވެ. މަހާއި އޭގައި އަޅާފައި ހުރި އެވަކާޑޯގެ ރަހަގަނޑުން ވަރަށް ތާޒާއެވެ. އަދި އެ ރަހަ ދުލަށް ހެޔޮވަރުކޮށްލަނީ ސޯސްގަނޑުންނެވެ. ކޮންމެ ދިވެއްސަކަށް ވެސް ވަރަށް މީރު ވާނެކަން ޔަގީނެވެ. އެއަށް ފަހު ގެނައި ރޯސްޓަޑް ޗިކަން އެންޑް ރައިސްގެ ކުކުޅުގަނޑަށް އޫ ހަރާލުމުން ވެސް އޭގެ ފުރިހަމަކަން އެނގެ އެވެ. ވަރަށް ރަނގަޅަށް ކައްކާފަ އެވެ. އަދި ޖަޕާނުގެ ބަތާއެކީ ކާން އެވަރެއް ނޯންނާނެ އެވެ.
ބުއިންތަކާއި ޑެޒާޓާ ބެހޭ ގޮތުން އެއްޗެއް ބުނާ ނަމަ އެއީ ހަމަ "މަރެ" ކެވެ. އެހާ ފުރިހަމަކޮށް ތައްޔާރުކޮށްލާފައި ހުރި ބުއިންތަކާ ޑެޒާޓްތައް ވަރަށް މަދު ރެސްޓޯރަންޓެއްގައި ނޫނީ ނުލިބޭނެ އެވެ. އެގޮތުން ހޫނުކޮށް ހަދާފައި ހުރި ޗޮކްލެޓް ކުކީޒްއާ އޭގެ މައްޗައް މަޝްމެލޯއާއި ސްޓްރޯބެރީ އަޅައިގެން ތައްޔާރުކޮށްފައި ހުރި ޑެޒާޓް ކާ ފޫހިނުވި އެވެ. އޭގެ ވާހަކަ ދައްކާ ދައްކާ ކޮޅުންލާނެ ހެނެއް ހީނުވެ އެވެ.
މުސްތަގުބަލަށް ފޮނި އުންމީދުތަކެއް
އޮއިޝީ ހުޅުވައިގެން އުޅޭތާ އަދި މިހާތަނަށް މިވީ މަހެއްހާ ދުވަހެވެ. ނަމަވެސް އެ ރެސްޓޯރަންޓަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް އެތަނުގެ ވެރިޔާ ފަތީން ވިދާޅުވެ އެވެ. އެގޮތުން ކައްކާ ތަން ވަގުތުން ކަސްޓަމަރުންނަށް ފެންނަ ގޮތަށް ލައިވް ކުކިން ފަށާނެ ކަމަށާއި އޭރުން ކައްކަމުންދާ އިރު ކަސްޓަމަރުން ބޭނުންވާ ގޮތަށް ކާނާ ތައްޔާރުކޮށްލެވޭނެ ކަމަށް ފަތީން ވިދާޅުވި އެވެ. އެ ހިދުމަތް ފެށެން ދެން މާ ގިނަ ދުވަހެއް ނުވާނެ އެވެ. ފަތީން ވިދާޅުވީ ގޮތުގައި އެ ކަން ކުރަން ބޭނުންވާ ޑިޒައިންގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.
މީގެ އިތުރުން ވެސް ފަތީންގެ ބޮޑު ހުވަފެނެއް އޮވެ އެވެ. އެއީ ފްރެންޗައިޒް ރެސްޓޫރަންޓު ފެންވަރުގައި ދިވެހިން ތައްޔާރު ކުރާ ކާނާ ދިވެހިންނަށް ފޯރުކޮށްދިނުމެވެ.