ކުޅިވަރު

އުނދަގޫ މޮޅަކާއެކު ޓީސީ ތިން ވަނައަށް

Apr 28, 2017

މުހިންމު ކުޅުންތެރިންތަކެއް ނުލައި އީގަލްސް އާ ދެކޮޅަށް ކުޅެ ޕެނަލްޓީ އަކުން ކާމިޔާބު ކުރި ލަނޑަކުން، މޮޅެއް ހޯދައިގެން ޓީސީ ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

މެޗުގެ 16 ވަނަ މިނެޓްގައި، ޓީސީގެ ސްޓެވާޓަށް، އީގަލްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން، ޓީސީއަށް ލިބުނު ޕެނަލްޓީވެސް ކާމިޔާބު ކުރީ ސްޓެވާޓެވެ.

އަނިޔާ އާއި ހެދި، މުހިންމު ދެ ކުޅުންތެރިން ނުލައި ކުޅުމުގެ އިތުރަށް، މާދަމާ ކުލަބު މޯލްޑިވްސް ކަޕްގެ ދެ ވަނަ ބުރު މެޗުތައް އޮތުމާއެކު، އެމުބާރާތުގައި ކުޅޭ އީގަލްސްގެ ކުޅުން ތެރިންނަށް އެ ކުލަބުން ވަނީ ރިލީސް ދީފަ އެވެ.

ނަމަވެސް، މެޗުގައި އީގަލްސްއިން ވަނީ ލަނޑު ޖެހުމަށް، ބައެއް ފުރުސަތުތައް ހޯދާފަ އެވެ. އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ފާހަގަ ކުރަމުން އަންނަ، ލަނޑު ނުޖެހުމުގެ މައްސަލަ މި މެޗުގައި ވަނީ ވަރަށް ބޮޑަށް ފެނިފަ އެވެ.

މެޗުން މޮޅުވެ، ހޯދި ތިން ޕޮއިންޓާއެކު، ޖުމުލަ 10 ޕޮއިންޓް ހޯދައިގެން، ޓީސީ ތިން ވަނައިގައި އޮތް އިރު، ކުރިން ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓަށް ވެސް ވަނީ އެއަދަށް ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް ޓީސީ ތިން ވަނައިގައި އޮތީ ލަނޑުގެ ތަފާތުން ނެވެ.

އިގަލްސްގެ އެސިންޓެންޓް ކޯޗް އަހްމަދު ޝާކިރު (ޝާކިއްޓޭ) ބުނީ އީގަލްސްގެ ކުޅުންތެރިންނަށް މިއަދު ކުރިމަތިވި މައްސަލައަކީ މެޗު ތެރެއަށް ތަން ކޮޅެއް ލަހުން ވަދެވުން ކަމަށެވެ.