ކުޅިވަރު

ގްރީން ބަލިކޮށް ނިއު އެއްވަނައިގައި ލީޑް ފުޅާ ކޮށްފި

Apr 29, 2017
3

ގްރީން ސްޓްރީޓްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ނިއުރޭޑިއަންޓުން ތާވަލުގެ އެއް ވަނައިގައި ލީޑް ފުޅާ ކޮށްފި އެވެ.

މެޗުން މޮޅުވެ، ހޯދި ތިން ޕޮއިންޓާއެކު، ނިއު ވަނީ ތާވަލުގެ ދެ ވަނައިގައި އޮތް މާޒިޔާއާ ތިން ޕޮއިންޓް ފެއަށް ޖެހިލާފަ އެވެ. މެޗުގެ ފައިނަލު ނަތީޖާގެ ކުރިން ނިއު އާއި މާޒިޔާގެ ޕޮއިންޓް އޮތީ ހަމަހަމަ ކޮށެވެ. ނަމަވެސް ނިއުއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުން ނެވެ.

މިހާރު ނިއު ވަނީ 15 ޕޮއިންޓް ހޯދާފަ އެވެ. މާޒިޔާއަށް 12 ޕޮއިންޓެވެ. ނަމަވެސް މާޒިޔާއިން މާދަމާ ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ނިއުއާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކުރެވޭނެ އެވެ. މީގެ އިތުރުން، މާޒިޔާ އަތުގައި އެއް މެޗު ނުކުޅެ އެބައޮތެވެ.

މެޗުން ނިއު މޮޅުވި ނަމަވެސް، ގްރީން ސްޓްރީޓްގެ ކޯޗް ސޮބާހް މުހައްމަދު ބުނީ މެޗުން މޮޅުވުން ނިއުއަށް ހައްގު ނޫން ކަމަށާއި، އެކަން ނިއުގެ ޓީމުން ގަބޫލު ކުރާނެ ކަމަށެވެ. ރެފްރީގެ ނިންމުންތަކާމެދު ހިތްހަމަ ނުޖެހިގެން ސޮބާ ވަނީ ވަރަށް ބޮޑަށް އެކަން ފާޅު ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު 38 ވަނަ މިނެޓްގައި ނިއު އަށް ކާމިޔާބު ކޮށްދިނީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، އަހްމަދު އަބްދުﷲ (ލިލީ) އެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ އަލީ ފާސިރު (ސެންޓޭ) ނެގި ކޯނަރެއް ބޮލުން ފޮނުވާލައިގެން ނެވެ.

ނިއުގެ ދެ ވަނަ ލަނޑު 56 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައި ހުރުމުން ކުޅެވިދާނެ ކަމާމެދު ނިއުގެ ކޯޗް ބެނާޑޯ ޓެވަރޭސް ސުވާލު އުފައްދާފައިވާ، ސްޕެއިންގެ އެޑްރިއަން ގަލޯޑޯ އެވެ.

ގްރީންގެ ލަނޑު 81 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑިމިޓްރޯވް އެވެ.

ނިއުގެ ކޯޗް ޓެވަރޭސް ބުނީ މެޗުގައި ތަފާތު ބޮޑުކުރަން ނިއުގެ ކުޅުންތެރިން ގިނަ ފުރުސަތު ތަކެއް ތަނަވަސް ކުރުމުން ހިތްހަމަޖެހޭ ކަމަށެވެ.