ކުޅިވަރު

ނިއުގެ ޒުވާންޓީމާ ގުޅުމުން ރެޑިންގެ ޓްރޭނިންގެ ފުރުސަތު

Apr 29, 2017

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ 18 އަހަރުން ދަށުގެ ޓީމާއި 16 އަހަރުން ދަށުގެ ޓީމާ ގުޅޭ ކުޅުންތެރިންނަށް، އިނިގިރޭސި ވިލާތުގެ ރެޑިން އެފްސީގެ ފުޓްބޯޅަ އެކެޑެމީގައި ޓްރޭނިން ހެދުމުގެ ފުރުސަތު ދިނުމަށް ނިއު އިން ނިންމައިފި އެވެ.

އެ ދެ އުމުރުފުރާގެ ޓީމުގައި ހިމެނެން ބޭނުންވާ ކޮންމެ ކުޅުންތެރިޔަކަށްވެސް ނިއު އިން ވަނި އެފުރުސަޔު ހުޅުވާލާފަ އެވެ. އަންނަ ބުދަ ދުވަހު ކުޅިވަރު އެކުވެނީ އެއް ނަންބަރު ޓާފް ދަނޑުގައި އޮންނަ ނިއުގެ ހަރަކާތަށް އައުމަށް އެ ކުލަބުން އެދެ އެވެ.

ރެޑިން އެފްސީއިން ނިއުގެ ޗެއާމަން މުހައްމަދު ޒިޔާދުއަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ، ނިއުގެ ޒުވާން ޓީމުގެ ދެ ކުޅުންތެރިންނަށް ހަތަރު ހަފަުތާގެ މުއްދަތައް، ރެޑިންގެ ފުޓްބޯޅަ އެކެޑެމީގައި ތަމްރީން ހެދުމުގެ ފުރުސަތު ފޯރުކޮށްދޭނެ ކަމަށެވެ.

"އަދި ހަތަރު ހަފުތާގެ މުއްދަތުގައި އެ އެސެސްމެންޓުން ކުޅުންތެރިޔަކު ނުވަތަ އެ ދެކުޅުންތެރިންވެސް ފާސް ވެއްޖަނަމަ ދިގު މުއްދަތުގެ ޓްރެއިނިން ޕްރޮގްރާމެއް ރެޑިންގެ އެކަޑަމީން ފޯރުކޮށްދޭނަން،" ރެޑިން އެފްސީގެ ބޯޑް ޑައިރެކްޓާ މެންބަރު ސްމްރިތީ ތަނަކްރާންޖަނަސަތު ސޮއި ކުރައްވައި ފޮނުވާފައިވާ ސިޓީގައި ބުނެފައި ވެއެވެ.

ނިއުގެ ޖެނަރަލް ސެކެޓްރީ އަހްމަދު ނިޔާޒު މޫސާ (ޓެޑް) ވިދާޅުވީ އެ ދެ އުމުރު ފުރާއިން ފޮނުވާނެ ދެ ކުޅުންތެރިން ކަނޑައަލާނީ ނިއުގެ ކޯޗިން ސްޓާފުންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ ޓްރެއިނިން ތަކުން އެންމެ ފާހަގަ ކުރެވޭ ދެ ކުޅުންތެރިން ކަމަށެވެ.

"އެހެންވެ 18 އަހަރު ދަށާއި 16 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށްވެސް އެފުރުސަތު އެބައޮތް ބުދަ ދުވަހު އޮންނަ ނިއުގެ ޒުވާން ޓީމުގެ ޓްރެޔަލްގައި ބައިވެރިވާންވީ،" ނިޔާޒު ވިދާޅުވި އެވެ.

ނިއު އިން ވަނީ ނިއުރޭޑިއަންޓް އެކެޑެމީގެ ކޯޗަކަށް، ޔޫއެފްއާ 'ބީ' ލައިސެންސް އޮންނަ އެޓީމުގެ ޕޯޗްގަލް ޓްރެއިނާ ޖޯކިމް ވަލިންހޯ ހަމަޖައްސާފަ އެވެ.