މިރޭ މީ މި ސީޒަނުގެ ގަދަ ތިނެއް ކަށަވަރު ވެގެންދާ ރެ އެވެ. ގަދަ ތިނަކުން ޖާގަ ހޯދުމަށް ރޭ ބައިވެރިން ދެ ތީމަކަށް ލަވަ ކިޔާފައިވެ އެވެ. އެއީ ލޯބީގެ ތީމަށް ކީ ރީތި ލަވަތަކަކާއި ހަނދާން ނައްތާނުލެވުނު އެންމެ ފޭވަރިޓް ލަވަ އެވެ. ބައިވެރިންގެ ރީތި ލަވަތަކަކާއެކު ޖަޖު މަރިޔަމް އުނޫޝާ އަދި ގެސްޓު ޖަޖުގެ ގޮތުގައި ރޭގެ ޝޯގައި ބައިވެރިވި ރިޝްވާން އައިމަންގެ ރީތި ލަވައެއް ފެނިގެން ދިޔަ އެވެ.
ރޭގެ ހުށަހެޅުމަށް ޖަޖުންދޭ މާކްސް އާއި ބެލުންތެރިންގެ އެސްއެމްއެސް އިން އެންމެ މަދުން މާކްސް ލިބޭ ދެ ބައިވެރިން މިރޭ ޝޯ އާ ވަކިވެގެންދާނެ އެވެ. މިރޭގެ އެލިމިނޭޝަން ޝޯގައި ބައިވެރިން ހުށަހަޅާނީ ޑުއެޓް ލަވަތަކެކެވެ. ނަމަވެސް މިރޭގެ ޝޯ ވަރަށް ތަފާތުވެފައި ހާއްސަ އެވެ. އެއީ ދިވެހި މިއުޒިކް އިންޑަސްޓްރީގައި މިހާރު ތިބި ލަވަކިޔުންތެރިންގެ ތެރެއިން ބައިވެރިންގެ ފެވަރިޓުންނާ އެކީ މިރޭ ލަވަ ކިޔާތީ އެވެ.
ގަދަ ފަހެއް
- މުހައްމަދު ތަސްނީމް
- ޝަމްވީލް މުހައްމަދު
- އިބްރާހިމް ވަހީދު
- އަބްދުﷲ ހިޝާން
- އަހްމަދު ހަމޫދު
މުހައްމަދު ތަސްނީމް (ބޮބް) މިރޭ ލަވަ ހުށަހަޅައިދޭނީ ނިޝް އާ އެކީގަ އެވެ. ޝަމްވީލް މުހައްމަދު އޭނާގެ ސްކޫލް ދައުރުގެ ކްލާސްމޭޓް އައިޝަތު މާއިން ރަޝީދާއެކު ލަވަ ހުށަހަޅައިދޭއިރު ހަމޫދު އަހްމަދު ލަވަ ހުށަހަޅައިދޭނީ ރާފިޔަތު ރަމީޒާ އާ އެކުގަ އެވެ. އަދި އިބްރާހީމް ވަހީދު (ބޮޑުބެ) ބަތޫލް އަހްމަދު އާ އެކު ލަވަ ހުށަހަޅައިދޭއިރު އަބްދުﷲ ހިޝާން ލަވަ ހުށަހަޅައިދޭނީ އަންދަލާ ހަލީމް އާ އެކުގަ އެވެ.
ރޭގެ ހުށަހެޅުންތަކަށް އެވްރެޖްކޮށް ހުރިހާ ބައިވެރިންނަށްވެސް ލިބިފައިވަނީ ޕޮޒިޓިވް ކޮމެންޓުތަކެކެވެ. ރޭގެ ޖަޖުންގެ ޕެނަލުން ގެސްޓު ޖަޖެއްގެ ގޮތުގައި ރިޝްވާން އައިމަން ފެނުނު އިރު މިރޭގެ ޝޯއިން ވެސް ވަރަށް ހާއްސަ މެހެމާނެއް ފެންނާނެ އެވެ.