ދުނިޔެ

ޓެކްސަސްއަށް ނަގޫރޯޅިތަކެއް އަރައި، ފަސްމީހުން މަރުވެއްޖެ

Apr 30, 2017

އެމެރިކާގެ ޓެކްސަސް ސްޓޭޓްގެ މައި ޝަހަރެއްކަމަށްވާ ޑަލަސްގެ ކައި ސަރަހައްދަކަށް ނަގޫރޯޅިތަކެއް އެރުމުގެ ސަބަބުން ފަސްމީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެއެވެ.

އެންބީސީ ނިއުސް ބުނީ ޓެކްސަަސް ސްޓޭޓްގެ ޔޫސްޓޭސް ނަމަކަށް ކިޔާ ރަށާއި ކޭނީ ސިޓީ ނަމަކަށް ކިޔާ ރަށާއި ކެންޓަން ނަމަކަށް ކިޔާ ރަށަށް އިއްޔެ މެންދުރުފަހުން ނަގޫރޯޅި އެރި ކަމަށެވެ. އެހާދިސާގައި މަރުވި މީހުންގެ އިތުރުން 52 މީހަކު ޒަހަމްވެގެން ހޮސްޕިޓަލްތަކުގައި ފަރުވާދިން ކަމަށް ވެސް އެނޫހުން ބުންޏެވެ.

ޓެކްސަސް ސްޓޭޓަށް ނަގޫރޯޅިތައް އެރީ އެމެރިކާގެ ދެކުނާއި ހުޅަނގު ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައެވެ. އެ ވިއްސާރައިގައި އޮކްލަހޯމާ ސްޓޭޓާއި ކެންޓަކީ ސްޓޭޓާއި އިލިނޯއީ ސްޓޭޓްގައި ކޮންމެވެސް ވަރަކަށް ފެންބޮޑުވެދާނެ ކަމުގެ އިންޒާރު މޫސުމާ ބެހޭ އިދާރާތަކުން ވަނީ ދީފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން އޮކްލަހޯމާގައި ވަނީ ކުއްލިހާލަތު އިއުލާންކޮށްފައެވެ. އަދި އެ ސްޓޭޓްގައި ދިރިއުޅޭ މީހުންގެ ތެރެއިން 12000 މީހަކު ކަރަންޓްގެ ހިދުމަތުން މަހުރޫމްވިއެވެ. އަދި މިސޫރީ ސްޓޭޓްގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ބައެއް ހާދިސާތައް އިއްޔެގައި ހިނގިއެވެ. އެފަދަ އެއް ހާދިސާއެއްގައި އަންހެނަކު މަރުވެސް ވިއެވެ. މިސޫރީ ސްޓޭޓްގައި ވެސް މިހާރުވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ.