ދުނިޔެ

ސޫރިޔާގައި އެމެރިކާއަށް އެއްބާރުލުންދޭން ރަޝިޔާ އޮތީ ތައްޔާރަށް

Apr 30, 2017

ސޫރިޔާ ހަނގުރާމައިގައި އެމެރިކާއަށް އެއްބާރުލުންދޭން ތައްޔާރަށް އޮތް ކަމަށް ރަޝިޔާ ސަރުކާރުން ބުނެފި އެވެ.

ސޫރިޔާގެ ހަ އަހަރުވީ ހަނގުރާމައިގައި އެ ގައުމުގެ ރައީސް ބައްޝާރުލް އަސަދަށް މަދަދު ކުރަމުން އަންނަ ރަޝިޔާ އިން އެމެރިކާއަށް އެއްބާރުލުންދޭނެ ކަމަށް ވިދާޅުވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯވް އެވެ. ރަޝިޔާގެ ވެރިރަށް މޮސްކޯގައި އުރުދުންގެ ފޮރިން މިނިސްޓަރު އައިމަން ސަފާދީއާ ވާހަކަފުޅު ދައްކަވަމުން ލަވްރޯވް އިއްޔެގައި ވިދާޅުވެފައި ވަނީ ސޫރިޔާގެ މައްސަލަ ހައްލުކުުރަން އެމެރިކާއާ ގުޅުގެން މަސައްކަތް ކުރަން ރަޝިޔާއިން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށެވެ.

"އަޅުގަނޑަށް ޔަގީންކޮށްދެވިދާނެ އަޅުގަނޑުމެން މިތިބީ މިކަމަށް ފުރިހަމައަށް ތައްޔާރަށްކަން. އަޅުގަނޑުމެން މިބަލަނީ ވޮޝިންޓަނުން ވެސް މިފަދަ އުސޫލެއް ގެންގުޅޭނެ ކަމަށް،" ލަވްރޯވް ވިދާޅުވި ކަމަށް ރަޝިޔާ ޓްޑޭ (އާރްޓީ) ނޫހުން ބުންޏެވެ.

އުރުދުންގެ ފޮރިން މިނިސްޓަރާ ލަވްރޯވް މިމޭރުމުން ވާހަކަ ދެއްކެވީ ސޫރިޔާ މައްސަލަ ހައްލު ކުރަަން އެމެރިކާ އާއި ރަޝިޔާ ގުޅިގެން މަސައްކަތް ކުރުން މުހިއްމު ކަމަށް އުރުދުންގެ ރަސްގެފާނު ޢަބުދުﷲ ތަކުރާރުކޮށް ވިދާޅުވެފައި ވާތީއެވެ.

ލަވްރޯވް ވިދާޅުވެފައި ވަނީ ސޫރިޔާއިން ޓެރަރިޒަމްގެ ބިރު ނައްތައިލަން އެގައުމުގެ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިންނާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލަފައި އޮތުން މުހިއްމު ކަމަށެވެ. ސޫރިޔާ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިންނާ ދެމެދު ހަނގުރާމަ ނުކުރާ ސަރަހައްދުތައް މިހާރަށް ވުރެ އިތުރުކުރަން މަސައްކަތް ކުރުމާ ބެހޭ ގޮތުން ލަވްރޯވްއާއި ސަފާދީ މަޝްވަރާކުރެއްވިއެވެ.

ސޫރިޔާ ސަރުކާރާއި އެގައުމުގެ އިދިކޮޅު ހަނގުރާމަވެރިންނާ ދެމެދު ސުލްހަކުރަން ރަޝިޔާއިން އިސްނަގައިގެން ބާއްވާ މަޝްވަރާތަކެއް މޭމަހުގެ ތިންވަނަ ދުވަހާއި ހަތަރުވަނަ ދުވަހު ކަޒަކިސްތާނުގެ ވެރިރަށް އަސްތާނާގައި ބާއްވަން ވަނީ ނިންމާފައެވެ. އެ މަޝްވަރާތަކަށް އީރާނާއި ތުރުކީންވެސް ތާއީދުކުރެއެވެ.

އަހުލީ ހަނގުރާމައެއްގެ ގޮތުގައި ފެށުނު ނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކެއް ބައިވެރިވާ ހަނގުރާމައަކަށް ބަދަލުވެފައިވާ ސޫރިޔާ ހަނގުރާމައިގައި މިހާތަނަށް ގާތްގަނޑަކަށް 500000 މީހުން ވަނީ މަރުވެފައެވެ. އަދި އެތައް މިލިޔަން މީހުންނެއް ގައުމުދޫކޮށް ގޮސްފައި ވާއިރު ގެދޮރު ނެތި ހާލުގައި ޖެހިފައިވާ އެތައް މިލިޔަން މީހުންނެއް އެގައުމުގައި އެބަތިއްބެވެ.