ދުނިޔެ

ގަވައިދާ ހިލާފަށް ނިއުކްލިއަ ހަތިޔާރު ގެންގުޅެނީ އިޒްރޭލު: އުތުރު ކޮރެއާ

Apr 30, 2017
1

މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ގަވައިދާ ހިލާފަށް ނިއުކްލިއަ ހަތިޔާރު އުފައްދާ ހަމަ އެކަނި ގައުމަކީ އިޒްރޭލުކަމަށް ބުނެ، އުތުރުކޮރެއާއިން އެގައުމަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އުތުރުކޮރެއާއިން އިޒްރޭލަށް ފާޑުކީ އުތުރުކޮރެއާއަކީ އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުން އަކީ މޮޔަ ބޭފުޅެއްގެ ގޮތުގައި އިޒްރޭލުން ސިފަކުރުމުންނެވެ. އިބްރީބަހުން ނެރޭ އިޒްރޭލުގެ ނޫހެއްކަމަށްވާ ވައްލާ އަށް ދެއްވި އިންޓަވިއުއެއްގައި އެގައުމުގެ ފޮރިން މިނިސްޓަރު އަވިގްޑޯރް ލީބަމަން ވިދާޅުވެފައި ވަނީ ކިމް ޖޮން އުން އަކީ " ދުނިޔޭގެ ހަމަޖެހުން ނަގައިލަމުންދާ ހައްދުފަހަނައަޅާފައިވާ މޮޔަ ގްރޫޕެއްގެ ވެރިޔަކަށް ހުރި މޮޔަމީހެއް" ކަމަށެވެ.

ލީބަމަންގެ އެވާހަކަފުޅު އުތުރުކޮރެެއާއިން ސިފަކޮށްފައި ވަނީ "ދަހިވެތި ނުލަފާ ވާހަކައެއް"ގެ ގޮތުގައެވެ. އަދި އެއީ އިޒްރޭލުން ފަލަސްތީނު މީހުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ފޮރުވަން ވެގެން ދެއްކި ވާހަކައެއް ކަމަށް ވެސް އުތުރު ކޮރެއާއިން ބުންޏެވެ.

" އެމެރިކާގެ މަދަދާއި އެކު، މެދުއިރުމަތީގައިވާ ނުއުކްލިއަ ހަތިޔާރު އުފައްދާ ހަމަ އެކަނި ގައުމަކީ އިޒްރޭލު. އެކަމަކު ހަމަ ފުރުސަތެއް ލިބޭ އިރަށް އުތުރުކޮރެއާގެ ނިއުކްލިއަ މަޝްރޫއާ ދެކޮޅަށް އިޒްރޭލުން އަޑު އުފުލާ،" އުތުރުކޮރެއާގެ ފޮރިން މިނިސްޓަރީގެ ތަރުޖަމާނު ވިދާޅުވި ކަމަށް އެގައުމުގެ ސަރުކާރުގެ ނިއުސް އެޖެންސީ ކޭސީއެންއޭ އިން ބުންޏެވެ.

އިޒްރޭލަކީ އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގާ ގައުމެއް ކަމަށް ވެސް އުތުރުކޮރެެއާއިން ވަނީ ސިފަކޮށްފައެވެ.

އިޒްރޭލުގައި ނިއުކްލިއަ ހަތިޔާރު ހުރިކަމަކަށް ވެސް ނުވަތަ ނެތް ކަމަކަށް ވެސް އިޒްރޭލުން ފާޅުގައި މިހައިތަނަށް ބުނެފައެއް ނުވެއެވެ. ނަމަވެސް އިޒްރޭލުގައި ގިނަ އަދަދެެއްގެ ނިއުކްލިއަ ވޯހެޑް ހުންނާނެ ކަމަށް ދުނިޔޭގެ ގައުމުތަކުން ގަބޫލުކުރެއެވެ.

އުތުރުކޮރެއާއާއި އިޒްރޭލާ ދެމެދު ބަހުގެ ހަމަލާތައް ބަދަލުކޮށްފައި ވާއިރު އުތުރުކޮރެެއާގެ ނިއުކްލިއަ މަޝްރޫއާ ހެދި އެމެރިކާއިން ވެސް ދަނީ އެގައުމާ ޒުވާބުކުރަމުންނެވެ.

އުތުރު ކޮރެއާއާ އެމެރިކާއާ ދެމެދު ހިނގާ ޒުވާބު ހޫނުވީ އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލްތައް ޓެސްޓް ކުރުން ފަހަކަށް އައިސް އިތުރު ކުރުމުންނެވެ. ކޮރެއާ މައްސަލައިގައި އެމެރިކާއަށް ތާއީދު ކުރަނީ ޖަޕާނާއި ދެކުނު ކޮރެއާއިންނެވެ. އެކަމުގައި މިފަހަރު އެމެރިކާއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ޗައިނާއިން ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް އެ ގައުމުން އެންމެ ފަހުން ކުރި ގިނަ ޓެސްޓްތައް ވަނީ ނާކިޔާބު ވެފައެވެ. އުތުރު ކޮރެއާއިން މިދިޔަ އަހަރު ނިއުކްލިއަ ޓެސްޓްތަކެއް ވެސް ކުރިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ އުތުރު ކޮރެއާއިން އެމެރިކާއަށް ނިއުކްލިއަ ހަމަލާއެއް ދިނުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. ކޮރެއާ ހުއްޓުވަން ކޮންމެ ފިޔަވަޅެއް ވެސް އަޅަން އެމެރިކާ ތައްޔާރަށް އޮތް ކަމަށާއި އޭގެ ތެރޭގައި އަސްކަރީ ފިޔަވަޅު ވެސް ހިމެނޭ ކަަމަށް ވެސް އޭނާ ކުރިން ވަނީ ވިދާޅުވެފައެވެ