ވިޔަފާރި

އާންމުންގެ އަތުން މިދިއަ އަހަރު 279 މިލިއަން ރުފިޔާ ސޭވް ކޮށްދިނިން: އެސްޓީއޯ

Apr 30, 2017
2
  • މިދިޔަ އަހަރު ގްރޫޕް ފައިދާ 430 މިލިއަން
  • މިދިޔަ އަހަރުވެސް އަގު ހެޔޮކޮށް މުދާ ވިއްކި

މިދިޔަ އަހަރު ވިއްކި މުދަލުން ރައްޔިތުންނަށް 279 މިލިއަން ރުފިޔާ ރައްކާކޮށްދެވިފައިވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ މިދިޔަ އަހަރުވެސް އެ ކުންފުނީގެ ވިޔަފާރި ބައްޓަން ކޮށްފައިވާނީ ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ފޯރުކޮށް ދިނުމަށް ކަމަށެވެ. މިގޮތުން މިދިޔަ އަހަރު ވިއްކި މުދަލުން ރައްޔިތުންނަށް ސޭވިންގެ ގޮތުގައި 279 މިލިއަން ރުފިޔާ ޖެހިފައިވާ ކަމަށެވެ.

"އެސްޓީއޯ އުފެދުނީއްސުރެން ވެސް އަމާޒަކީ ބޮޑު ފައިދާއެއް ނެރުމުގެ މަބަދަލުގައި ރައްޔިތުންނަށް ވީހާވެސް ހެޔޮ އަގުގައި ތަކެތި ފޯރުކޮށް ދިނުން. އަބަދުވެސް ބަލަނީ އަގުތައް ހިފެއްޓުމަށް. މި ލަނޑުދަނޑިއަށް ވާސިލްވުމަށް މިދިޔަ އަހަރު ކާމިޔާބު މަސައްކަތް ތަކެއް ކުރެވިފައިވޭ،" ޝަހީރު ވިދާޅުވި އެވެ.

ޝަހީރު ވިދާޅުވީ މިދިޔަ އަހަރު ކޮސްޓް ސޭވިންގެ ގޮތުގައި 279 މިލިއަން ފޯރުކޮށް ދެވުނުއިރު، އޭގެ ކުރީ އަހަރު 131 މިލިއަން ރުފިޔާ އަދި 2014 ވަނަ އަހަރު 15 މިލިއަން ރުފިޔާ ފޯރުކޮށްދެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ސަރުކާރު ހިއްސާވާ ކުންފުންޏެއް ނަމަވެސް މިއީ ޕީއެލްސީއެއް [ޕަބްލިކް ކުންފުންޏެއް] އެހެންވެ ހިއްސާދާރުންނަށް ދޭ ޑިވިޑެންޑަށް ވެސް ބަދަލަން ޖެހޭ. އެގޮތަށް ބަލާނަމަ ވެސް ކުންފުނިން ވަނީ ކާމިޔާބީ ތަކެއް ހޯދިފައި،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރަކީ ކަރަންޓު ސަބްސިޑީއަށް ބޮޑު ބަދަލެއް ގެނެސްފައިވާ އަހަރެއް ކަމަށެވެ.

"މިދިޔަ އަހަރު ކޮސްޓް ސޭވިންގެ ބޮޑު ބަޔަކީ ތެލުގެ އަގު ކުޑަކޮށްގެން ގެނެސްދިން ވަރު. މީގެ ފައިދާއެއް ޑިސްރިބިއުޓަރުންނަށް ވެސް ކޮންމެ ވެސް ވަރެއްގެ ފައިދާއެއް ކުރާނެ،" ޝަހީރު ވިދާޅުވި އެވެ.

އެ ކުންފުނީގެ ޗީފް ފައިނޭންސް އޮފިސަރު މުހައްމަދު މިހާދު ވިދާޅުވީ 2013 ވަނަ އަހަރު އެސްޓީއޯގެ ހާލަތު އޮތީ އެހާ ރަނގަޅަށްނޫން ކަމަށެވެ.

"އެސްޓީއޯގެ ކަރަންޓު ޑެފިސިޓް ގާތްގަނޑަކަށް ބައި ބިލިއަން ރުފިޔާ އޮތް. އަދި ތެޔޮ ބިލުގެ ގޮތުގައި ގާތްގަނޑަކަށް 130 މިލިއަން ޑޮލަރު ދައްކަން ހުރި. އޭގެ ތެރެއިން 30 މިލިއަން އޮތީ އޯވަޑިއުވެފަ. އެހެންވެ ކުއްލިއަކަށް ރައްޔިތުންނަށް ބޮޑު ކޮސްޓް ސޭވިންއެއް ނުގެނެސް ދެވުނީ. އެހެންވެ 2014 ވަނަ އަހަރު 15 މިލިއަން ރައްޔިތުންނަށް ޕާސް ކުރެވުނީ،" މިހާދު ވިދާޅުވި އެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުނިން ގްރޫޕް ފައިދާގެ ގޮތުގައި 430 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެސްޓީއޯ އެކަނި ފައިދާ އުޅެނީ 288 މިލިއަން ރުފިޔާގަ އެވެ. މާލީ ހިސާބުތައް ދައްކާ ގޮތުން އެސްޓީއޯ އިން ވަނީ ކުންފުނީގެ ދަރަނި ވަރަށް ބޮޑުތަން ކުޑަކޮށްފަ އެވެ. އެ ކުންފުނީގެ ބޯޑުން ވަނީ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 51ރ. ބަހަން އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅަން ނިންމާފަ އެވެ.