ވިޔަފާރި

އެސްޓީއޯގެ 1.5 ބިލިއަން ރުފިޔާގެ ވިޔަފާރިން 1.8 ބިލިއަން ރުފިޔާގެ އާމްދަނީ

Apr 30, 2017

އެސްޓީއޯ އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 1.5 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން 1.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯ އިން މިއަދު އާއްމު ކުރި އެ ކުންފުނީގެ ފުރަތަމަ ކުއާޓަރު (ފުރަތަމަ ތިން މަހު) ގެ މާލީ ހިސާބުތައް ދައްކާ ގޮތުން މި ކުއާޓަރުގައި އެ ކުންފުންޏަށް 61 މިލިއަން ރުފިޔާ ލިބުނެ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވަނީ 53 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނީ 134 މިލިއަން ރުފިޔާ އެވެ.

އެސްޓީއޯގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުނިން މި ކުއާޓަރުގައި 1.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 1.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މި އަހަރުގެ ފަހު ކުއާޓަރުގައި ހިއްސާއަކަށް ޖެހިފައިވަނީ 54.45ރ. އެވެ.

މާލީ ހިސާބުތަކާ ބެހޭ ގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ ކުންފުނީގެ މިހާރުގެ ފައިދާއަށް ބަލާއިރު މި އަހަރު ވަރަށް ކާމިޔާބުވާނެ ކަމަށެވެ.

"މިހާރުގެ ވިޔަފާރި މިގޮތުގައި ހުރިނަމަ 250-300 މިލިއަން ރުފިޔާގެ ފައިދާއަކަށް އެކްސްޕެކްޓް ކުރެވޭ. އިރާދުކުރެއްވިއްޔާ މި ޕްލޭންއާ އެއްގޮތަށް ޓާކެޓް އެޗީވް ކުރެވޭނެ،" ޝަހީރު ވިދާޅުވި އެވެ.