ރިޕޯޓް

ނަޝީދު މިނިވަން ކުރަން އެމީހުން ސިޓީ ލިޔާނެބާ؟

އިދިކޮޅު އެމްޑީޕީން އެންމެ އަޑު ހަރުކޮށް ދައްކާ އެއް ވާހަކައަކީ ވެރިކަމުގައި ހުންނެވިއިރު ގާނޫނާ ހިލާފަށް ފަނޑިޔާރަކު ހިފާ ހައްޔަރު ކުރުމުގެ ކުށް ސާބިތުވެގެން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ނަޝީދު މިނިވަން ކުރުމުގެ ވާހަކަ އެވެ. ނަޝީދު ވިދާޅުވާ ގޮތުގައި އެމަނިކުފާނު މައްޗަށް ފުރަތަމަ ދައުވާ އުފުއްލެވި ޕްރޮސިކިއުޓާ ޖެނެރަލް ދައުވާ ކުރައްވާފައި ވަނީ މީހަކު ބައިސްކަލް ބައްތިއެއް ވަގަށް ނަގައިގެން އުފުލާފަދަ ދައުވާއެކެވެ. އެއީ ފަނޑިޔާރަކު ހިފާ ހައްޔަރުކުރި މީހެއްގެ މައްޗަށް އުފުލަންޖެހޭ ދައުވާ ނޫންކަމުގައި ނަޝީދު ވިދާޅުވަމުން ގެންދެވި އެވެ. ނަމަވެސް އެމްޑީޕީއާއި ނަޝީދުގެ ބަސް ގަބޫލުކުރާ ބޭރުގެ ބައެއް ފަރާތްތަކުން ގަބޫލު ކުރަނީ ފަހުން ރައީސް ނަޝީދުގެ މައްޗަށް އެމަނިކުފާނު އެދި ވަޑައިގެންނެވި ގޮތަށް ދައުލަތުން ކުރި ދައުވާ އަކީ ސިޔާސީ ދައުވާއެކެވެ.

ނަޝީދުގެ މައްޗަށް ކުރިން ދައުވާކުރި ގޮތާއި ދައުވާ ހުށައެޅި ކޯޓު ގޯސް ވެގެން އެ ދައުވާ ކުރިއަށް ނުގޮސް ހުއްޓިފައި އޮއްވާ އަލުން އެ ދައުވާ ނަޝީދުގެ މައްޗަށް ދައުލަތުން އުފުލީ ނަޝީދު ބޭނުންފުޅުވެ ވަޑައިގެންނެވި ގޮތަށެވެ. ނަޝީދުގެ މައްޗަށް ދައުވާ އުފުލީއްސުރެ ޝަރީއަތަށް ހާޒިރު ކުރަން ޖެހުނު ގޮތް އަދި ހަނދާން ނެތޭހައެއް ނުވެއެވެ.

ކޯޓުގެ އަމުރަށް ގޮންޖައްސަވާ ކޯޓަށް ވަޑައެއް ނުގަންނަވައެވެ. ކޮންމެ ފަހަރަކު ވެސް ނަޝީދު ކޯޓަށް ހާޒިރު ކުރަން ޖެހުނީ ފުލުހުން މެދުވެރިކޮށް، ގަދަކަމުންނެވެ. ބައެއް ފަހަރު "ފިއްލަވައި" އޮއްވަ އެވެ. އަނެއްބައި ފަހަރު ކޮންމެވެސް ރަށެއްގައި އުޅުއްވަނިކޮށް ނުރުހުމުގަ އެވެ. ކޯޓަށް ވަޑައިގަންނަވަން ޗިޓް ފޮނުވުމުން ހަވާލުވެ ވަޑައެއް ނުގަންނަވަ އެވެ. ކޯޓުން ޗިޓް ނެރުމުން އެއް ފަހަރު ވަޑައިގެންނެވީ އިންޑިއާ ހައިކޮމިޝަނަށެވެ.

ފަހުން ނަޝީދުގެ މައްޗަށް އުފުލީ ނަޝީދު ވިދާޅުވާ ގޮތަށް ނަޝީދު ކުރެއްވި އަމަލާއި އެންމެ ގުޅޭ ގޮތަށް ޓެރަރިޒަމްގެ ދައުވާ އެކެވެ. މިދައުވާ ނަޝީދުގެ މައްޗަށް ސާބިތުވެ، ހުކުމްކޮށް ޖަލަށްލި ނަމަވެސް ނަޝީދު މިހާރު ހުންނެވީ ބޭސްފަރުވާގެ ނަމުގައި ރާއްޖެއިން ބޭރަށް ވަޑައިގެން އިނގިރޭސި ހިމާޔަތް ވެސް ހޯއްދަވައިގެންނެވެ.

ނަޝީދުގެ މައްޗަށް އުފުލި ދައުވާ އާއި ނަޝީދުގެ މައްޗަށް ކުރި ޖަލު ހުކުމް ކަމު ނުގޮސްގެން ނަޝީދުގެ ޕާޓީންނާއި ނަޝީދުގެ ބަސް ގަބޫލުކުރާ ބޭރުގެ ފަރާތްތަކުން ހުކުމާއި ދެކޮޅަށް ކުރާ ދައުވާއަކީ ނަޝީދުގެ ޝަރީއަތް މިނިވަން ނޫން ކަމަށް ކުރާ ދައުވާއެކެވެ. އެ ޝަރީއަތް ހިންގި ރާއްޖޭގެ ޝަރުއީ ނިޒާމު ކަމަކު ނުދެ އެވެ. ނަމަވެސް ނަޝީދުގެ ވެރިކަމުގައި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން ފަނޑިޔާރަކު ހިފާ ހައްޔަރު ކުރުމަކީ ކުށެއް ނޫނެކޭ ނުވަތަ އެއީ ރަނގަޅު ކަމެކޭ، މިއިން އެއްވެސް ފަރާތަކުން ނުބުނެ އެވެ. ނަޝީދު ދޫކޮށްލުމަށް ގޮވާ އަޑު އުފުލާ ފަރާތްތަކުން ނަޝީދު ކުރެއްވި އެ އަމަލާމެދު ހަދާނެ އެއްވެސް ގޮތެއް ބުނެއެއް ނުދެ އެވެ.

ގާނޫނުގެ ބޭރުން ފަނޑިޔާރަކު ހިފާ ހައްޔަރު ކުރުމަކީ ނަޝީދުގެ ވެރިކަމަށް ނިމުމެއް ގެނައި ސަބަބު ތަކުގެ ތެރެއިން އެންމެ މުހިންމު އެއް ސަބަބު ކަމުގައި ބުނެ ނަޝީދުގެ ވެރިކަން ނިމުމުން އުފާ ފާޅުކޮށް، އުފަލުން ކަރުނައަޅާ ހެއްދެވި ގާސިމް އިބްރާހިމާއި އެނޫން ވެސް ބައެއް ބޭފުޅުން މިހާރު ތިއްބެވީ ނަޝީދާއެކުގަ އެވެ. އެމްޑީޕީއާއެކުގަ އެވެ. ނަޝީދުގެ މައްޗަށް ދައުވާ އުފުލައި، ހުކުމްކޮށް ދާއިމަށް ނަޝީދު ޖަލުގައި ބަހައްޓަން ޖެހޭނެ ކަމަށް ވިދާޅުވި ސިޔާސީ ބޭފުޅުންނާއި ނަޝީދުގެ މައްޗަށް ދައުވާ އުފުލުން ލަސްވެގެން އެ ވާހަކަ ސިޔާސީ ޕޯޑިޔަމް ތަކުގައި ދެއްކެވި ބޭފުޅުން ވެސް މިއަދު ތިއްބެވީ ނަޝީދުގެ ފަހަތްޕުޅުގަ އެވެ. އޭރު ނަޝީދުގެ މައްޗަށް ބޮޑު ހުކުމެއް ނުކޮށްގެން ކަންބޮޑުވެގެން އުޅުއްވި ހުރިހާ ސިޔާސީ ލީޑަރުން މިއަދު ވިދާޅުވަމުން ގެންދަވަނީ ނަޝީދުގެ މައްޗަށް ކުރި ހުކުމް ރަނގަޅެއް ނޫނޭ އެވެ. އެބޭފުޅުން ގޮވާލައްވަނީ ނަޝީދު މިނިވަން ކުރާށެވެ.

ނަމަވެސް ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ލުއި ދެވޭނެ ގޮތާއި އެފަދަ މީހަކު މިނިވަން ކުރެވޭނެ ގޮތް ވަރަށް ސާފުކޮށް ގާނޫނެއްގައި ލިޔެފައި އެބައޮތެވެ. ނަޝީދު މިނިވަން ކުރަން ގޮވާލައްވާ ބޭފުޅުންގެ ތެރޭގައި މިދެންނެވި ގާނޫނު ފާސް ކުރުމަށް ވޯޓު ދެއްވި ބޭފުޅުން ވެސް އެބަ ތިއްބެވި އެވެ. އަދި އެބޭފުޅުން މިހާރު އެގޮތަށް އެ ގޮވާލައްވަނީ މިދެންނެވި ގާނޫނުގައި އޮތް އެއްޗެއް އެނގިވަޑައި ނުގެން ތިއްބަވައި ގެނެއްވެސް ނޫނެވެ.

ނަޝީދަށާއި އެމްޑީޕީ އަދި އެ މަނިކުފާނު މިނިވަން ކުރަން ގޮވާލަމުން ގެންދާ ބޭރުގެ ފަރާތްތަކާއި މިހާރު އިދިކޮޅުގައި ތިއްބަވައިގެން ނަޝީދު ދޫކޮށްލުމަށް ގޮވާލައްވަމުން ގެންދަވާ ފަރާތްތަކަށް ވަރަށް ހެޔޮ، އުފާވެރި ހަބަރެއް ރައީސް އަބްދުﷲ ޔާމީ މިދިއަ ހަފުތާގައި ވަނީ ދެއްވާފަ އެވެ.

ރައީސް ޔާމީން ވަނީ ނަޝީދު މިނިވަންކޮށް ދޫކޮށްލަންއެދި ވަޑައިގެން އިދިކޮޅުގައި މިހާރު ތިއްބެވި ލީޑަރުން ވަކިވަކިން ސިޓީ ފޮނުއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެބޭފުޅުން ނަޝީދު ދޫކޮށްލަން އެދިވަޑައިގެންނެވުމުން ގާނޫނު އިސްލާހު ކޮށްގެން ނަޝީދު މިނިވަން ވުމުގެ އުފާވެރި ހަބަރު އެބޭފުޅުންނަށް ރައީސް ޔާމީން އެވަނީ ސާފުކޮށް ދެއްވާފަ އެވެ.

ނަމަވެސް އުފެދޭ ސުވާލަކީ އިދިކޮޅުގައި އަތާއަތް ގުޅާލައްވައިގެން ތިއްބެވި ލީޑަރުން، ނަޝީދު މިނިވަން ކޮށްގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނެރުމަށް ރައީސަށް ސިޓީ ފޮނުއްވައިގެން އެ މަސައްކަތް ކުރައްވަފާނެތޯ އުފެދޭ ސުވާލެވެ. މިހާތަނަށް އައިއިރު އިދިކޮޅު ސިޔާސީ ލީޑަރުންގެ ފަރާތުން ރައީސް ޔާމީންގެ މި ގޮވާލެއްވުމަށް އެއްވެސް އިޖާބައެއް ދެއްވާފައެއް ނުވެއެވެ.

އިދިކޮޅުގައި މިހާރު ތިއްބެވި ހުރިހާ ލީޑަރުންނަކީ ވެސް ރާއްޖޭގެ ވެރިކަމަށް ފައި ނަންގަވައިގެން ތިއްބެވި ބޭފުޅުން ކަމަށްވާއިރު ނަޝީދު މިނިވަން ކުރުމަށް އެބޭފުޅުން ގޮވާލައްވަމުން ގެންދަވަނީ ހަމަ ހެޔޮ ނިޔަތުގައި އެކަމަށް އެދިގެން ކަމާއިމެދުވެސް ސުވާލު އުފެދެއެވެ.

ގައިމުވެސް ރައީސް އަބްދުﷲ ޔާމީން، ރައީސް ނަޝީދަށް އެ ދެއްވީ ރަނުގެ ފުރުސަތެކެވެ. ނަމަވެސް މި ފުރުސަތު ނަޝީދަށް ލިބިވަޑައިގަންނަވަން އޮތީ މިހާރު ނަޝީދާއި އެކުގައި އަތާއަތް ގުޅާ ލައްވައިގެން އެއްގަލަކަށް އަރާވަޑައިގެން ތިއްބެވި ކަމަށް ބުނާ ސިޔާސީ ލީޑަރުންގެ އެހީއާއެކުގަ އެވެ. އެބޭފުޅުންގެ އިހުލާސްތެރިކަމެއް، ރަނގަޅު ނިޔަތެއް އޮވެގެންނެވެ. ދެން މަސްރަޙު ބަދަލުވަމުންދާ ގޮތް ނަޝީދުގެ ސަޕޯޓަރުން ވެސް އަދި ނަޝީދަށް ސަޕޯޓް ނުކުރާ މީހުންވެސް ބަލަން ތިބޭނެ އެވެ.