ވިޔަފާރި

އެލައިޑުން އެސްޓީއޯއަށް 232 މިލިއަން ރުފިޔާގެ އާމްދަނީ ވައްދައިފި

  • އެލައިޑުގެ އާމްދަނި ހަލުވިކަމާއެކު މައްޗަށް
  • އިންޝުއަ ކެޕޭސިޓީ 120 މިލިއަން ޑޮލަރު
  • އެސްޓީއޯ އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރޭ

އެލައިޑު އިންޝުއަރެންސުގެ ވިޔަފާރިން އެސްޓީއޯ ގްރޫޕަށް، 232 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.

އެސްޓީއޯ އިން އާއްމުކުރި އެ ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި ކަމަށްވާ، އެލައިޑް އިންޝުއަރެންސުގެ މައި ކުންފުނީގެ އާމްދަނީގެ ބޮޑު ބައެއް ހިއްސާކޮށްފައިވެ އެވެ. އެ ކުންފުނިން މިދިޔަ އަހަރު 232 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ގްރޫޕަށް ލިބިފައިވެ އެވެ. މި އަދަދަކީ އެ ކުންފުނީގެ މައިގަނޑު ވިޔަފާރިތަކުގެ 3.3 ޕަސެންްޓް ހިއްސާ އެކެވެ.

ހިސާބުތައް ދައްކާ ގޮތުން 2012 ވަނަ އަހަރު އެލައިޑުގެ އާމްދަނީ 150 ވަރަކަށް މިލިއަން ރުފިޔާގައި ހުރި ނަމަވެސް މިހާރު އެ ކުންފުނީގެ އާމްދަނީ ވަނީ 200 މިލިއަން ރުފިޔާ ފަހަނައަޅައި ގޮސްފަ އެވެ. މީގެ މައިގަނޑު އެއް ސަބަބަކީ އެ ކުންފުނިން އާ އިންޝުއަރެންސް ޕެކޭޖުތައް ތައާރަފު ވަމުން ދިއުމެވެ.

އެލައިޑް އިންޝުއަރެންސުގެ އާމްދަނީ އިތުރުވަމުންދާއިރު، މިހާރު އެ ކުންފުންޏަކީ އިންޑިޔާ ކަނޑުގައި އޮތް އެންމެ ބޮޑު އިންޝުއަރެންސް ކުންފުނީގެ ގޮތުގައި ވަނީ ހިމެނިފަ އެވެ. އެ ކުންފުނީގެ އިންޝުއަރެންސް ގާބިލްކަން މީގެ ތިން އަހަރު ކުރިން ހުރީ 70 މިލިއަން ޑޮލަރުގަ އެވެ. ނަމަވެސް މިހާރު އެ ކުންފުނީގެ އިންޝުއަރެންސް ކެޕޭސިޓީ 120 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެ ކުންފުނިން މިދިޔަ އަހަރު ވަނީ އިއުލާނުކޮށްފަ އެވެ.