އެސްޓީއޯ

"މިފްކޯއިން އެސްޓީއޯއަށް ގެއްލުމެއް ނެތް، އޮތީ ފައިދާ"

May 1, 2017
  • މިފްކޯގެ ހާލަތު ދަނީ ރަނގަޅުވަމުން
  • ފައިދާ ކުރާ ކުންފުންޏަކަށް ވާނެ

މިފްކޯ އިން އެސްޓީއޯ އަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށާ ބަދަލުގައި ފައިދާވާ ކުންފުންޏަކަށްވާނެ ކަމަށް ބުނާ ބުނުން އެ ކުންފުނިން ތަކުރާރުކޮށްފި އެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ މާލީ ރިޕޯޓް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ މިފްކޯގެ ސަބަބުން އެސްޓީއޯ ގްރޫޕުގެ ފައިދާއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

"މިފްކޯއަކީ އަޅުގަނޑުމެންނާ ހަވާލުވިއިރު އެކަހަލަ ގޮތެއް [ގެއްލުމުގައި] އޮތް ކުންފުންޏެއް. އެހެންނަމަވެސް އިރާދުކުރެއްވިއްޔާ ކުންފުނި އަންނަނީ ރަނގަޅުވަމުން. މިފްކޯ އެސްޓީއޯއަށް ބަދަލުވުން ދެކެނީ ވަރަށް ޕޮޒިޓިވް ބަދަލެއްގެ ގޮތުގައި،" ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު މިހާދު ވިދާޅުވީ މިފްކޯގެ ސަބަބުން އެސްޓީއޯގެ ބެލެންޝީޓަށް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ.

"ވަރަށް ގިނައިން އައި ސުވާލެއް ތިއީ. މިފްކޯގެ އަސްލު ފައިނޭންސް ކޮންސޮލިޓޭޑް ކުރާނެ. އެހެންނަމަވެސް މިފްކޯގެ އެސްޓީއޯގެ ފައިނޭންސްގައި އެކައުންޓްސް ކުރެވިފައި އޮންނާނީ ކޮމަން އެކައުންޓިން އެއްޗެއް. ކޮމަން ކޮންޓްރޯލް ޓްރާންޒްޝެކްޝަނެއް. އެހެންވެ ޕްރޮފިޓް އެންޑް ލޮސް އެކައުންޓަކަށް މާބޮޑު އިމްޕެކްޓެއް ނާންނާނެ،" މިހާދު ވިދާޅުވި އެވެ.

ޝަހީރު ވިދާޅުވީ މި ބަދަލުގެ ސަބަބުން ދެ ފައިދާއެއް އެބައޮތް ކަމަށާއި އެ ދެކަންތައް ވެސް ވަރަށް ޕޮޒިޓިވް ކަމަށެވެ.

"އެސްޓީއޯގެ މައިގަނޑު ވިޔަފާރިއަކީ ތެޔޮ. މަސްވެރިން އަބަދުވެސް ތެޔޮ ބޭނުންވޭ. އެހެންވެ ތެލުގެ ވިޔަފާރި އިތުރަށް ފުޅާކުރެވި މީގެން ދެކޮޅަށް ފައިދާ އޮވޭ. އިން ރިޓާން މި ވިއްކާ މަހުން އަޅުގަނޑުމެންނަށް އެބަލިބޭ ޑޮލަރު. އެހެންވެ ބޭރު ފައިދާ ހޯދަން ބޭންކްތަކަށް ޑިޕެންޑްވާ ވަރު ކުޑަ ކޮށްދޭ،" ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯގެ ދަށަށް މިފްކޯ ގެންދިޔައީ މިދިޔަ އަހަރު އެވެ. މި ބަދަލު ގެނެސްފައިވަނީ މިފްކޯގެ ދަރަނި ބޮޑުވެ، ބަނގުރޫޓު ވުމުގެ ބިރު ހީވުމާއެކުގަ އެވެ. ނަމަވެސް އެސްޓީއޯގެ މިދިޔަ އަހަރު މާލީ ރިޕޯޓު ދައްކާ ގޮތުން މިފްކޯއަކީ އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި ހަމަޖެއްސިފަހުން، މިފްކޯއިން އެސްޓީއޯގައި 261 މިލިއަން ރުފިޔާ އާމްދަނީ ހިއްސާކޮށްފައިވެ އެވެ.