ވިޔަފާރި

މަސް ކޮށާރުތައް ފުރި، މަސް އުފުލާނެ ބޯޓެއް ގެންނަނީ

May 1, 2017
  • މަސްވެރިކަން ހުރީ ވަރަށް ރަނގަޅަށް
  • ބުދަ ދުވަހު އެކަނި 400 ޓަނުގެ މަސް
  • ރާއްޖޭގެ ރެކޯޑު މަސްވެރިކަމެއް

މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، މަސް ކުންފުނިތަކުގެ ކޮށާރުތައް ފުރުމާއެކު ރާއްޖޭން ބޭރަށް މަސް އުފުލާނެ އިތުރު ބޯޓެއް ބުދަ ދުވަހު ރާއްޖެ ގެންނަން ނިންމައިފި އެވެ.

މިފްކޯގެ މައި ކުންފުނި ކަމަށްވާ، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު "އަވަސް" އަށް ވިދާޅުވީ ބުދަ ދުވަހު މަސް އުފުލާ ކެރިއަކު ރާއްޖެ އަންނާނެ ކަމަށެވެ.

"ފެކްޓްރީތައް ފުރިފައިވާތީ މި ބޯޓު ރާއްޖެ ގެންނަނީ. ގެންނަނީ ކުއްޔަށް މަސް ބޭރު ކުރަން،" ޝަހީރު ވިދާޅުވި އެވެ. ނަމަވެސް، އަލަށް ގެންނަ ބޯޓުން އުފުލޭނެ މަހުގެ އަދަދެއް ޝަހީރު ވިދާޅެއް ނުވެ އެވެ.

މި ބޯޓު އައުމުން މަސް ގަތުން މިހާރު ކޮށްފައިވާ ލިމިޓު ދޫކޮށްލެވޭނެ ކަމަށް ބެލެވެ އެވެ.

ރާއްޖޭގައި މަސްވެރިކަން ރަނގަޅު ނުވާތާ 11 ވަރަކަށް އަހަރަށްފަހު މިހާރު މުޅި ރާއްޖޭގެ މަސްވެރިކަން ވަނީ އާދަޔާ ހިލާފަށް ރަނގަޅުވެފަ އެވެ. ރަނގަޅުވުމާއެކު، ސަރުކާރުގެ މައި ކުންފުނި މިފްކޯގެ އިތުރުން އަމިއްލަ ކުންފުނިތަކުގެ މަސް ކޮށާރުތައް ވެސް ވަނީ ފުރިބާރުވެފަ އެވެ.

ފިޝަރީޒް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިފްކޯއަށް އެކަނި ވެސް މިދިޔަ ބުދަ ދުވަހު 420 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވެ އެވެ. މީގެ ކުރިން އެއް ދުވަހެއްގެ މަތިން ރާއްޖެއަށް އެންމެ ގިނައިން މަސް ބާނާފައިވާކަމަށް 2006 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. އެއީ 454 ޓަނުގެ މަހެވެ.