އެމެރިކާއިން ކޮރެއާ ސަރަހައްދަށް ފޮނުވަން ބުނެގެން އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ މަނަވަރުތަކުގެ ކައިރިއަށް ޖަޕާނުގައި އޮތް އެންމެ ބޮޑު މަނަވަރު ފޮނުވައިފި އެވެ.
ބީބީސީ ބުނީ ހަނގުރާމަމަތީ ހެލިކޮޕްޓަރުތައް އުފުލާ އިޒޫމޯ ނަމަކަށް ކިޔާ މަނަވަރު ފޮނުވީ އެމެރިކާގެ މަތިންދާބޯޓް އުފުލާ މަނަވަރު ޔޫއެސްއެސް ކާލް ވިންސަން އާއި އެ އުޅަނދަށް މަދަދުދޭ އުޅަނދުތަކުގެ ކައިރިއަށް ދަތުރުކުރާ މުދާ އުފުލާ އުޅަނދަކަށް ހިމާޔަތް ދޭން ކަމަށެވެ.
ކޮރެއާ ސަރަހައްދަށް ދާން އެމެރިކާއިން ފޮނުވާފައިވާ ޔޫއެސްއެސް ކާލް ވިންސަން ފައްތައިލެވިދާނެ ކަމަށް އުތުރު ކޮރެއާއިން ވަނީ ބުނެފަ އެވެ. އާދީއްތަ ދުވަހު އެ ގައުމުން ވަނީ ބެލިސްޓިކް މިސައިލެއް ޓެސްޓްވެސް ކޮށްފައެވެ. ނަމަވެސް އެ ޓެސްޓް ވީ ނާކާމިޔާބެވެ.
ޖަޕާނުން ފޮނުވި މަނަަވަރާ ބެހޭ ގޮތުން ޖަޕާން ޓައިމްސް ނޫހުން ބުނީ ދިގު މިނުގައި 249 މީޓަރު ހުންނަ އިޒޫމޯއަކީ ނުވަ ހެލިކޮޕްޓަރު އުފުލޭ މަނަވަރެއް ކަމަށެވެ. އަދި އެއީ އެމެރިކާ ސިފައިން ގެންގުޅޭ އެމްފީބިއަސް ކެރިއާތަކާ އެއްގޮތް އުޅަނދެއް ކަމަށް ވެސް އެނޫހުން ބުންޏެވެ.
ޖަޕާނުގެ ކިޔޯޑޯ ނޫސް އެޖެންސީން ބުނީ އެ ގައުމުގެ ވެރިރަށް ޓޯކިޔޯގެ ދެކުނުގައިވާ ޔޮކޮސޫކާ ނަމަކަށް ކިޔާ ސަރަހައްދުން ފުރައިގެން އިޒޫމޯ ދާނީ އެމެރިކާގެ މުދާ އުފުލާ އުޅަނދުގެ ކައިރިއަށް ކަމަށެވެ. އަދި އެއުޅަނދާއެކު ދެން ދަތުރުކުރާނީ ޖަޕާނުގެ ހުޅަނގުގައިވާ ޝިކޯކޫ ނަމަކަށް ކިޔާ ރަށަށް ކަމަށެވެ.
ބައިނަލް އަގުވާމީ އަސްކަރީ ހަރަކާތްތަކުގައި ބައިވެރިވުން ޖަޕާނު ސިފައިންނަށް މަނާވެފައި އޮތް އޮތުން ނިމުކަކަށް ގެނައީ 2015 ވަނަ އަހަރު އެވެ. ޖަޕާނާ ގުޅުން ގާއިމްކޮށްފައިވާ ގައުމަކަށް އަސްކަރީ ގޮތުން މަދަދު ކުރުން ހުއްދަކުރާ ގާނޫނެއް އެ ގައުމުން ފާސްކުރީ ވެސް އެ އަހަރު އެވެ. ޒިޒޫމޯ ފޮނުވި ފޮނުވުމަކީ އެ ގާނޫނަށް އަމަލުކުރުމުގެ ގޮތުން އެޅި ފުރަތަމަ ފިޔަވަޅެވެ. އެގާނޫނަށް ޖަޕާނުގައި ވަރަށް ގިނަ ފާޑުކިއުންތައް އަމާޒުވިއެވެ. ގާނޫނަށް ފާޑުކިޔާ ފަރާތްތަކުން ދެކޭ ގޮތުގައި އެ ގާނޫނުގެ ޖަޕާނު ބޭކާރު ހަނގުރާމަތަކުގައި ބައިވެރިވުމަށް މަގުފަހިވާނެ އެވެ.
އެމެރިކާއާއި ޖަޕާނާއި ދެކުނު ކޮރެއާއިން އަސްކަރީ ހަރަކާތްތައް އިތުރު ކުރީ އެ ގައުމުތަކާ އުތުރު ކޮރެއާ ދެމެދު ހިނގަމުންދާ ޒުވާބު ހޫނުވުމުންނެވެ.
އުތުރު ކޮރެއާއާ އެމެރިކާއާ ދެމެދު ހިނގާ ޒުވާބު ހޫނުވީ އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލްތައް ޓެސްޓް ކުރުން ފަހަކަށް އައިސް އިތުރު ކުރުމުންނެވެ. ކޮރެއާ މައްސަލައިގައި އެމެރިކާއަށް ތާއީދު ކުރަނީ ޖަޕާނާއި ދެކުނު ކޮރެއާއިންނެވެ. އެކަމުގައި މިފަހަރު އެމެރިކާއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ޗައިނާއިން ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް އެ ގައުމުން އެންމެ ފަހުން ކުރި ގިނަ ޓެސްޓްތައް ވަނީ ނާކިޔާބު ވެފައެވެ. އުތުރު ކޮރެއާއިން މިދިޔަ އަހަރު ނިއުކްލިއަ ޓެސްޓްތަކެއް ވެސް ކުރިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ އުތުރު ކޮރެއާއިން އެމެރިކާއަށް ނިއުކްލިއަ ހަމަލާއެއް ދިނުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. ކޮރެއާ ހުއްޓުވަން ކޮންމެ ފިޔަވަޅެއް ވެސް އަޅަން އެމެރިކާ ތައްޔާރަށް އޮތް ކަމަށާއި އޭގެ ތެރޭގައި އަސްކަރީ ފިޔަވަޅު ވެސް ހިމެނޭ ކަަމަށް ވެސް އޭނާ ކުރިން ވަނީ ވިދާޅުވެފައެވެ.