ދުނިޔެ

ކައިވެނީގެ ހަދިޔާއަކަށް މުގުރު، އެއީ ރާބޯ ފިރިން މަތަކުރަން!

May 1, 2017

އިންޑިއާގެ މެދުތެރޭގައިވާ އެންމެ ބޮޑު ސްޓޭޓް ކަމަށްވާ މަދިޔަޕްރަދޭޝްގެ ގާރްހަކޯޓާގައި ބޭއްވި ހަފްލާައެއްގަައި ގާތްގަނޑަކަށް 700 މީހުން ކައިވެނި ކުރިއެވެ. އެ ސަރަހައްދުގެ މީހުން ފާހަގަކުރާ އިހްތިފާލެއް ކަމަށްވާ އަކްޝަޔާ ޓްރީޓިއާ ދިމާކޮށް ބޭއްވި އެ ބޮޑު ހަފްލާގައި ކައިވެނި ކުރި އަންހެނުންނަށް އެ ސްޓޭޓްގެ މިނިސްޓަރަކު ދިނީ ވަރުގަދަ ހަދިޔާއެކެވެ. އެއީ ލަކުޑިން ހަދާފައިވާ މުގުރުތަކެކެވެ.

މަދިޔަޕްރަދޭޝްގެ ރޫރަލް ޑިވެލޮޕްމެންޓް މިނިސްޓަރު ގޯޕާލް ބާރްގަވާ އަންހެންވެރިންނަށް ހަދިޔާއަށް ދިން މުގުރުތަކުގައި އިބާރާތެއް ލިޔެފައި ވެއެވެ. ހިންދީ ބަހުން ލިޔެފައިވާ އެ އިބާރާތުގެ މާނައަކީ " ރާބޯމީހުންގެ ގައިގައި ތެޅުމަށް ދޭ ހަދިޔާ. އެކަމުގެ ތެރެއަށް ފުލުހުންނެއް ނުވަންނާނެ" މިއެވެ.

މިނިސްޓަރު ވިދާޅުވެގައިވާ ގޮތުގައި ހަދިޔާއަކަށް މުގުރު ދިނީ ރާބުއިމާއި އަނިޔާކުރުން ފަދަ އަމަލުތައް ފިރިން ހިންގާ ނަމަ އެމީހުންގެ ގައިގައި ތަޅައިގަތުމަށް ކަމަށެވެ. އޭނާ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ވިދާޅުވެފައި ވަނީ ރާބޯ ފިރިންގެ ފަރާތުން ލިބޭ އަނިޔާގެ ޝަކުވާ އެ ސަރަހައްދުގެ އަންހެނުން އޭނާއަށް ގިނައިން ހުށަހަޅައެވެ.



"އަހަރެންގެ ދާއިރާގެ ރަށްފުށު ހިސާބަކަށް ނޫނީ އާބަން ސަރަހައްދަކަށް ޒިޔާރަތްކުރާ ކޮންމެ ފަހަރަކު އަންހެނުން ޝަކުވާ ކުރޭ އެމީހުންގެ ފިރިންގެ ރާބުއިމުގެ އާދަޔާ މެދު. އެމީހުން އަހަރެންނަށް މައުލޫމާތު ދޭ އެމީހުން ހޯދާ ކުޑަ އާމްދަނީ ރަލަށް ހަރަދު ކުރަން އެމީހުންގެ ފިރިން ގެންދާ ކަަމަށް. އެމީހުންނަށް (އަނބީންނަށް) ޖިސްމާނީ އަނިޔާވެސް ލިބޭ،" ޕީޓީއައި އަށް ދެއްވި އިންޓަވިއުގައި ބަގްރާ ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވެފައި ވަނީ މުގުރު ހަދިޔާ ކުރުމުގެ ހިޔާލު ލިބިވަޑައިގަތީ ފިރިމީހާ ރާބުއިން ހުއްޓުވަން އޭނާގެ ގައިގައި ތަޅަންވީތޯ އަންހެނަކު ސުވާލުކުރުމުން ކަމަށެވެ.

ރާބޯ ފިރިންގެ ފަރާތުން އަނިޔާ ލިބޭ އަންހެނުންނަށް ހަދިޔާ ކުރަން 10000 މުގުރު ތައްޔާރުކުރަން ބާގްރާ އޯޑަރު ދިނީ އެހިސާބުންނެވެ. އެއީ އެއްވެސް ހާލެއްގައި ގޯސް ހިޔާލެއް ކަމަކަށް އޭނާ ދެކެވަޑައެއް ނުގަންނަވައެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރާބުއިމުގެ ނުބައި އާދަ ހުއްޓުވުމަށް ޓަކައި މުޖުތަމައަށް ގެންނަން އެއީ ރަނގަޅު ބަދަލެކެވެ.

"ސަރުކާރަށް ނުވަތަ ފުލުހުންނަށް އެކަނި މިމައްސަލަ ހައްލެއް ނުކުރެވޭނެ. މިކަން ހައްލުކުރަން މީހުން ކުރިއަށް ނުކުންނަން ޖެހޭ. ތާރީހުން ފެންނަން އެބަހުރި ގިނަ ބަޔަކު ކަމަކާ އުޅުމުން ކަންތައްތައް ރަނގަޅުވާކަން،" ބާގްރާ ވިދާޅުވެފައި ވެއެވެ.