ރިޕޯޓް

ބައެއްގެ ވިޔަފާރި، އާންމުންގެ ޕެޓްރޯލް!

Dec 15, 2017
6

މާލޭގެ ތޮއްޖެހިފައިވާ މަގުތަކުގައި ހައްލުނުވެފައިވާ ޓްރެފިކް މައްސަލަތަކާއި ގުޅޭ ޝަކުވާތަކަކީ ހަމަ ޔަގީނުންވެސް ކޮޅުންލާނެ ޝަކުވާތަކެއް ނޫނެވެ. ޓްރެފިކުގައި ތާށިވެ ބަރުގޮނު އަޅާލަ އަޅާލައި ޕެޓްރޯލް އަންދާލަން އިނުމަކީ މިހާ ބިޒާ ދިރިއުޅުމެއް އުޅޭ އިރު ކެތްކޮށްލަން ފަސޭހަ ކަމެއް ނޫނެވެ.

ހަގީގަތް ގަބޫލުނުކުރަނީކީ ނޫނެވެ. އިރާދަކުރެއްވިއްޔާ ހިއްސުތައް ވެސް ހަމަ އެވެ. މާލޭގެ މަގުތައް ހަނިކަން އެނގެ އެވެ. މީހުން އިންތިހާއަށް ގިނަ އެވެ. ވެހިކަލްތައް އަދިވެސް ވަނީ ގިނަ އެވެ. ތަނަކަށް ގޮސް ހޭދަކުރާ ވަގުތަށް ވުރެ، އެ ތަނަކަށް ދާން މަގުމަތީގައި ހޭދަވާ ވަގުތު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މިފަދަ ހާލަތަކަށް ރާއްޖޭގެ ވެރި ރަށް މި ކުޑަކުޑަ މާލެ ވެއްޓިގެން ދާއިރު، ކަމާ ބެހޭ ފަރާތްތަކުން މިކަންތައްތަކަށް ކަނޑައަޅާފައި މި އޮތީ މަހަތުމާ ގާންދީގެ އުސޫލެވެ. ޓްރެފިކް ޖޭމުތައް ނުވެސް ފެންނަނީ އެވެ. މިކަމުގެ ޝަކުވާތަކާއި ބަރުގޮނުތަކުން މުޅި މާލޭގެ މަގުތައް ގުގުމާލާއިރު އަޑު އިވޭ ކަމަކަށް ވެސް ނުވެ އެވެ. މައްސަލަތައް ހައްލުކުރާނެ ގޮތެއްގެ ވާހަކަ ވެސް ދައްކާނެ "އޮފިޝަލަކު" ހަމަ ނުވަނީ އެވެ.

ދެންވެސް ބުނެލަން އޮތީ ހަގީގަތް ގަބޫލުކުރާ ވާހަކަ އެވެ. އިންގިލާބީ ބަދަލުތަކެއް ނުގެނެވޭނެކަން ކަނޑައެޅިގެން އެނގެ އެވެ. މި ދައްކަނީ ހަމަ ޔަގީނުންވެސް ގެނެވޭނެ ކުދި ކުދި ބަދަލުތަކެއްގެ ވާހަކަ އެވެ. މައްސަލަތައް މުޅިން ހައްލުނުވިޔަސް، ކޮންމެވެސް ވަރެއްގެ ލުޔެއް ގެނެވިދާނެ އެވެ.

ހަތަރު ފުރޮޅުލީ އުޅަނދުތައް "ދަރަޖަ" ކުރުން!

މާލޭގައި އާދަޔާހިލާފަށް ހަނި މަގުތައް ގިނަ އެވެ. އެއްފަޅީގައި ސައިކަލުތައް ޕާކުކުރަން ޖާގަ ދީފައި، ހަތަރު ފުރޮޅުލީ އުޅަނދެއް ފިޓުވަނީ ހަމަ ކިރިޔާ އެވެ. ނަމަވެސް، ހަތަރު ފުރޮޅުލީ އުޅަނދުގެ ދަރަޖައަށް މާލޭގައި ދުއްވާ ގިނަ ވެހިކަލްތައް ފެތޭތީ، މުދާ އުފުލާ ބޮޑެތި ބިޔަ ލޮރީތައް ވެސް އެއްވެސް ވިސްނާލުމެއްނެތި އެ މަގުތަކަށް ވަންނަނީ އެވެ. ކުޑަކޮށްވެސް ސީދަލަށް ސައިކަލެއް ޕާކުކޮށްފައި ހުރިނަމަ، ސައިކަލު އެއް ފަރާތްކޮށްފައި މެނުވީ އެފަދަ އުޅަނދުތަކަށް ކުރިއަށް ދެވޭނެ ހަމަ އެއްވެސް ގޮތެއް ނޯވެ އެވެ. އޭގެ ލޮރީއެއް އެކަހަލަ މަގަކުން ދުއްވޭނީ ފިނަހަކައިގެ ދުވެލީގަ އެވެ. އެ ގެއްލެނީ އާންމު މީހާގެ ހާދަ ވަގުތެކެވެ. ހާދަ ޕެޓްރޯލް އެކެވެ. މިފަދަ އުޅަނދުތައް އާންމު ގޮތެއްގައި ދާނީ މުދާބަރުކޮށްގެންނެވެ. ނޫނީ މުދާބަރުކުރާށެވެ. އާންމު މީހާގެ ސައިކަލަށް އަޅާ ޕެޓްރޯލްކޮޅުގެ ތިންބައިކޮށްފަ ދެބައި އަނދާނީ ކޮންމެވެސް ލޮރީއަކުން މުދާ ބާލާ ނިމެންދެން މަޑުކޮށްގެން އަތްއުރާލައިގެން އިންނަން ޖެހިގެންނެވެ. ރަށްޓެއްސަކު ބުނާ ގޮތުންނަމަ "އެމީހުން ވިޔަފާރި ކުރަނީ އަހަރުމެންގެ ޕެޓްރޯލްގަ އެވެ."

މީގެ އެންމެ ހެއްވާ ކަމަކީ، މުދާ ބަރުކޮށްގެންދާ ބިޔަ ލޮރީއެއްގެ މަންޒަލަކީ ގިނަ ފަހަރު އެ ހަނި މަގުތަކުގައި ހުންނަ ފިހާރައެއް ނުވަތަ ގުދަނެއް ވެސް ނޫން ކަމެވެ. އާންމު ގޮތެއްގައި އެފަދަ އުޅަނދުތައް ހަނި ގޯޅިތަކަށް ހުންގާނު އަނބުރާލަނީ "ހަތަރު ފުރޮޅުލީ" އުޅަނދުގެ ދަރަޖައިގެ ނިވަލުގައި، މަގު ކުރުކޮށްލުމަށެވެ.

ކަމާބެހޭ ފަރާތްތަކުގައި އެދެން މިއުޅެނީ، ބިޔަ ލޮރީ އެއް ނޫނީ ތެޔޮ ބައުޒަރެއްގައި ހަތަރު ފުރޮޅު އިނަސް، ކުޑަ ޕިކަޕެއް ނުވަތަ ޓެކްސީއަކާއި އެއް ދަރަޖަ ނުދިނުމަށެވެ. ހަނި މަގެއްގެ ނަޒަރުން އެއްފަހަރު ވެސް ވިސްނާލުމަށެވެ.

މުދާ އުފުލަން ވަކި ގަޑިތަކެއް ކަނޑައަޅަންވެއްޖެ!

ދެކޮޅަށް ދުއްވޭ ފުޅާ މަގު ޖެހިގެން އޮންނައިރު، އަރިމަތިން އަރައިގެންދެވޭނެ ޖާގަ ނޯންނަ މަގުތަކުން ބިޔަ އުޅަނދުތައް ދުއްވާ ނަގަނީ އެކަމަށް އެއްވެސް އުސޫލެއް ގަވައިދެއް، ހަމައެއް ލަމައެއް ނެތީމަ އެވެ. ސްކޫލަށް ދިޔުމާއި ނިމޭ ގަޑިތަކުގައި، ސްކޫލްގެ އިމާރާތް ހުންނަ ސަރަހައްދަށް ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ނުވަދޭވޭ ގޮތަށް ކޯނު އަތުރާލީމަ ކަމާބެހޭ ފަރާތްތަކުގެ ވާޖިބު އަދާވީ އެވެ. ސްކޫލްތަކާއި އިންވެގެން ދެން އޮންނަ ހުރިހާ މަގުތައް ވެހިކަލްތަކުން ފިތި ބާރުވިޔަސް ވަރިހަމަތާ އެވެ. އެފަދަ ގަޑިތަކުގައި ވެސް މުދާތައް ފުރިގެން ފަހަތުން ބަންޑުންލަމުން، ހަމައަށް ދުއްވާ ނުލެވޭ އުޅަނދުތައް މަގުތަކަށް ނިކުތުމަށް ކުޑަވެސް ހުރަހެއް ނެތެވެ.

އެންމެ ފަހުން ވެސް މިކަމަށް ހައްލެއް ގެނައުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ފިޔަވަޅެއް އެޅި އެވެ. ވަކި ގަޑިތަކެއްގައި ފެނާއި ގޭސް ޑެލިވަރީ ނުކުރެވޭގޮތަށެވެ. އެއީ ފެށުމެއްކަމަށް ހީކޮށް އެ ނިންމުމަށް ސާބަސްވެސް ދިނީމެވެ. އެކަމަކު އެންމެ ދުވަހެއް ވެސް ނުވެ އަލުން މުރާޖާ ކުރަން ކަމަށް ބުނެ އެ ނިންމުން ވެސް ވަނީ އަނބުރާ ގެންގޮސްފަ އެވެ. ސިނާއި އެކި މަސައްކަތްތަކަށާއި، މުދާ އުފުލާ ބިޔަ އުޅަނދުތައް ދުއްވާނެ ވަކި ރޫޓުތަކަކާއި ގަޑިތަކެއް ކޮންމެ ގައުމެއްގައި ވެސް އޮންނަނީ ކަނޑައަޅާފަ އެވެ. މިދައްކަނީ މާލެ އާއި ހިލާފަށް ބޮޑެތި، ފުޅާ މަގުތައް ހުންނަ ގައުމުތަކުގެ ވާހަކަ އެވެ. މާލޭގެ މަގުތަކާއި ހާލަތު ހުރި ގޮތުން، އެހެން ގައުމުތަކުގައި މިކަން ކުރާ އުސޫލު ސީދާ ނަކަލު ނުކުރެވުނު ކަމުގައި ވީ ނަމަވެސް، މާލެއަށް ފެތޭ ނޫނީ ފަރުމާކުރެވޭނެ އުސޫލެއް ހަމަނެތީ ބާވަ އެވެ؟

މިފަދަ ކަންތައްތަކަށް މިހާރު އެއްވެސް އުސޫލެއް ނެތީމަ އާންމު މީހާ ގުރުބާން ކަންބަޅިއަށް ވާންޖެހޭ ސަބަބެއް ނުވިސްނެ އެވެ. ފަހަރުގައި މި ބަދަލުތަކަކީ މިކަމަށް އޮތް ހައްލަކަށްވެސް ނުވެދާނެ އެވެ. އެއްވެސް ލުޔެއް ނުލިބުމަކީ ވެސް އެކަށިގެންވާ ކަމެކެވެ. ނުވަތަ ޓްރެފިކް މައްސަލަތައް އިތުރަށް ގޯސްވެސް ވެދާނެ އެވެ. އާންމު މީހަކަށް އެނގޭނީ ކޯޗެއް ހެއްޔެވެ؟ އެކަމަކު އެއްވެސް ކަމެއް ނުކޮށް، ދެއަތް އުރާލައިގެން ނުތިބެ، ކޮންމެވެސް ކަމެއް ކުރަންވެއްޖެތާ އެވެ.