ހަބަރު

ތިން އަހަރަށް ފަހު ސިނަމާލޭ ތާންގީތައް ސާފުކުރަން ފަށައިފި

ވާރޭ ފެން ނަގައި ރައްކާކުރަން ސިނަމާލެ ފްލެޓުތަކުގައި ގާއިމްކޮށްފައިވާ ފެން ތާންގީތައް ސާފު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން މިއަދު ފަަށައިިފި އެވެ. ހައުސިން މިނިސްޓްރީން އެ މަސައްކަތް ފަށާފައިވަނީ ތާންގީތައް ސާފު ނުކުރާތާ ތިން އަހަރަށް ފަހުގަ އެވެ.

ހައުސިން މިނިސްޓްރީގެ ކޯޑިނޭޓާރު އިބްރާހިމް ފަޔާޒް މިއަދު ވިދާޅުވީ ތާންގީތައް ސާފު ކުުރުމުގެ މަސައްކަތް ފެށީ ސިޓީ ކައުންސިލުން ކުރާ އެ މަސައްކަތް ނުކޮށް އޮންނަތާ ތިން އަހަރުވެފައި ވުމުން ފުލެޓުތަކުގައި ދިރިއުޅޭ މީހުންގެ ފަރާތުން އެކަމުގެ ޝަކުވާތައް ކުރަން ފެށުމުން ކަމަށެވެ.

ސިނަމާލެ ފްލެޓުގައި ގާއިމްކޮށްފައިވާ ހުރިހާ ތާންގީއެއް ހަފުތާއެއްގެ ތެރޭގައި ސާފުކޮށް ނިންމާނެ އެވެ. ތާންގީތައް ބޭނުންކުރަން ފެށުމުން އެ ފްލެޓުތަކުގައު ދިރިއުޅޭ ފަރާތްތަކުގެ ފެން ބިލަށްވެސް ލުޔެއް ލިބޭނެ އެވެ.

"ތާންގީތައް ސާފުކޮށް ރޯދަމަސް ފެށޭއިރު ބޭނުން ކުރެވޭނެ. އެއީ ފްލެޓުތަކުގައި ދިރިއުޅޭ މީހުންގެ ފެން ބިލުވެސް ވަރަށް ބޮޑަށް ކުޑަވާނެ ކަމެއް،" ފަޔާޒު ވިދާޅުވި އެވެ. "ތިން އަހަރެއްހާ ދުވަސްވީ ތާންގީތައް ސާފު ނުކުރާތީވެ އެ ހިދުމަތް މެދުކެނޑިފައި ހުންނަތާ."

ސިނަމާލެ ފްލެޓުތައް މަރާމާތުކޮށް ބެެލެހެއްޓުމަކީ މާލޭ ސިޓީ ކައުންސިލްގެ މެންޑޭޓުގައި ހިމެނޭ ކަމެކެވެ.