ހަބަރު

ވ އަތޮޅު ތަރައްގީކުރަން އޭޑީބީގެ އެހީއަށް އެދެނީ

ވ. އަތޮޅުގައި ތަރައްގީގެ ބޮޑެތޮ މަޝްރޫއުތަކެއް ހިންގުމަށް އޭޝިއަން ޑިވަލޮޕްމަންޓް ބޭންކް، އޭޑީބީ އަށް ޕްރޮޕޯސަލް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ވ. ފުލިދޫ ޖެޓީގެ މަސައްކަތް އިފްތިތާހު ކުރުމަށާއި އެ ދާއިރާގެ ކައުންސިލްގައި ޕީޕީއެމްއިން ކުރިމަތިލާ ކެނޑިޑޭޓުންގެ ކެމްޕޭން އިފްތިތާހު ކުރުމަށް ފުލިދޫގައި މިއަދު ބޭއްވި ރަސްމިއަޔާތުގައި މިނިސްޓަރު ވިދާޅުވީ، ވެރިކަން ކުރާ ސަރަހައްދު ނޫނީ ގްރޭޓާ މާލޭ ރީޖަންގެ ބައެއްގެ ގޮތުގައި ވ އަތޮޅު ހަމަޖެއްސުމަށް ސަރުކާރުން ނިންމައި އެކަމުގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށެވެ. އެގޮތުން ސަރުކާރުގެ ވިސްނުމަކީ ފަސޭހައިން ދަތުރުފަތުރު ކުރެވޭ ވަސީލަތްތަކާއި އިގްތިސާދީ އެހެން މަސައްކަތްތައް ވ އަތޮޅުގައި އިތުރުކޮށްގެން ސަރަހައްދަށް ތަރައްގީ ގެނައުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ވ އަތޮޅު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓެއް ހިންގުމަށް ޕްރޮޕޯސަލް އެކުލަވާލައި އޭޑީބީގެ އެހީއަށް އެދެން އަންނަނީ ތައްޔާރީތައް ވަމުންނެވެ.

"ގްރޭޓާ މާލޭ ރީޖަން ނުވަތަ ބޮޑު މާލެ ސަރަހައްދާއި ދިމާލަށް ވ. އަތޮޅު ގުޅާލުމުގެ މަސައްކަތް އަޅުގަނޑުމެންނަށް މި ވަނީ ފެށިފައި. އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް ގެ އެންމެ މަތީ ވެރިންނަށް ވ. އަތޮޅުގެ ޕްރޮޖެކްޓް ޕްރޮޕޯސަލް ހުށަހަޅާނެ،" މިނިސްޓަރު ވިދާޅުވި އެވެ. "ދަތުރު ފަތުރުގެ މައި ދޮރާށި ތަރައްގީ ނުކޮށް އެއްވެސް ކަމެއް ނުކުރެވޭނެ. ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުން ރާއްޖެ އެތެރެވާ މާ ދޮރާށި ތަރައްގީ ކުރުމަށް ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދަނީ،"

މިނިސްޓަރު ވިދާޅުވީ މިދިޔަ ދުވަސްތަކުގައި އިގްތިސާދަށް އައި ހަލުވި ދުވެއްޔާ އެކު ރާއްޖޭގެ މައި، ވެލާނާ އެއާޕޯޓް ވަނީ ތޮއް ޖެހިފަ އެވެ. އެހެންކަމުން އެއާޕޯޓް ތަރައްގީ ކުރުމަކީ މަޖުބޫރު ކަމަކަށްވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ޕްރޮޖެކްޓަށް ބޭނުންވާ ހުރިހާ ފައިސާއެއް މިހާރު ހަމަޖެހި ގިނަ މަސައްކަތްތަކެއް ފެށިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމް ސަރުކާރުން ދަނީ ރަނގަޅު ކުރަމުން ކަމަށެވެ. އެގޮތުން އައިޖީއެމްއެޗްގައި ތަރައްގީ ކުރާ 25 ބުރީގެ ޓަވަރު އަންނަ އަހަރު ހުޅުވުމާ އެކު އައިޖީއެމްއެޗަކީ ގައުމުގައި ހުރި އެންމެ ވަސީލަތް ރަނގަޅު ހޮސްޕިޓަލަށް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.