ދުނިޔެ

ނިއުކްލިއަ ޓެސްޓް ކުރުން އަވަސް ކުރާނަން: އުތުރު ކޮރެއާ

May 1, 2017
3

އެމެރިކާއިން ފިއްތުންތައް އިތުރުކުރާ ނަމަ ނިއުކްލިއަ ޓެސްޓެއް ކުރުން އަވަސް ކުރަން މަސައްކަތްކުރާނެ ކަމަށް އުތުރު ކޮރެއާއިން ބުނެފި އެވެ.

އުތުރު ކޮރެއާ ގެ ފޮރިން މިނިސްޓްރީން އެ ގައުމުގެ ސަރުކާރުގެ ރަސްމީ ނިއުސް އެޖެންސީ ކޭސީއެންއޭ މެދުވެރިކޮށް މިއަދު އާއްމުކުރި ބަޔާނެއްގައި ބުނީ ލީޑަރުން ނިންމަވައިފި ނަމަ ކޮންމެ ހިނދެއްގައި ވެސް ނިއުކްލިއަ ބާރު އެންމެ ވަރުގަދަ ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

އުތުރު ކޮރެއާއިން މިގޮތަށް އިންޒާރު ކޮށްފައި މިވަނީ އެ ގައުމަށް ފިއްތުންތައް ކުރިމަތި ކުރަން އެމެރިކާއިން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން އުތުރު ކޮރެއާއަށް ބާރުވެރިކަން ދައްކައިލުމަށް އެމެރިކާއިން ވަނީ ކޮރެއާ ސަރަހައްދަށް ދާން މަނަވަރުތަކެއް ފޮނުވާފަ އެވެ. ހަނގުރާމަމަތީ މަތިންދާ ބޯޓްތައް އުފުލާ ޔޫއެސްއެސް ކާލް ވިންސަންއާއި އެ އުޅަނދަށް މަދަދުކުރާ އުޅަނދު ތަކުން ކޮރެއާ ސަރަހައްދުގައި ފަރިތަކުރުންތަކެއް ބާއްވާނެ އެވެ. އެމެރިކާއިން ދެކުނު ކޮރެއާއަށް ފޮނުވި ނިއުކްލިއަ ހަކަތައިން ދުއްވާ ސަބްމެރިން އާއި ޖަޕާނުގެ އުޅަނދުތައް ވެސް އެ ފަރިތަކުރުންތަކުގައި ބައިވެރިވާނެ އެވެ.

އުތުރު ކޮރެއާއަށް އަސްކަރީ ބާރުދެއްކުމުގެ ހަރަކާތްތަކުގެ އިތުރުން އދ. ގެ ސަލާމަތީ މަޖިލީހުން ގަރާރުތައް ފާސްކޮށް، އުތުރު ކޮރެއާއަށް އިގުތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ވެސް އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ނިއުކްލިއަ ޓެސްޓް އަވަސްކުރަން ޖެހޭ ސަބަބުތަކުގެ ގޮތުގައި އުތުރުކޮރެއާއިން ފާހަގަކޮށްފައި ވަނީ މިކަންތައްތަކެވެ.

އުތުރުކޮރެއާއިން ނިއުކްލިއަ ޓެސްޓްތައް ކޮށް، ނުރައްކާތެރި ނިއުކްލިއަ ހަތިޔާރެއް އުފެއްދުން ހުއްޓުވުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ ގަރާރުތައް ފާސްކޮށްފައެވެ. އެގަރާރުތައް ފާސްކުރުމުގައި ވެސް އެމެރިކާއިން ވަނީ އިސްދައުރެއް އަދާކޮށްފައެވެ. އެއިން އެއްވެސް ގަރާރަކަށް ބޯ ނުލަނބައި އުތުރުކޮރެއާއިން ވަނީ މިހައިތަނަށް ނިއުކްލިއަ ފަސް ޓެސްޓެއް ކޮށްފައެވެ.