ހަބަރު

1.6 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި

މިދިޔަ ހަފްތާ ތެރޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ ގެއެއް ބަލައި ފާސްކޮށް 1.6 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި އެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނާ ގުޅޭ ގޮތުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓަ އޮފް ޕޮލިސް އައިމިނަތު ސުޒީ ފުލުހުންގެ ރަސްމީ މީޑިއާ، "ޕޮލިސް ލައިފް"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި ފުރަތަމަ ގެއިން ވެސް ޑްރަގް ބަންދުކުރަން ބޭނުންކުރާ ތަކެއްޗާއި އެތަކެތި ކިރަން ގެންގުޅުނު ދެ ޑިޖިޓަލް ކައްޓާ އާއި ޑްރަގް ހޭކިފައިހުރި ތަކެތި ފެނިފައިވާ ކަމަށެވެ. އަދި ކޯޓް އަމުރުގެ ދަށުން ބަލާ ފާސްކުރި ދެވަނަ ގެއިން 1.1 ކިލޯގެ ކެނެބިސް އާއި އެހެން ބާވަތެއްގެ މަސްތުވާތަކެތިކަމަށް ބެލެވޭ 91 ގްރާމްހުރި މަސްތުވާތަކެތި ފެނިފައިވާކަމަށް ސުޒީ ވިދާޅުވި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ އަންހެނެއް ކަމަށާއި އެދެމީހުންގެ ބަންދުގެ މުއްދަތަށް ކުރިމިނަލް ކޯޓުން 10 ދުވަސް ޖަހާފައިވާ ކަމަށް ސުޒީ ވިދާޅުވި އެވެ. މިދިޔަ މަހު ތެރޭގައި ފުލުހުން ވަނީ ހަ މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާ އެކު ދިވެއްސަކާއި ބިދޭސީއެއް ވެސް ހައްޔަރު ކޮށްފަ އެވެ. އެ މައްސަލާގައި 1.3 ކިލޯ ގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެފައި ވެއެވެ.