ކުޅިވަރު

މާޒިޔާއާ ދެކޮޅަށް މޯހަންބަގާން އުނދަގޫ ފައްތަރެއްގައި

May 2, 2017

އޭއެފްސީ ކަޕްގައި މާދަމާ މާޒިޔާއާ ދެކޮޅަށް ނިކުންނައިރު، މޯހަން ބަގާން ޓީމު އޮތީ އުނދަގޫ ހާލަތެއްގައި ކަމަށް އެޓީމުގެ އެސިސްޓެންޓް ކޯޗް، ޝަންކަރުލާލް ޗަކްރަބޯޓީ ބުނެފި އެވެ.

މާދަމާ ހަވީރު މާލޭގައި ކުޅޭ މެޗަށް، މޯހަންބަގާން ނިކުންނައިރު، މިއަހަރު ސީޒަންގައި އެޓީމަށް އެންމެ ބޮޑު ޓާގެޓެއްގެ ގޮތުގައި ކަނޑައެޅި، އައި ލީގް އެންމެ ފަހު ވަގުތު އެޓީމު އަތުން ގެއްލުނީ އެވެ. އޭގެ ކުރިން އަމިއްލަ ދަނޑުގައި މާޒިޔާ އަތުން ބަލިވެފައި ވުމަކީވެސް އެޓީމަށް ކުރިމަތިވެފައިވާ މައްސަލަ އެއްގެ ގޮތުގައި ޗަކްރަބޯޓީ ފާހަގަ ކުރި އެވެ.

"އޭއެފްސީ ކަޕަށާއި އައި ލީގަށް އަހަރުމެން ތައްޔާރުވީ އެއްކޮށް، (އައި ލީގަށް ފަހު) އަހަރެމެން ކަލްކަތާގައި ޓީމުގެ ބައްދަލުވުމެއްވެސް ބޭއްވިން، ޓީމުގެ ހާލަތަކީ، އަހަރެމެންގެ ކުޅުންތެރިން ތިބީ ކޮންމެވެސް ވަރަކަށް މޯރަލީ ޑައުން ވެފައި، އެކަމަކު އަހަރެމެން މިދަނީ ކުޅުންތެރިންނަށް ހިތްވަރު ދެމުން،"

"އަހަރުމެން ވަނީ މާޒިޔާ އަތުން ވެސް ބަލި ވެފަ، ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި، ނަމަވެސް މި ނާޒުކު ފައްތަރުގައިވެސް އޮތް ފުރުސަތަކީ އަހަރެމެން މެޗުން މޮޅުވުން، އެހެންވެ އަހަރެމެންގެ ފޯކަސް އަކީ މެޗުން މޮޅުވުން،" މާޒިޔާއާ ދެކޮޅަށް މާދަމާ ކުޅޭ މެޗުގެ ކުރިން، މިއަދު ގަލޮޅު ދަނޑުގައި ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޗަކްރަބޯޓީ ބުންޏެވެ.

ނަމަވެސް އޭނާ ބުނީ، މާދަމާގެ މެޗުގައި ކުޅުންތެރިންގެ ފަރާތުން 100 ޕަސަންޓް މަސައްކަތް ފެނިގެންދާނެ ކަމަށެވެ.

އޭއެފްސީ ކަޕް ޕްލޭއޮފްގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް، މޯހަންބަގާންގެ ހެޑް ކޯޗް ސެންޖޯއީ ސެން މާލެ އައިސްފަ އެއް ނުވެ އެވެ. އެފަހަރުވެސް، މޯހަންބަގާންގެ ޓީމު ގޮވައިގެން މާލެ އައީ ޗަކްރަބޯޓީ އެވެ.

ސެންޖޯއީ ސެން މެޗަށް ނާންނަ ސަބަބާ ބެހޭގޮތުން، ސުވާލު ކުރުމުން ޗަކްރަބޯޓީ ބުނީ، ހެޑްކޯޗަކީ މެއަށް ތަދުވެ ހިތުގެ ޕްރެޝާ މައްޗަށް ދިއުމުގެ މައްސަލަ ވެސް ހުންނަ މީހެއް ކަމަށާއި، އަރާމު ކުރުމަށް ޑޮކްޓާރު ބުނެފައިވާ ކަމަށެވެ.

"އޭނާގެ ޕްރެޝާ މައްސަލަ އެބަހުރި، ކޮންމެ ދުވަހަކުން ކޮންމެ އަހަރަކުން ޕްރެޝާ ދަނީ މަތި ވަމުން، އަދި މެޔަށްވެސް ތަދުވޭ، އެހެންވެ ޑޮކްޓަރު ވަނީ އޭނާ އަރާމު ކުރަން އަންގާފަ،"

އޭއެފްސީ ކަޕްގެ މުހިންމު މެޗު ތަކުގައިވެސް މޯހަންބަގާން، ކުޅެނީ މުހިންމު ބައެއް ކުޅުންތެރިން ނުލަ އެވެ. ޕްލޭއޮފްގައި ވެލެންސިއާ ދެކޮޅަށް ކުޅެން އައި މެޗުގައިވެސް، އެޓީމުން އައީ، މުހިންމު ބައެއް ކުޅުންތެރިން ކަލްކަތާގައި ބައިތިއްބާފަ އެވެ. ޗަކްރަބޯޓީ ބުނީ، އެއީ މޯހަން ބަގާން އަބަދުވެސް އަމަލު ކުރަމުން އަންނަ ގޮތް ކަމަށާއި ހުރިހާ ކުޅުންތެރިންނެއް އެއްވެސް މެޗެއްގައި ނުކުޅޭނެ ކަމަށެވެ.

"އެހެންވެ މި ސަބަބު މިހެން އޮތީމަ، ބައެއް ކުޅުންތެރިން ތިބޭނެ ބޭރުގައި، ބައެއް މެޗުތަކުގައި ބައެއް ކުޅުންތެރިން ކުޅޭނެ،"

އޭނާ ދެކޭ ގޮތުގައި، މި ގުރޫޕްގައި އޮތް އެންމެ ވަރުގަދަ ޓީމަކީ މާޒިޔާ ކަމަށް، ޗަކްރަބޯޓީ ބުންޏެވެ. އަދި މާޒިޔާއިން، މޮޙަންބަގާންއާ ދެކޮޅަށް އިންޑިއާގައި ކުޅުނު މެޗުގައި، ވަރަށް ރަނގަޅު ފުޓްބޯޅައެއް ކުޅުނު ކަމަށެވެ. އަދި މިދިޔަ އަހަރު މާޒިޔާއަށް ޓީމަށް ވުރެ، މިއަހަރު އެޓީމު ވަރުގަދަ ކަމަށް، ޗަކްރަބޯޓީ ބުންޏެވެ.