ކުޅިވަރު

ކުރީ މެޗާއި މެދު ނުވިސްނަން، މާދަމާވެސް މޮޅަކަށް

May 2, 2017

އޭއެފްސީ ކަޕްގައި، މާދަމާ އިންޑިއާގެ މޯހަންބަގާންއާ ދެކޮޅާށް ނިކުންނައިރު، މާޒިޔާއަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ، ކަލްކަތާގައި މޯހަންބަގާން އަތުން މޮޅުވެފައި ވުމެވެ. އެ މޮޅަކީ 13 އަހަރަށް ފަހު، އިންޑިއާގެ ކުލަބެއް އަތުން، ދިވެހި ކުލަބެއް މޮޅުވި ފުރަތަމަ މެޗެވެ.

ރަށުން ބޭރުގައި މޮޅުވެ، އަވޭ ގޯލެއް އޮތަސް، މާޒިޔާގެ ކޯޗް މަރުޔަން ސެކްލޮސްކީ ބުނީ، ކުރީގެ މެޗުގައި މޮޅު ވެފައި އޮތަސް އޭނާ އެކަމާ ނުވިސްނާ ކަމަށާއި، މާދަމާގެ މެޗަކީ ތަފާތު މެޗެއް ކަމަށެވެ. އެހެންވެ އޭނާ ދެކޭ ގޮތުގައި މާދަމާ މެޗު ފަށާނީ ވެސް 0-0 ން ނެވެ.

"އެޓީމާ ދެކޮޅަށް މޮޅުވެފައި އޮތަސް، ކޮބާ އެޑްވާންޓޭޖަކީ، މާދަމާގެ މެޗު އަހަރެމެން ފަށާނީ 1-0 އިން ނެއް ނޫން، މެޗު ފަށާނީ 0-0 އިން، އެޑްވާންޓޭޖެއް ނެތް، މާދަމާ މެޗުގައި 90 މިނެޓް ވަންދެން 11 ކުޅުންތެރިން [އަނެއް] 11 ކުޅުންތެރިންނާ ދެކޮޅަށް، ކުޅެން ޖެހޭނީ،"

"މީގެ ދެ ހަފުތާ ކުރިން ނުވަތަ މީގެ ދެހަފުތާ ފަހުން ހާސިލުވެފައި އޮތް އެއްޗަކީ ފުޓްބޯޅައިގައި މިއަދު ފައިދާ ވާނެ ކަމެއް ނޫން، މާދަމާ ހަވީރު ހަތަރުން ހަޔަކަށް، ދެ ގަޑިއިރު ވަންދެން ކުރަން އޮތް މަސައްކަތް މުހިންމު ވަނީ،"

އިންޑިއާގެ އައި ލީގް މޯހަން ބަގާންއަށް ގެއްލުމުން، އެޓީމުގެ ކުޅުންތެރިންގެ މޯރަލީ ދަށް ވެފައި ވުމުން، އެކަމުން، މާޒިޔާއަށް އެޑްވާންޓޭޖަކަށް ވާނެތޯ ސުވާލު ކުރުމުން، ސެކްލޮސްކީ ބުނީ، އެމީހުން ރާއްޖެ އައީ މެޗުން ބަލިވާން ނޫން ކަމަށާއި މެޗުން މޮޅުވެގެން މޯރަލީ ދަށްވި ބައި އަލުން ގެނައުމަށް ކަމަށެވެ.

"އަހަންނަށް އެނގޭ މި މޯރަލް އަކީ ކޮބައިކަން، އަހަރެން ކުޅުންތެރިންނަށްވެސް ވާނީ އެކަން ކިޔައި ދީފަ، މާދަމާ އަހަރެމެން ޖެހޭނީ އަހަރެމެންގެ ހުރި އެންމެ ވަރުގަދައަކަށް މަސައްކަތް ކުރަން، މޯހަންބަގާން ޓީމު އޮތްގޮތަކާ މެދު އަހަރެމެން ވިސްނާކަށް ނުޖެހޭ، އަހަރެމެން ޖެހޭނީ އަހަރެމެންނާ މެދު ވިސްނަން،" ސެކްލޮސްކީ ބުންޏެވެ.

އޭނާ ބުނީ މާލޭގައި މެޗު ކުޅެން ޖެހުނަސް އެޑްވާންޓޭޖެއް ނެތް ކަމަށާއި މެޗުގެ ފުރަތަމަ ސިކުންތުން ފަހު ސިކުންތައްވެސް މާޒިޔާ ޖެހޭނީ މެޗަށް ފޯކަސް ކޮށްގެން ތިބެން ކަމަށެވެ. އަދި ފޯކަސް ގެއްލުމުން، ބެންގަލޫރާ ދެކޮޅާށް މާޒިޔާ އަށް ލިބުނު ހިތި ތަޖުރިބާއިން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށް ސެކްލޮސްކީ ބުންޏެވެ.

މާޒިޔާއަށް އޮތް ބުރަ ޝެޑިއުލެއްގައި ކުޅެން ޖެހުމުން، އެކަމުގެ ވަރުބަލިކަން ކުޅުންތެރިންނަށް ކުރިމަތި ވެފައިވާ މައްސަލަ، ސެކްލޮސްކީ މިއަދުވެސް ފާހަގަ ކުރި އެވެ. އޭނާ ބުނީ އެ ހާލަތުގައިވެސް މާޒިޔާ ނިކުންނާނީ މެޗުން މޮޅުވާން ކަމަށެވެ.

އަދި ކުޅުންތެރިންގެ ރިކަވަރީ އަށް ގައުމީ ޓީމުގެ ފިޒީޝަން އަދި އެފްއޭއެމްގެ ނައިބުރައީސް އަހްމަދު ޝަކީބު (ޑޮކް) ފޯރުކޮށް ދިން އެހީތެރިކަން ސެކްލޮސްކީ ވަރަށް ފާހަގަ ކުރި އެވެ.