ދުނިޔެ

އީރާނާއެކު ވާހަކަ ދެެއްކުމެއް ނެތް: ސައުދީ

May 3, 2017
3

އީރާނާއި ސައުދީ އަރަބިއްޔާއިން ވާހަކަ ދައްކައި މަޝްވަރާ ކުރުމުގެ އެއްވެސް ފުރުސަތެެއް ނެތް ކަމަށް ސައުދީ އަރަބިއްޔާގެ ނުފޫޒު ގަދަ ޑިފެންސް މިނިސްޓަރު، ޑެޕިއުޓީ ކްރައުން ޕްރިންސް މުޙައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

ސައުދީ ގައުމީ ޓީވީން ރޭ ދެއްކި އިންޓަވިއުއެއްގައި މުޙައްމަދު ވިދާޅުވީ އީރާނާ ވާހަކަ ދައްކަން ނުޖެހެނީ ސަރަހައްދު ކޮންޓްރޯލް ކުރުމުގެ ވިސްނުން އީރާނުން ގެންގުޅޭތީ ކަމަށެވެ.

ސައުދީ އަރަބިއްޔާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުމާމެދު ތަފުސީލުކޮށް ވާހަކަފުޅު ދައްކަވަމުން މުޙައްމަދު ވިދާޅުވީ އީރާނުގައި ތަންކޮޅެއް މެދުމިނުގެ ސިޔާސަތުގެ ލީޑަޝިޕެއް އޮތް އިރު ސައުދީން އެ ގައުމާ ވާހަކަ ދެއްކި ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ހަރުކަށި ބަޔަކު އީރާނުގެ ލީޑަޝިޕަށް އައުމުން އެކަން ނާކާމިޔާބުވީ ކަމަށެވެ.

"އަހަރެމެންނަށް ވިސްނުނު ވާހަކަ ދައްކަން އެމީހުން ސީރިއަސްއެއް ނޫންކަން،" ސައުދީއާ އީރާނާ ދެމެދު ކުރި މަޝްވަރާތައް ހުއްޓުނު ގޮތް ކިޔައިދެއްވަމުން މުޙައްމަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އީރާނަށް ރަނގަޅު އަވަށްޓެރިއަކަށް ނުވެވިގެން އުޅެނީ އެގައުމުން ގެންގުޅޭ އަގީދާއެއްގެ ސަބަބުން ކަމަށެވެ.

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައާބެހޭ ގޮތުން ވެސް ރޭގެ އިންޓަވިއުގައި މުޙައްމަދު ވަރަށް ތަފުސީލުކޮށް ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ ސައުދީން އެ ހަނގުރާމައިގެ ތެރެއަށް ނުވަދެ ތިބި ނަމަ ހަނގުރާމަ ހިނގާނީ ސައުދީ އަރަބިއްޔާގެ އެތެރޭގައި ކަމަށެވެ. އެހެންވެ އެހިސާބަށް ނުދަނީސް ހޫސީ ހަނގުރާމަވެރިން ބަލި ކުރަން ސައުދީން މަސައްކަތް ފެށީ ކަަމަށެވެ. އަދި ވިދާޅުވީ ހޫސީން ވަރަށް އަވަހަށް ވެސް ބަލިކޮށްލެވިދާނެ ކަމަށާއި އެހެން ނަމަވެސް އެގޮތަށް މަސައްކަތް ކޮށްފި ނަމަ ގިނަ އަދަދެއްގެ ސައުދީ ސިފައިންނާއި ޔަމަނުގެ އާއްމުންގެ އެތައް ބަޔަކު މަރުވާނެ ކަމަށެވެ.

"އަހަރެމެން ބުނުމެން ނުވޭ ހަނގުރާމައަށް ދާކަށް. އެކަމަކު އެކަން ދިޔަ އަހަރެމެން ބައިވެރި ނުވެއްޖެ ނަމަ މާ ނުބައި ނަތީޖާއެއް ނުކުންނަ ހިސާބަކަށް. 2009 ވަނަ އަހަރު ބައިނަލް އަގުވާމީ ކަނޑު ދަތުރަށް ހޫސީ ހަނގުރާމަވެރިން ނުރައްކާ ކުރުމުން އަހަރެމެންނަށް ވަރަށް ނުބައި ތަޖުރިބާއެއް ކުރެވުނު. އަހަރެމެން އިތުރަށް މަޑުކުރި ނަމަ އަހަރެމެންނަށް ފެނުނީސް ހަނގުރާމަ ސައުދީ ހަނގުރާމަ ސައުދީ އަރަބިއްޔާގެ އެތެރެއަށް ބަދަލުވެފައިވާތަން އަހަރެމެންނަށް ފެނުނީސް،" އޭނާ ވިދާޅުވިއެވެ. -- އަރަބްނިއުސް