ދުނިޔެ

ސޫރިޔާ ހަނގުރާމަ ހުއްޓުވުން އެމެރިކާއާ ރަޝިޔާއިން މަޝްވަރާކޮށްުފި

May 3, 2017
1

ސޫރިޔާގެ ހަނގުރާމަ ހުއްޓުމަކަށް ގެންނަން، ހަމަލާ ބަދަލު ކުރުން ހުއްޓުމަށް ބާރު އަޅަން އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕާއި ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން އެއްބަސްވެވަޑައިގެންފިއެވެ.

ސޫރިޔާ މައްސަލައިގައި އެއް މިސްރާބަކަށް މަސައްކަތް ކުރެއްވުމަށް ޓްރަމްޕާއި ޕުޓިން އެއްބަސްވީ ފޯނުން ވާހަކަފުޅު ދައްކަވައިގެންނެވެ. ޓްރަމްޕާއި ޕުޓިންގެ ފޯނުން ވާހަކަ ދެއްކެވީ ސޫރިޔާ ސަރުކާރާ ދެކޮޅަށް އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން ދެގައުމުގެ ގުޅުން ވަރަށް ގޯސްވެފައިވާތާ ދުވަސްކޮޅެއްވެފައި ވަނިކޮށެވެ. އެދެބޭފުޅުން ފޯނުން ދެއްކެވި ވާހަކަފުޅާ ބެހޭ ގޮތުން ދެގައުމުގެ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނުގައި ވެސް ބުނެފައި ވަނީ އެއީ ބިނާކުރަނިވި ވާހަކަތަކެއް ކަމަށެވެ.

ޓްރަމްޕާއި ޕުޓިން ފޯނުން ދެއްކެވި ވާހަކަފުޅުގައި މަޝްވަރާކުރެއްވި އެހެން ކަންތައްތަކުގެ ތެރޭގައި އުތުރުކޮރެއާ މައްސަލަ ހިމެނެއެވެ. ދެބޭފުޅުން ބައްދަލު ކުރައްވާނެ ދުވަހަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.

ސޫރިޔާގެ ހަނގުރާމައިގައި ރަޝިޔާއަކީ އެ ގައުމުގެ ރައީސް ބައްޝާރުލް އަސަދަށް ފާޅުގައި މަދަދު ކުރަމުން އަންނަ ގައުމެކެވެ. އެކަން އެހެން އޮއްވައި އެމެރިކާއިން ވަނީ މިދިޔަ އޭޕްރިލްމަހު ސޫރިޔާ ސިފައިންގެ ވައިގެ މަރުކަޒަކަށް ހަމަލާދީފައެވެ. އެހަމަލާގައި ފޮނުވާލާފައި ވަނީ 59 ޓޮމޮހޯކް ކްރޫޒް މިސައިލެވެ. އެމެރިކާއިން އެހަމަލާ ދިނީ ސޫރިޔާގެ އިދުލީބުގެ ޚާން ޝައިޚޫން ނަމަކަށް ކިޔާ ރަށަށް އަސަދުގެ ސިފައިން ދިން ވިހަ ގޭހުގެ ހަމަލާއަކާ ގުޅިގެންނެވެ.

ގޭސް ހަމަލާއާ ބެހޭ ގޮތުން ސޫރިޔާ ސަރުކާރުން އޭރު ބުނީ އެއީ ހަދައިގެން ދައްކާ ވާހަކައެއް ކަމަށެވެ. ރަޝިޔާއިން ބުނީ ގޭހުގެ ސަބަބުން މީހުން މަރުވީ ސޫރިޔާ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިން ގޭސް ރައްކާ ކޮށްފައިވާ ތަަނަކަށް ވައިގެ ހަމަލާއެއް އަމާޒުވުމުން ކަމަށެވެ.

ނަމަވެސް ޓްރަމްޕާ ވާހަކަފުޅު ދެއްކެވުމަށް ފަހު ޕުޓިން ނެރުއްވި ބަޔާނުގައި ގޮވާލައްވާފައި ވަނީ އެހާދިސާ ފުރިހަމައަށް ތަހުގީގު ކުރުމަށެވެ. އަދި ކެމިކަލް ހަތިޔާރު އެއްވެސް ގޮތަކަށް ބޭނުންކުރުން ރަޝިޔާއިން ކުށްވެރިކުރާ ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.

ޓްރަމްޕާއި ޕުޓިންގެ މަޝްވަރާތަކާ ބެހޭ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސޫރިޔާގެ ރައްޔިތުން ތަހަމައްލަކު ކުރަމުންދާ ވޭން މާބޮޑުވެ، މާބޮޑަށް ދިގުލަިއގެން ގޮސްފައިވާ ކަމަށާއި ހަމަނުޖެހުން ހުއްޓުވަން ހުރިހާ އެނެމެން ވެސް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ޖެހޭ ކަމަށެވެ.

އަހުލީ ހަނގުރާމައެެއްގެ ގޮތުގައި ފެށި، ބައިނަލް އަގުވާމީ ޕްރޮކްސީ ހަނގުރާމައަކަށް ބަދަލުވެފައިވާ ސޫރިޔާ ހަނގުރާމައަށް ހަ އަަހަރު ވެފައި ވާއިރު އެހަނގުރާމައިގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ ގާތްގަނޑަކަށް 500000 އަށް އަރާފައެވެ.