ދުނިޔެ

ކައިވެނި ޕާޓީއަކަށް 3500 ޑޮލަރަށް ވުރެ ގިނައިން ހަރަދުކުރުން އަފްޣާނިސްތާނުގައި މަނާކޮށްފި

Apr 3, 2015

ކައިވެނީގެ ބޮޑު ރަސްމިއްޔާތެއް ބާއްވައި އަގުބޮޑު ހެދުން އަޅާލަން ބޭނުންވާ އަފްޣާނިސްތާނު މީހުންނަށް ފުރުސަތު ހަނިވީ އެވެ. ކައިވެނީގެ ހަފުލާތަކަށް މާގިނައިން ހަރަދުކުރާތީ އެންމެފަހުން ގާނޫނަކުން މިކަމަށް ހައްލެއް ގެންނަން ނިންމީ އެވެ.

އަފްޣާނިސްތާނުގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ވަނީ ކައިވެނި ޕާޓީއަކަށް 3500 ޑޮލަރަށް ވުރެ ގިނައިން ހަރަދު ކުރުން މަނާކުރާ ގާނޫނެއް ފާސްކޮށްފަ އެވެ.

"ހަރަދު ބޮޑު ކައިވެނި ޕާޓީތަކުގެ ސަބަބުން އިޖުތިމާއީ ވަރަށް ގިނަ މައްސަލަތައް އެބަ ނިކުމޭ. އާއިލާތަކަށް މިއީ ބޮޑު ބުރަޔަކަށް އެބަ ވޭ،" މި ގާނޫނަށް ތާއީދުކުރެއްވި މަޖިލިސް މެންބަރަކު އެންބީސީ ނިއުސް އަށް ބުނެފައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ މިފަދަ ގާނޫނެއް ހަދަން ޖެހުނީ އާއިލާތައް ދަރަނިވެރިވުމުން ސަލާމަތްތައް އާދަކާދައާ އެއްގޮތަށް ކަންކަން ގެންދިއުމަށް ބާރު އެޅުމަށް ކަމަށެވެ.

މި ގާނޫނުގައި ބުނާ ގޮތުން ކައިވެނި ޕާޓީއަަށް އެންމެ ގިނައިން ދައުވަތު ދެވޭނީ 500 މީހުންނަށެވެ. އަދި އެންމެ ގިނައިން ހަރަދު ކުރެވޭނީ ކޮންމެ މެހެމާނަކަށް 400 އަފްޣާނިސް (ގާތްގަނޑަކަށް ހަތް ޑޮލަރު) އެވެ.

ކައިވެނީގެ ބޮޑެތި ރަސްމިއްޔާތުތައް އެފަދަ ކަަންކަމުގެ ތެރޭގައި ލަވަކިޔައި ނެށުން ފަދަ ކަންކަން ތާލިބާނުންގެ ވެރިކަމުގައި އޮތީ މަނާކޮށްފަ އެވެ. ނަމަވެސް 2001 ވަނަ އަހަރު އެމެރިކާ ސިފައިން އަރައި ވެރިކަން ވައްޓާލި ފަހުން ކައިވެނި ހަފުލާތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަވެގެން ގޮސްފަ އެވެ. އެކަމަކު މިކަން އާދައަކަށް ވެގެން ދިއުމާ އެކު، ފަގީރުން ގިނަ އަފްޣާނިސްތާނުގައި ގިނަ ބަޔަކަށް ވެފައި ވަނީ އުފުލަން ޖެހޭ ވަރަށް ބޮޑު ބުރަޔަކަށެވެ.