ކުޅިވަރު

މާޒިޔާ ތަމްސީލު ކުރަނީ ގައުމު، ސަޕޯޓަރުންގެ އެހީ ބޭނުން

May 3, 2017

ރާއްޖެއަށް ވުރެ އިންޑިއާ ކިތަމެން ގޮތަކުން ވެސް ބޮޑެވެ. ނަމަވެސް، ފުޓްބޯޅައިގައި ރާއްޖޭގެ އެންމެ ވާދަވެރި ގައުމެއްގެ ގޮތުގައި ދިވެހިން ދެކެނީ އިންޑިއާ އެވެ. ގައުމީ ޓީމާއި ކުލަބު ލެވަލުގައި ވެސް، އެކަން އޮތީ އެހެންނެވެ. އޭޝިއާގެ ސިލްވާ ލެވަލުގެ މުބާރާތަށް އޭއެފްސީ އިން މިފަހަރު ގެނައި ބަދަލުގެ ސަބަބުން، ކުލަބު ލެވަލުގައި އިންޑިއާ އާއި ރާއްޖޭގެ ވަދަވެރިކަން ވަނި އިތުރު ވެފައެވެ.

އެ ވާދަ ވެރިކަމުގެ ކުރިމަތިލުން ތަކުގެ ތެރެއިން، އިންޑިއާގެ މޯހަން ބަގާންއާ ދެކޮޅަށް، މިއަދު ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު ނިކުންނާނެ އެވެ. މާޒިޔާގެ ކޯޗް މަރުޔަން ސެކްލޮސްކީ، އެދެނީ، މިއަދު މާލޭގައި ކުޅޭ މެޗުގައި، ދިވެހިން އައިސް މާޒިޔާ އަށް ސަޕޯޓް ކޮށް ދިނުމަށެވެ. އެއީ މަޒިޔާ ތަމްސީލު ކުރަނީ ދިވެހި ގައުމު ކަމަށް ވުމުން ނެވެ. ގައުމީ ޓީމުގައި ކުޅޭ ނުވަ ކުޅުންތެރިން މާޒިޔާގައި އެބަތިއްބެވެ.

"އަހަރެން އެދެނީ ދިވެހި ސަޕޯޓަރުން (މިއަދު) ދަނޑަށް އައިސް ސަޕޯޓް ދިނުމަށް، ސަބަބަކީ މި ޓީމުގެ ނުވަ ކުޅުންތެރިންނަކީ ދިވެހި ގައުމީ ޓީމުގެ ކުޅުންތެރިން، އަދި އަހަރެން ބޭނުން ބުލަން (މިއަދު) ދަނޑަށް އައިސް މާޒިޔާ އަށް ސަޕޯޓް ދިނުމަށް، މޯހަންބަގާންއަށް ސަޕޯޓް ދިނުމަކަށް ނޫން،" ސެކްލޮސްކީ ބުންޏެވެ.

އެންމެ ފަހުން ބެންގަލޫރާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗުގައި، ދިވެހިންގެ ތެރެއިން ބައެއް ސަޕޯޓަރުން، ބެންގަލޫރު ޓީމަށް ސަޕޯޓް ދިނުމުން އޭނާ ކަންބޮޑުވާ ކަމަށް، ސެކްލޮސްކީ ބުންނެވެ.

"އަހަންނަށް ބައެއް ފަހަރު ހޯމް ދަނޑުގެ އިހްސާސެއް ނުކުރެވޭ، އެންމެ ފަހުން ބެންގަލުރާ ދެކޮޅަށް ކުޅުނު މެޗުގައި 500 މީހުން ދަނޑުގައި ތިބިއިރު، ބެންގަލޫރު ލަނޑު ޖެހުމުން އޭގެތެރެއިން 200 މިހުން ގޮސް، ވަނީ އެ ޓީމާއެކު ސެލެބަރޭޓް ކޮށްފަ،" ކަންބޮޑުވުމާއެކު ސެކްލޮސްކީ ބުންޏެވެ.

މާޒިޔާ އަކީ 13 އަހަރު ފަހުން، އިންޑިއާ ކުލަބެއް ބަލި ކުރި ފުރަތަމަ ދިވެހި ޓީމެވެ. މިއީ ދިވެހި ފުޓްބޯޅައިގައި ކެތް ކުރެވޭވޭ ވަރުގެ މުއްދަތެއް ނޫނެވެ. އިންޑިއާ ކުލަބެއްގެ އަތުން ދިވެހިން މޮޅަކަށް އެދި ތިއްބައި، އެ ފަހްރު ރާއްޖެއަށް ގެނެސްދިނީ މާޒިޔާ އެވެ. ސެކްލޮސްކީ ބުނީ އެމެޗުގެ ވާހަކަ ދެއްކުން މުހިންމު ނޫން ކަމަށާއި މިއަދުގެ މެޗުގައިވެސް މާޒިޔާ ނިކުންނާނީ މޮޅުވުމުގެ އަމާޒުގައި ކަމަށެވެ.

މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނީ، ރަށުން ބޭރުގައި މޯހަންބަގާން އަތުން މޮޅުވެފައި އޮތުމަކީ، މިއަދުގެ މެޗުގައި އެކަމުން މާބޮޑު ފައިދާއެއް ކުރާނެ ކަމަެއް ނޫން ކަމަށާއި ޓީމަށް ހިތްވަރަކަށް ވާނީ، މިއަދު ސަޕޯޓަރުން އައިސް މާޒިޔާ އަށް ހިތްވަރު ދިނުމުން ކަމަށެވެ.