ޔާމީން ރަޝީދުގެ މަރު

ޔާމީންގެ މަރު: ހެކި ބޭރަށް ފޮނުވައި ތަހުލީލު ކުރަން ފަށައިފި

ބްލޮގާ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށް އެއްކޮށްފައިވާ ހެކިތައް ބޭރަށް ފޮނުވައިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޔާމިން މަރާލުމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނައިރު މިހާތަނަށް ތަހުގީގަށް އެއްކުރެވިފައިވާ ހެކިތަށް ބޭރުގެ ފޮރެންސިކް ލެބޯޓަރީތަކަށް ފޮނުވައިގެން ބަލައި ތަހުލީލުތައް ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލާގައި ފުރަތަމަ ހައްޔަރުކޮށްފައިވަނީ މިދިއަ ހޮނިހިރު ދުވަހު އުމުރުން 18 އަހަރުގެ ޒުވާނެކެވެ. މައުލޫމާތު ލިބޭ ގޮތުގައި އެމީހާއަކީ އެ ރޭ ޔާމީން ރަޝީދަށް ފާރަލަމުން ދިޔަ މީހާ އެވެ. ދެ ވަނަ މީހާ ހައްޔަރުކޮށްފައި ވަނީ އިއްޔެ އެވެ.

ފުލުހުން ވަނީ ޔާމީން ރަޝީދަށް ހަމަލާދިން ކަމަށް ބެލެވޭ ދެ މީހުންގެ ފޮޓޯ ވެސް މީގެކުރިން އާންމުކޮށްފަ އެވެ. އެ ދެ މީހުން ހައްޔަރުކުރެވިފައިވާ ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.