ދުނިޔެ

ޗައިނާއިން އުފެއްދި ފުރަތަމަ ބޮޑު މަތިންދާބޯޓް އުދުހެން ތައްޔާރުވަނީ

May 3, 2017

ބޯއިން 737 މަރުކާގެ މަތިންދާބޯޓާއި އެއާބަސް 320 މަރުކާގެ މަތިންދާބޯޓްތަކާ ވާދަ ކުރަން ޗައިނާއިން އަމިއްލައަށް އުފެއްދި ފުރަތަމަ މަތިންދާ ބޯޓްގެ ފުރަތަމަ ދަތުރު އަންނަ ހުކުރު ދުވަހު ކުރަން ނިންމައިފި އެވެ.

ޗައިނާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ކޮމާޝަލް އެއާކްރާފްޓް ކޯޕަރޭޝަން އޮފް ޗައިނާ (ކޯމެކް) އިން އުފެއްދި ސީ919 މަރުކާގެ މަތިންދާ ބޯޓަކީ ޗައިނާއިން އަމިއްލަށް އެންމެ ފުރަތަމަ އުފެއްދި އެންމެ ބޮޑު ޕެސެންޖާ މަތިންދާ ބޯޓެވެ. އެބޯޓް އުފައްދަން ޗައިނާއިން 10 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައި ވާއިރު ބޯޓް ފުރަތަމަ ފަހަރަށް އާއްމުންނަށް ދައްކާލާފައި ވަނީ 2015 ވަނަ އަހަރުއެވެ. 168 މީހުންގެ ޖާގައިގެ އެބޯޓްގެ ފުރަތަމަ ދަތުރު ފަށާނީ ހުކުރު ދުވަހު ޝަންހާއީގެ ޕޫޑޯން އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ކޯމެކްގެ ތަރުޖަމާނަކާ ހަވާލާދީ ޝަންހާއިސްޓް ނޫހުން ބުންޏެވެ.

ކޯމެކް އިން މިދިޔަ އަހަރު ބުނެފައި ވަނީ ސީ919 މަރުކާގެ މަތިންދާބޯޓް ގަތުމަށް 23 ފަރާތަކުން 570 އޯޑަރު ދީފައިވާ ކަމަށެވެ. އޭގެ ތެރެއިން ގިނަ އޯޑަރުތައް ދީފައި ވަނީ ޗައިނާ ސަރުކާރުގެ ކުންފުނިތައް ކަމަށްވާ އެއާ ޗައިނާ، ޗައިނާ ސަދަން އަދި ޗައިނާ އީސްޓާންއިންނެވެ. އަދި އޯޑަރުތަކުގެ 10 ޕަސެންޓް އައިސްފައި ވަނީ އެެހެން ގައުމުތަކުގެ އެއާލައިންތަކުންނެވެ. އެގޮތުން އޯޑަރުތައް ލިބިފައި ވަނީ އެފްރިކާގެ ބައެއް ގައުމުތަކާއި ޖަރުމަނާއި ތައިލެންޑުގެ އެއާަލައިންތަކުންނެވެ.

ގަތަރު އެއާލައިންގެ ސީއީއޯ އަކްބަރު އަލް ބާކިރު ސީއެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އޭނާ ބޭނުންވެވަޑައިގަންނަވާ ފެންވަރަށް އުފައްދައިފި ނަމަ ޗައިނާގެ މަތިންދާބޯޓް ބައްލަވައިގަންނަން ފަސްޖެހިވަޑައެެއް ނުގަންނަވާނެ ކަމަށެވެ.