ވިޔަފާރި

ތައުލީމްދޭ މަރުކަޒުތަކާއެކު ބީއެމްއެލް އިން އެއްބަސްވުމަކަށް

May 3, 2017
1

މަތީ ތައުލީމް ހާސިލްކޮށް ނިންމާ ދަރިވަރުން ވަޒީފާގެ މާހައުލަށް ނުކުތުމަށް ބޭނުންވާނެ އަމަލީ ތަޖުރިބާ ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަތީ ތައުލީމު ފޯރުކޮށްދޭ ފަސް މަރުކަޒަކާއެކު މަސައްކަތްކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

"ބީއެމްއެލް ޕްރޮސްޕެކްޓް - ކަނެކްޓިން ޓެލެންޓް ވިތް އޮޕަޗުނިޓީ" ނަމުގައި މިޕްރޮގްރާމް ހިންގުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު މެންދުރުފަހު ބޭންކްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި އެއްބަސްވުމުގެ ދަށުން ބީއެމްއެލްއިން، ކޮލެޖްތަކުގައި ކިޔެވުމުގެ އެންމެފަހު އަހަރުގެ ދަރިވަރުންނަށް ވަޒީފާގެ ބާޒާރަށް އަހުލުވެރިވުމަށް ބޭނުންވާ އަމަލީ ތަޖުރިބާ ފޯރުކޮށްދޭނެ އެވެ. އަދި މި މުއްދަތުގައި ފާހަގަ ކޮށްލެވޭ ފަދަ ނަތީޖާއެއް ދައްކާ ދަރިވަރުންގެ ތެރެއިން ބޭންކިން ދާއިރާއިން ކުރިޔަށް ދާން ބޭނުންވާ ކުދިންނަށް ބޭންކުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ވެސް ފަހި ކޮށެ ދެއެވެ. މީގެ އިތުރުން މި ފަސް ކޮލެޖުގައި ކުރިޔަށް ގެންދާ ބައެއް ކޯސްތަކަށާއި ކެރިއާ ގައިޑެންސް ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމަށް ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ނިންމާފައި ވެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ މި އެއްބަސްވުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ.

"ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ގުޅިގެން މަސްކަތްކުރުމަށް އެއްބަސްވެވުމަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއް. އަޅުގަނޑުމެން ބޭނުންވަނީ ކޮލެޖް ނުނިމެނީސް، ދަރިވަރުން ތައުލީމު ހާސިލް ކުރަމުން ދާއިރު އެއީ ހުނަރުވެރި ބަޔަކަށް ހެދުމަށް އަޅުގަނޑުމެން މުހިންމު ދައުރެއް އަދާކުރުމަށް. އަދި 'ބީއެމްއެލް ޕްރޮސްޕެކްޓް' ގެ ސަބަބުން ދަރިވަރުން ގްރެޖުއޭޓްވާއިރު އެކުދިންނަކީ ވަޒީފާގެ މާހައުލަށް ބޭނުންވާނެ ފުރިހަމަ ތަޖުރިބާ ލިބިފައިވާ ކުދިންކަން ޔަގީން ކުރެވިގެންދާނެ."

ބޭންކުން ފަށާފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭނުގެ ދަށުން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޚިދުމަތްތައް ފުޅާކުރުމަށާއި މި މަރުހަލާގެ ތެރޭގައި 150 ވަޒީފާ އަލަށް އުފެއްދުމަށް 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއް ކުރާނެކަމަށް ބޭންކުންވަނީ އިއުލާންކޮށްފައެވެ.