ފުޓްބޯޅަ ކުލަބުތަކުގެ މެދުގައި އޮންނަ ވާދަވެރި ކަމުގެ ތެރެއިން ކުލަބު ތަކުން މަސައްކަތް ކުރަން ޖެހޭނީ ގައުމަށް ފަހުރުވެރި ނަން ހޯދުމުގެ އަމާޒުގައި ކަމަށް ރައީސްުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ފުރަތަމަ ޑިވިޝަންގެ އަށް ކުލަބުގެ ވެރިންނާއި އެ ކުލަބު ތަކަށް އެހިތެރިކަން ފޯރުކޮށްދޭ ޕަބްލިކް ކުންފުނިތަކުގެ ވެރިންނާއެކު، މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވަނީ ކުރިއަށްއޮތް ތިން އަހަރުގެ ތެރޭގައި ފުޓުބޯޅައިން ސާކް ސަރަހައްދުގެ ޗެމްޕިއަންކަން ހޯދަން ހުރިހާ ކްލަބްތަކުން ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް، ކުލަބުތަކުގެ ވެރިންގެ ކިބައިން ވެސް އެދިވަޑައިގެންފަ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ވެސް ބައިވެރިވެވަޑައިގެންވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ވަރަށް ހުނަރުވެރި ޒުވާނުން ފުޓްބޯޅަ ކުޅުންތެރިން އެބަތިބި ކަމަށާއި އަދި ސަރުކާރުގެ އަމާޒަކީ ގައުމީ ޓީމު އެކުލަވާލުމުގައި ވާދަވެރިކަން އޮންނަ މިންވަރަށް ކުޅުންތެރިން އުފެއްދުން ކަމަށެވެ.
އަދި ޒުވާން ކުޅުންތެރިން އުފެއްދުމަށް ސަރުކާރުގެ ފަރާތުން ކުލަބުތަކަށް ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށް ވެސް އެމަނިކުފާން ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮމޯޝަނަލް ބަޖެޓުން ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ހަރަދު ކުރާ ގޮތަށް ސަރުކާރުން ހަމަޖައްސައި ދިނީ ރާއްޖޭގެ ފުޓުބޯޅަ ބައްޓަން ކުރުމަށް ކްލަބްތަކަށް ދިމާވެފައިވާ މާލީ ދަތިކަން ހައްލުކޮށްދެއްވުމަށް ކަމަށެވެ.
މި ރަސްމިއްޔާތުގައި، ކުލަބުތަކުގެ ފަރާތުން ރައީސް ޔާމީނަށް ވަނީ، އަގުވަޒަން ކުރުމުގެ ގޮތުން ފިލައެއް އަރުވާފަ އެވެ.